ދިވެހި ރާއްޖެ އަލުން ހުޅުވާލުން

މި އަހަރުގެ ލަފައަކީ ހަލައްކަ ފަތުރުވެރިން!

Jun 22, 2020
3

މިއަހަރު ފެށުނީއްސުރެ، މުޅި ދުނިޔެ ކުރިމަތިލަމުން މިދާ ކޮވިޑް-19 ގެ ކާރިސާގެ ސަބަބުން ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރުފަތުރު ކުރުން މިވަނީ މުޅިން ހުއްޓިފަ އެވެ. ފުރަބަންދުގައި އެތައްދުވަހެއް ހޭދަ ކުރުމަށް ފަހު، ބައެއް ގައުމުތަކުގެ އެތެރޭގެ ދަތުރުފަތުރު ކުރުމުގެ ހުއްދަ، މިވަގުތު ދީފައިވީ ނަމަވެސް އަނެއްބައި ގައުމުތަށް އަދިވެސް ވަނީ ފުރަބަންދުގަ އެވެ.

މި ބަލި އެންމެ ފުރަތަމަ ފެނުނު ގައުމު ކަމަށްވާ ޗައިނާއިން ދާދި އަވަހަށް ބަލި ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް އިންޑިޔާއާއި އެމެރިކާފަދަ ބޮޑެތި ގައުމުތަކުގައި ބަލި ފެތުރުން މަޑުޖެހުމެއް ނެތި ދަނީ އިތުރުވަމުންނެވެ. މިއީ ދުނިޔޭގެ އެންމެ އާބާދީ ބޮޑެތި ގައުމުތަކެވެ. އަދި އެންމެ ވަރުގަދަ އިގްތިސާދުތައް ވެސް މެއެވެ. ޔޫރަޕުގައި ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ބަޑުޖެހިފައިވީ ނަމަވެސް، ބަލި ކޮންޓްރޯލް ކުރެވިއްޖެ ކަމަކަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާއިން ގަބޫލެއް ނުކުރެ އެވެ.

މިދިޔަބުރާސްފަތި ދުވަހު އެކަނިވެސް އެއްލައްކަ ފަންސާސްހާސް މީހުންނަށް މި ބަލިޖެފައި ވާތީ އެވެ. އަދި އެއީ މި ބަލި ފެށުނީއްސުރެ އެއްދުވަހެއްގައި އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނު ދުވަސްވެސް މެއެވެ.

އެހެންކަމުން، ޓޫރިޒަމަށް ބަރޯސާވާން ޖެހިފައިވާ ދުނިޔޭގެ ބައެއް ގައުމުތަކުގެ ބޯޑަރު ހުޅުވާލި ނަމަވެސް، އާއްމު ގޮތެއްގައި ގައުމުން ބޭރަށް ދަތުރުފަތުރު ކުރެވޭނެ ޙާލަތަކަށް ދުނިޔެ ރުޖޫއަވާން އަދި މަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ ބޮޑެތި ގިނަ އެއާލައިންތަކަށް މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވުމާއި، ނިއު ނޯމަލްގައި ދަތުރުފަތުރު ކުރުމާ ގުޅުންހުރި އެކިއެކި އުސޫލުތަށް މުޅިން ކަނޑައެޅި ފައިނަލްވެފައި ނުވުމާއި ވެސް އެކީގަ އެވެ. މިކަންކަމާއި ގުޅިގެން އެއާލައިންތަކުން ވިއްކާ ޓިކެޓްގެ އަގު އުފުލޭނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގައި، މި ކާރިސާއާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުރަބަންދުގައި ތިބެންޖެހިފައި ވުމުން އެތަކެއް ބައެއްގެ އާމްދަނީ މެދުކެނޑި އަދި އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ހާއްސަކޮށް މެދުފަންތީގެ އާމްދަނީ ލިބޭ އެތައްބަޔަކު މިވަގުތު ތިބީ ދަތުރުފަތުރުގެ ކަންކަމަށް ވުރެ ޒަރޫރީ ކަންކަން ފުއްދުމަށް ބޭނުންވެފަ އެވެ.

ރާއްޖެފަދަ މަންޒިލެއްގައި ޗުއްޓިއެއް ހޭދަކޮށްލަން ބޭނުން ވެދާނެ "އަޕަމިޑްލް" ކްލާސް ސެގްމެންޓްގެ މީހުންނަށް އަގު ހެޔޮ އެހެން ޗޮއިސްތައް އެބަހުއްޓެވެ. "އެލީޓް" ސެގްމެންޓްގެ ފަތުރުވެރިން އެބަޔަކު ބޭނުންވާ މަންޒިލިކަށް ދަތުރުކު ރުމަކަށް ބޭނުން ފެންވަރެއްގެ ޗުއްޓީއެއް ހޭދަ ކުރުމަކަށް މާ ބޮޑު ހުރަހެއް ނެތެވެ.

