ވޮޝިންގްޓަން (ޖޫން 21) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވައިޓް ހައުސްގައި ވަޒީފާ އަދާކުރި ދުވަސްތަކުގެ މައްޗަށް ލިޔުނު ފޮތް ޕަބްލިޝް ކުރުން ހުއްޓުވަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓަށް ހުށަހެޅި މައްސަލާގައި އެފަދަ އަމުރެއް ނެރޭނެ ޖާގައެއް ނެތް ކަމަށް ނިންމައިފި އެވެ.
އެ މައްސަލާގައި ބުނެފައި ވަނީ، އެ ފޮތުގައި ސިއްރު މައުލޫމާތު ހިމެނޭ ކަމަށް ބުނެ އެވެ.
ނަމަވެސް، އެ ފޮތް ޕަބްލިޝް ކުރުން ހުއްޓުވައިގެން، ސަރުކާރުގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ނުފެންނަ ކަމަށް ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ކުރި ހުކުމްގައި ބުނެފައިވެ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ބޯލްޓަން އަމަލު ކޮށްފައި ވީ ނަމަވެސް، އެ ފޮތުގެ އެތަކެއް ހާސް ކޮޕީއެއް މިހާރު ވެސް މީޑިއާގެ އިތުރުން ގިނަ ބަޔަކާ ހިއްސާ ކޮށްފައި ވާއިރު، ފޮތް ޕަބްލިޝް ކޮށްގެން ލިބޭނެ އިތުރު ގެއްލުމެއް ލިބޭނެ ކަމަށް ނުފެންނަކަމަށް ވެސް ފަނޑިޔާރު ބުންޏެވެ.
"ދަ ރޫމް ވެއާ އިޓް ހެޕަންޑް" ގެ ނަން ދީފައިވާ އެ ފޮތް، އާއްމުންނަށް ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އަންނަ އަންގާރަ ދުވަހެވެ.
ބޯލްޓަންގެ ފޮތުގައި ދައުލަތުގެ ބޮޑެތި ސިއްރުތައް ހިމެނޭ ކަމަށް މިދިޔަ ޖެނުއަރީ މަހު ވައިޓް ހައުސް އިން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް، ބޯލްޓަން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.
ނަމަވެސް، ޓްރަމްޕާ ދެކޮޅަށް މިއަހަރު ކުރީކޮޅު ގެންދިއަ އިމްޕީޗްމަންޓް ޝަރީއަތް ވެސް ބިނާވެފައި އޮތީ އެ ފޮތުގައި ބޯލްޓަން ކުރި ތުހުމަތުތަކެއްގެ މައްޗަށެވެ. އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމުގެ ތުހުމަތެވެ.
ޓްރަމްޕް މަގާމުން ދުރު ކުރުމަށް އިދިކޮޅު ޑިމޮކްރެޓުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.