ލައިފްސްޓައިލް

"ބުލްބުލް": އަނުޝްކާގެ މުޅިން އާ ބިރުވެރި ފިލްމެއް

އާދަޔާޚިލާފު ބިރުވެރި، މޮޅު ވާހަކައެއް ކިޔައިދޭން އަނުޝްކާ ޝަރުމާ އަނެއްކާވެސް ތައްޔާރުވެއްޖެ އެވެ.

ނެޓްފްލިކްސްގައި މި މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ބުލްބުލް"ގެ ވާހަކަ ގައިން ހީބިހި ނަގާހާ ބިރުވެރިކަން ފިލްމުގެ ފުރަތަމަ އިޝްތިހާރުން ވެސް ޔަގީންކުރެވެ އެވެ.

އަނުޝްކާ ޕްރޮޑިއުސްކުރާ "ބުލްބުލް" ޑައިރެކްޓް ކޮށްފައިވަނީ އަންވިތާ ދަތު އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ދައްކަން ފަށާފައިވާއިރު ވަރަށް ބިރުވެރި ހާދިސާތަކެއް ފިލްމުގައި ހިނގާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ފުރަތަމަ އިޝްތިހާރުން ވެސް ފެންނަނީ ހަންޑި އަންހެންކުއްޖަކަށް ވާތީ އެވެ.

ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ 20 ވަނަ ގަރުނުގެ ކުރީކޮޅު އިންޑިއާގެ ބެންގާލްގައި ހިނގާ ހާދިސާ އަކަށެވެ. މި ފިލްމުގެ ތަރިންގެ ގޮތުގައި ހިމެނެނީ އަވިނާޝް ތިވާރީ، ޓްރިޕްތީ ޑިމްރީ، ރާހޫލް ބޯސް އަދި ޕަރަމްބްރާތާ އާއި ޕޯލީ ޑާމް އެވެ.

މިއީ ހަންޑި އަވަލެވުމާއި ފަންޑިތަ ހެދުމާއި ގުޅޭ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއްކަން އިޝްތިހާރުން ޔަގީން ކުރެވެ އެވެ. އަދި ފިލްމުގައި ވާނުވާއެއް ނޭނގިގެން ދެން ވާނީ ކިހިނެއްތޯ ބަލާނުލާ ބެލުންތެރިންނަށް ނުތިބެވޭ ކަހަލަ ފިލްމަކަށް މި ފިލްމު ވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

މިއީ އަވިނާޝް އާއި ޓްރިޕްރީ އެކުގައި މަސައްކަތްކުރާ ދެ ވަނަ ފިލްމެވެ. މީގެ ކުރިން މި ދެ އެކްޓަރުން ވަނީ އިމްތިޔާޒު އަލީގެ "ލައިލާ މަޖްނޫން"ގައި ލީޑް ރޯލް ކުޅެފަ އެވެ.

އަނުޝްކާ މިހާތަނަށް ޕްރޮޑިއުސްކުރި ހުރިހާ ފިލްމުތަކަކީ ވެސް ވަރަށް ޝައުގުވެރި އަދި އެހާމެ ކާމިޔާބު ފިލްމު ތަކެކެވެ. އެގޮތުން “އެންއެޗް10"، "ޕަރީ" "ޕަޓީއާލް ލޯކް" ބަލާލުމުން ވަރަށް ޝައުގުވެރި އަދި ބަލާހިތްވާ މައުލޫތަކަށް ފިލްމުތައް އުފެއްދުމުގެ ކުޅަދާނަކަން އަނުޝްކާގެ ކިބައިގައި ހުރިކަން ފާހަގަ ކުރެވެ އެވެ.