ބޭރު ކުޅިވަރު

އިންޑިއަން ސުޕަލީގު ޕްރޮމޯޓްކުރުމަށް ޕެލޭ އިންޑިޔާ އަށް

Sep 28, 2015

އިންޑިޔާގައި މިދިޔަ އަހަރު ފެށި ފުޓްބޯޅަ ލީގު ކަމަށްވާ އިންޑިއަން ސުޕަލީގު އިތުރަށް ޕްރޮމޯޓްކުރުމަށް ބްރެޒިލްގެ މަޝްހޫރު ޕެލޭ އެ ގައުމަށް ދާގޮތަށް ހަމަޖެހިއްޖެ އެވެ.

ރިޓަޔާކޮށްފައިވާ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނާއެކު އަންނަ ހޮނިހިރު ދުވަހު ފަށާ ލީގުގައި ޕްލޭ ދާނީ އެންމެ ފަހުގެ ޗެމްޕިއަން އެތްލެޓިކޯ ޑި ކަލްކަތާ ޓީމު ކުޅޭ މެޗަށެވެ. އަދި އޭނާ އެ ގައުމުގައި ދެ ދުވަހު މަޑުކުރާނެ އެވެ. މިދެދުވަހު އިންޑިޔާގެ މީޑިޔާ އާއި ފުޓްބޯޅަ ފެޑަރޭޝަނާ ބައްދަލުކުރާނެ އެވެ. އަދި ލީގުގެ މާކެޓިން ބައެއް އިވެންޓްތަކުގައި ވެސް ބްރެޒިލަށް ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ ކުރީގެ ފޯވަޑް ބައިވެރިވާނެ އެވެ.

އަށް ޓީމު ވާދަކުރާ އިންޑިއަން ސުޕަލީގުގައި ފެނިގެންދާނެ ކުރީގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ރޮބާޓޯ ކާލޮސް އާއި އެލާނޯ އަދި ފްރާންސްގެ ފްލޮރަންޓް މަލޫޑާ އާއި ނިކޮލަސް އަނެލްކާ އަދި އިޓަލީގެ މާކޯ މަޓެރާޒީ އާއި އިނގިރޭސި ކުރީގެ ކީޕަރު ޑޭވިޑް ޖޭމްސް އާއި ޕޯޗުގަލްގެ ހެލްޑާ ޕޮސްޓީގާ ފަދަ ފަރާތްތައް ހިމެނެ އެވެ.