ނަމަވެސް އެލީޓް ސެގްމެންޓަކީ އަޕަމިޑްލް ސެގްމެންޓާ ބަލާއިރި ސައިޒްގެ ގޮތުން ކުޑަ ސެގްމެންޓެކެވެ. މިދެ ސެގްމެންޓުން ވެސް ބޭނުންވާ އަދަދަށް ފަތުރުވެރިން ރާއްޖެ އިހުތިޔާރުކޮށް ޒިޔާރަތްކުރުން ބިނާ ވާނީ ކަމާބެހޭ ފަރާތްތަކުން ކުރާ އިޝްތިހާރާއި ޕޮރަމޯޝަން ތަކުގެ ކާމިޔާބު ކަމުގެ މައްޗަށެވެ. ރާއްޖެއިން ކުރާ ޑެސްޓިނޭޝަން މާކެޓިން އާއި، ޕްރޮޑަކްޓް މާކެޓިން ކެމްޕެއިންތަކުގެ އިފެކްޓިވް ކަމުގެ މައްޗަށެވެ.

އަލުން ހުޅުވާލާއިރު ރާއްޖެއަށް އެ ގައުމަކުން އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް ޒިޔާރަތް ކުރަމުން އައި، އަދި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ޗައިނާގެ ފަތުރުވެރިން އަންނާނެ ނިސްބަތް ބިނާ ވާނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށް ބެލެވެ އެވެ.

ދެވަނަޔަށް އެންމެ އާބާދީ ބޮޑު އަދި ރާއްޖެއާ އެންމެ ކައިރި ގައުމު ކަމަށްވާ އިންޑިޔާއިން، އެ ގައުމުން ބޭރަށް ދަތުރުފަތުރު ކުރަން ފެށޭނެ ކަމަށް މިވަގުތު ބެލެވެނީ އަދި ދެތިން މަސް ފަހުންނެވެ.

ޔޫރަޕުން ބޭރަށް ދަތުރު ފަތުރުކުރުން ދާދި އަވަހަށް ފެށިދާނެ ކަމަށް ބެލެވުނަސް ރާއްޖެ ހުޅުވާލާ ދުވަހަކާއި، ރާއްޖޭގެ ނިއުނޯމަލް ގައިޑްލައިންތައް ފައިނަލްވެފައި އަދިވެސް ނުވެއެވެ. ރިސޯޓްތަކުން އަމަލު ކުރަންޖެހޭ މިންގަޑުތަކަށް ރިސޯޓްތައް ތައްޔާރުވާން ވެސް ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވޭ އިރު ނިއުނޯމަލްގައި ރިސޯޓްތައް އޮޕަރޭޓް ކުރެވޭނީ އެ ރިސޯޓެއްގެ 30 ޕަސެންޓް ކަމަށް ވެސް ބެލެވެ އެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރީ 1.7 މިލިޔަން ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރައްޖޭގެ އެވްރެޖް އޮކިއުޕަންސީހުރީ 62 ޕަސެންޓްގަ އެވެ. އެހެން ކަމުން މިހާރުގެ ހާލަތަށް ބަލާ މި އަހަރު ނިމޭއިރު ރާއްޖޭގެ އެވްރެޖް އޮކުޕަންސީ ހުންނާނެ ކަމށް ބެލެވެނީ 25 ޕަސެންޓްގަ އެވެ. އެހެން ކަމުން، މި ހުރިހާ ސަބަބުތަކާހުރެ މިއަހަރު ރާއްޖެއައް ޒިޔާރަތް ކުރާނެ ކަމަށް ބެވެނީ 600،000 ފަތުރުވެރިންނާ ކައިރި ކުރާ އަދަދެކެވެ.

އެކަމަކު މުޅި އިންޑަސްޓްރީ ގުޅިގެން ރަނގަޅު "ސްޓެރެޓެޖިކް" ވިސްނުންތަކަކާއެކު އެކަށީގެންވާ ރަނގަޅު މަސަތްކަތްތަކެއް ކުރެވިއްޖެނަމަ، މި އަދަދު އިތުރުވެދާނެ ކަމަށް ބެލެވެ އެވެ. އަދި އެއީ ކޮވިޑް-19 އިގެ ބަލިމަޑުކަން އިތުރަށް ގޯސް ނުވާނަމަ އެވެ. އެގޮތުން ވަގުތާއި ހާލަތާއިގުޅޭ ރަނގަޅު ކޮންޓެންޓް އެކުލެވޭ ވަރުގަދަ ޑެސްޓިނޭޝަން މާކެޓިން ކެންޕޭންތަކެއް، ހުރިހާ މޭޖާ މާކެޓްތަކުގައި ކުރެވެންޖެހެ އެވެ. ހަމައެއާއެކު ޕްރޮޑަކްޓް ތަކުން ޓާގެޓެޑް، ފޯކަސް ކެމްޕެއިންތަކެއް ކުރަން ޖެހެ އެވެ.

