ބޭރު ކުޅިވަރު

ތިން ލީގެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިއަކަށް ސަންޗޭޒް

Sep 28, 2015

ދުނިޔޭގެ އެންމެ ވަރުގަދަ ލީގުތަކުގެ ތެރެއިން އެންމެ ވަރުގަދަ ތިން ލީގުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިއަކަށް އާސެނަލްގެ އެލެކްސިސް ސަންޗޭޒް ވެއްޖެ އެވެ.

ޗިލީގެ ފޯވަޑަށް މި ޝަރަފު ލިބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި އިއްޔެރޭ ލެސްޓަސިޓީ އަތުން 5-2އިން އާސެނަލް މޮޅުވި މެޗުގައި އޭނާ ހެޓްރިކް ހެދުމުންނެވެ.

ސަންޗޭޒް ވަނީ މީގެ ކުރިން އިޓާލިއަން ލީގާއި ސްޕެނިޝް ލީގުގައި ވެސް ހެޓްރިކް ހަދައިފަ އެވެ. އޭނާ ފުރަތަމަ ހެޓްރިކް ފެނިގެންދިޔައީ އިޓަލީގެ އުދިނޭޒީ އަށް ކުޅެމުންދިޔަ ދުވަސްވަރު 2011ގަ އެވެ. އެއީ އުދިނޭޒީ އާއި ޕަލާމޯ އެ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ކުޅުނު މެޗުގައި އޭނާ ހެދި ހެޓްރިކެވެ.

އޭގެ ފަހުން 23 މިލިއަން ޕައުންޑަށް ސްޕޭނުގެ ބާސެލޯނާ އަށް ބަދަލުވެ އޭނާ ހެޓްރިކް ހެދީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ ސްޕެނިޝް ލީގުގައި އެލްޗޭ އަތުން ބާސެލޮނާ 4-0އިން މޮޅުވި މެޗުގަ އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ސަންޗޭޒަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ މިހާރު ދަނީ އެންމެ މޮޅު ކުޅުން އަނެއްކާ ވެސް ތަޖުރާރު ކުރަމުން ކަމަށެވެ.