ހަބަރު

އައިލެންޑް އޭވިއޭޝަނުން ވަގުފް ބިލްޑިން އަށް ދޭންޖެހޭ ފައިސާ ދައްކައިފި

އައިލެންޑް އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ދޭން ޖެހޭ ފައިސާ އެ މިނިސްޓްރީ އަށް ދައްކާ ހަލާސް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކްް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހުސައިން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މިނިސްޓްރީގެ އިމާރާތެއް ކަމުގައިވާ ދާރުލް އީމާނުގެ ބައެއް އައިލެންޑް އޭވިއޭޝަނަށް ކުއްޔަށް ދިނީ 2016 ވަނަ އަހަރު ކަމަށެވެ. އަދި އެއްބަސްވެފައިވާ ގޮތަށް ކުއްޔަށްވާ ފައިސާ ދީފައިނުވާ ކަމަށެވެ.

ޑރ. ޢަހުމަދު ޒާހިރު ވިދާޅުވީ ފައިސާ ދީފައިނުވާ މައްސަލަ 2018 ވަނަ އަހަރުގެ އެ މިނިސްޓްރީގެ މާލީ ރިޕޯޓުން ހާމަވެފައިވާ ކަމަށާއި ކުއްޔަށްވާ އަށް މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަނުން ދައްކަންޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ ނޫން އެހެން ހުރިހާ ފައިސާއެއް މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޢަދި އެ އެއް މިލިއަން ރުފިޔާ ނުދައްކާ ހުރީ އައިލެންޑް އޭވިއޭޝަނަށް އެ މިނިސްޓްރީން އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭ ކަމަށް ބުނެ ކަމަށް މިނިސްޓަރު ވިދާލުވި އެވެ.

"އައިލެންޑް އޭވިއޭޝަނަށް އިސްލާމިކް މިނިސްޓްރީން ދޭން ޖެހޭ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި ކަމަށްބުނެ އެބޭފުޅުން އެބައިން އަޅުގަނޑުމެންނަށް ސިޓީ ފޮނުވާފަ. މި ފައިސާ އަކީ ކުރީގެ ސަރުކާރު އޮތް އިރު އެ މިނިސްޓްރީގެ މުވައްޒަފުންގެ ދަތުރުތަކަށް ނަގާފައިވާ ޓިކެޓުތަކަށް ދައްކަންޖެހޭ ފައިސާ ކަމަށް އެ ސިޓީގަ ބުނެފައިވަނީ. ދެން އެ ކަންކަން މިހާރު ބަލަމުންދަނީ." ޑރ. އަހުމަދު ޒާހިރު ވިދާޅުވި އެވެ.

ވަގުފް ބިލްޑިންގެ ފަސް ފަންގިފިލާއެއް ވަނީ އައިލެންޑް އޭވިއޭޝަނަށް ކުއްޔަށް ދީފަ އެވެ.