ރެއާލް ވަޔަޑޮލިޑް އަތުން އުނދަގޫ މޮޅެއް ހޯދައި، އެތުލެޓިކޯ މެޑްރިޑް ލަލީގާގެ ތާވަލުގެ ތިންވަނަ އަށް ޖެހިލައިފި އެވެ.
ވަޔަޑޮލިޑްގެ މައްޗަށް 1-0 ން މޮޅުވެ ހޯދި ތިން ޕޮއިންޓާ އެކު އެތުލެޓިކޯ ވަނީ ކުރިން ތިން ވަނައިގައި އޮތް ސެވިއްޔާ އާ ޕޮއިންޓްގެ ގޮތުން ހަމަހަމ ކޮށްފަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 52 ޕޮއިންޓެވެ. ދެ ޓީމު ކުޅުނު ދެ މެޗު ވެސް އެއްވަރު ވެފައި ވުމުން އެ ޓުލެޓިކޯ އަށް ތިން ވަނަ ލިބެނީ ސެވިއްޔާއަށް ވުރެ ފައިދާ ލަނޑުން ކުރި ލިބުމުންނެވެ.
ރޭގެ މެޗަކީ އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލެކް ފުރިހަމަ ކުރި 101 ވަނަ ކްލީން ޝީޓް މެޗެވެ. އޭނާ ވެފައި ވަނީ ލަލީގާގެ ތާރީހްގައި އެންމެ އަވަހަށް 100 ވުރެ ގިނަ ކްލީންޝީޓް ހެދި ކީޕަރަށެވެ. އެ ރެކޯޑަށް އޭނާ ވާސިލުވީ 183 މެޗުންނެވެ. ކުރިންވެސް އެ ރެކޯޑް އޮންނަނީ އެތުލެޓިކޯ އަށް ކުޅުނު ކީޕަރެއް އަތުގަ އެވެ. އެތުލެޓިކޯގެ ކުރީގެ ކީޕަރު މިގްއިލް ރެއިނާ 100 ކްލީން ޝީޓް ހެދީ 222 މެޗުންނެވެ.
މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް އެތުލެޓިކޯގެ ޔޯއާ ފެލިކްސް، އަލްވާރޯ މޮރާޓާ އަދި ކިރަން ޓްރިޕއާއަށް ވެސް ލިބގެން ދިޔަ އެވެ. އެތުލެޓިކޯގެ ލަނޑު 81 ވަނަ މިނެޓްގައި ވިޓޯލާ ކާމިޔާބު ކުރީ ޑިއޭގޯ ކޯސްޓާ ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
ވިޓޯލާ ބޮލުން ގޯލްތެރެއަށް ބޯޅަ ފޮނުވާލި ވަގަުތު ވަޔަޑޮލިޑްގެ ކީޕަރު ހޯޒޭ ކާރޯ އޮތީ ކުރިއަށް ނުކުމެ އެވެ. ވިޓޯލާ ފޮނުވާލި ބޯޅަ ވަޔަޑޮލިޑްގެ ޑިފެންޑަރު ކިކޯ އޮލިވާސް ބޮލުން ދިފާއު ކުރި އެވެ. އެހެންނަމަވެސް އެ ބޯޅަ އޭނާ ދިފާއު ކުރީ ގޯލްގެ ލައިން ހުރަސް ކުރި ފަހުންނެވެ. ލަނޑެއްކަން ކަށަވަރު ކުރަން ޖެހުނީ ވީއޭއާރު މެދުވެރިކޮށް ބަލައިގެންނެވެ.