ފިނިޕޭޖް

ދެން މަރުތައް ފެންނާނީ މިއުޒިކް އިންޑަސްޓްރީން: ސޯނޫ ނިގަމް

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ހިންދީ ފިލްމު އިންޑަސްޓްރީގައި އެއް ބަޔަކު އަނެއް ބަޔަކަށް ތަފާތު އިލްޒާމްތައް އެޅުވުމާއި ތުހުމަތުތައް ކުރުމުގެ އޮއިވަރެއް ވަނީ ފެށިފަ އެވެ. ވަރަށް ގިނަ ފަންނާނުން ސޯޝަލް މީޑިއާގައި އެމީހުންގެ ހިތްދަތި ތަޖުރިބާތައް ވެސް މިހާރު ދަނީ ކިޔައިދެމުންނެވެ.

އެގޮތުން ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ވަރަށް ފަހުން އިންސްޓަގްރާމްގައި ޝެއާކުރި ވީޑިއޯއެއްގައި އޭނާ ބުނި ގޮތުގައި މިއުޒިކްގެ ދުނިޔޭގައި ވެސް "މިއުޒިކް މާފިއާ" ގޭންގްތައް އެބައޮތެވެ. މިފަދަ ގްރޫޕްތަކުން ދަނީ އަލަށް މިއުޒިކީ ދުނިޔެއަށް ވަންނަން މަސައްކަތްކުރާ ފަންނާނުންނަށް ތަފާތު ހުރަސްތައް ކުރިމަތިކޮށް އެމީހުންގެ މުސްތަގްބަލް ހަލާކުކޮށްލަން މަސައްކަތް ކުރަމުންނެވެ.

ސޯނޫ ބުނި ގޮތުގައި ޚުދް އޭނާ އަކީ ވެސް ބޮލީވުޑް އެކްޓަރެއްގެ ބާރުގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. ނަމަވެސް އެއީ ކޮން އެކްޓަރެއް ކަމެއް ސޯނޫ ހާމައެއް ނުކުރެ އެވެ.

"މިހާރަކަށް އައިސް އެންމެން ވެސް އެ އެކްޓަރަކާ ދިމާލަށް ތުހުމަތުގެ އިނގިލި ދިއްކުރާ އެކްޓަރު އަހަރެންގެ ކެރިއަރު ވެސް ފުނޑުފުނޑު ކޮށްލީ. އަހަރެން ލައްވާ އެއްވެސް މީހަކު ލަވަ ނުކިޔުއްވަން އޭނާ އަންގާ. ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްގެ ކެރިއަރު ވެސް ހަލާކުކޮށްލަން ވެސް މަސައްކަތް ކުރަނީ ހަމަ މި އެކްޓަރު. އެހާ ބާރުގަދަ އެކްޓަރަކަށްވެ ހުރެ އެހެން ބަޔަކަށް މިހާ ބޮޑު ގެއްލުމެއް ދޭންވީ ކީއްކުރަން،" ސޯނޫގެ ވީޑިއޯ މެސެޖުގައި ބުނެފައި ވެއެވެ.

ސޯނޫ ބުނި ގޮތުގައި މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ މަރުގެ ޚަބަރުތައް ވަރަށް އަވަހަށް ލިބެން ފެށުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.

"ސުޝާންތު މަރުވެއްޖެ. އެކްޓަރެއް މަރުވެއްޖެ. މާދަމާ ކަންނޭނގެ އިވޭނީ ލަވަކިޔުންތެރިއަކު މިގޮތަށް މަރުވި ޚަބަރު. ނުވަތަ ކޮމްޕޯސަރެއް ނުވަތަ ލިރިސިސްޓެއް އަމިއްލައަށް މަރުވި ވާހަކަ. އަލަށް މިއުޒިކް އިންޑަސްޓްރީއަށް ވަންނަން މަސައްކަތްކުރާ ޒުވާން ކުދިންނަށް މި ކަހަލަ ޕްރެޝަރާ ކުރިމަތިލާން ވަރަށް ދަތިވާނެ. އަހަރެން އެ ހުރިހާ އެންމެންނާ ވެސް ވާހަކަ ދައްކަން. އެމީހުން ލައްވާ ފިލްމުތަކުގައި މަސައްކަތް ކުރުވަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި މިއުޒިކް ކޮމްޕޯސަރުން ބޭނުންވިޔަސް މިއުޒިކް އިންޑަސްޓްރީން އެމީހުންނަށް ފުރުސަތު ދޭކަށް ބޭނުމެއް ނުވޭ. އެހެންވެ އެމީހުން ތިބީ ވަރަށް ކަންބޮޑުވެ ހަދާނެ ގޮތް ހުސްވެފައި،" ސޯނޫ ބުންޏެވެ.

ސޯނޫ ބުނި ގޮތުގައި ވަރަށް ގިނަ ފަހަރަށް އޭނާއަށް ލިބޭ ލަވަ ކިޔުމުގެ ފުރުސަތުތައް ވެސް އެންމެ ފަހު ވަގުތު އެހެން ލަވަކިޔުންތެރިޔަކަށް އެބަ ދެއެވެ. އޭނާއަކީ 1989 އިން ފެށިގެން މިއުޒިކް އިންޑަސްޓްރީގައި އުޅޭ މީހަކަށް ވެފައި އޭނާއަށް މިހެން ހަދާލާއިރު އަދި އާ ފަންނާނުންނަށް ހަދާލާނެ ގޮތް ވިސްނާލަން ސޯނޫ އެދުނެވެ.

ސޯނޫގެ ވީޑީއޯ ނިންމާލަމުން ބުނީ މިހާރު މި ހިނގާ ކަންތައްތަކާ ހުރެ މިއުޒިކް އިންޑަސްޓްރީގެ ބަޔަކު އަމިއްލައަށް މަރު ނުވުމަކީ އޭނާގެ އެދޭ ގޮތެވެ. އަދި އުންމީދުކުރަނީ އެއްވެސް މީހަކު އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.