އޮޕަރޭޝަނަށް ގެނެވޭ ރިސޯޓްތަކުގެ ސޭލްސް ޓީމުތަކުން ތަފާތު ސްޓްރޭޓެޖިކް ސްކީމްތަކެއް ތައާރަފު ކުރަންޖެހެ އެވެ. ރާއްޖޭގެ ވާދަވެރި ގައުތަކުން، އެ ގައުމުތަކުގެ ޕްރޮޑަކްޓްތަކުގެ އަގު ހެޔޮކޮށް މާކެޓް ޝެއާ އިތުރު ކޮށްފާނެތީ އާއި، ރިސޯޓްތައް އޮޕަރޭޝަނަލް ހާލަތުގައި ހިންގާތީ މާލީގޮތުން ލިބިދާނެ ގެއްލުން ވީހާވެސް ކުޑަކުރުމުގެ ބޭނުމުގައި ވެސް މެއެވެ.

ދެވައްތަރެއްގެ "އަޕްގްރޭޑް" އޮފާތަކެއް ތައާރަފު ކުރެވިދާނެ ކަމަށް ދެކެމެވެ. މިގޮތުން އެ ރިސޯޓެއްގެ އެންމެ އާދައިގެ ރޫމް ކެޓެގަރީގެ ރޫމް ގަންނަ ފަތުރުވެރިޔާއަށް އެވަގުތަކު ލިބެން ހުންނަ އެއައްވުރެ މަތީ ކެޓެގަރީގެ ރޫމަކަށް "ހިލޭ" އަޕްގްރޭޑް ކުރެވިދާނެ އެވެ. މިގޮތުން ފަތުރުވެރިޔާއަށް އޭނަ ހޭދަކުރާ ފައިސާއަށް ވުރެ ބޮޑު ފައިދާއެއް ލިބި ދެވޭނެ އެވެ. އެ ފަތުރުވެރިޔާ ހިތްހަމަޖެހިއްޖެނަމަ އޭނާގެ އުފާވެރިކަން އެހެން ފަރާތްތަކާ އޭނާ ހިއްސާ ކުރާނެ އެވެ. އެގޮތުން މާކެޓިން ވެލިއުއެއް އެޕޮރޮޕަޓީއަކަށް ލިބިގެންދާނެ އެވެ.

އަދި، ރިސޯޓުގެ އެންމެ އާދައިގެ ކޮޓަރި ވިއްކާ އަގުގެ 50 ޕަސެންޓާ ހަމައަށް ނުވަތަ އެ ރިސޯޓެއްގެ މެނޭޖްމަންޓުން ނިންމާ މިންވަރަކަށް އަގު ކުޑަކޮށް ވިއްކުމަށް "ފްލޭޝް ސޭލް" އެޅުވިދާނެ އެވެ. އާއްމު ގޮތެއްގައި ފްލޭޝް ސޭލްސް އަޅުވަނީ ވަކި މުއްދަތެއްގެ ކުރިން ވިއްކާ ގޮތަށާއި، އެންމެ ފަހުވަގުތު ވިއްކާ ސޭލްސްގެ ގޮތުގަ އެވެ. ލާސްޓް މިނިޓް ސޭލްސްގެ ގޮތުގަ އެވެ.

އެއާ ހިލާފަށް، މި ހާއްސަ ހާލަތަށް އަމާޒުކޮށް "އޮކްޝަން ސޭލްސް" ވެސް ތައާރަފު ކުރެވިދާނެ އެވެ. މިގޮތުން އޮކްޝަން ފެއްޓޭ އެންމެ ކުޑައަގު ކަނޑައެޅުމައް ފަހު ކަނޑައެޅިފައިވާ އެންމެ ފަހު ވަގުތާ ހަމައައް އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ރޫމް ވިއްކާލެވޭނެ އެވެ. އަދި މިނޫނަސް، ކަސްޓަމަރުންގެ ޝައުގާއި ބައިވެރިވުން އިތުރުވާނެ ގޮތްގޮތަށް ވިސްނައިގެން އޮކްޝަން ސޭލްސް ތަޢާރަފު ކުރެވިދާނެ އެވެ.

މިފަދަ ގޮތްގޮތަށް ތަފާތު އޮފާތަށް ތައާރަފް ކުރާއިރު އެޕްރޮޕަޓީއެއްގެ އަމިއްލަ ވެބްސައިޓް ބޭނުން ކޮށްގެން ކުރުން މުހިންމެވެ. ޓްރެވަލް އޭޖެންޓުންނަށް އެވަރަށް ފްލެކްސިބިލިޓީ ނޯންނާނެތީ އެވެ. އަދި މިކަމަކީ ހާއްސަަ ހާލަތްތަކުގައި ކުރެވޭ ކަމަކަށް ވުމުން ފޯކާސްޓް ކުރެވޭ އޮކިއުޕަންސީ އާއި އެއިން ޖެނެރޭޓްކުރެވޭނެ ރެވެނިއުއާއި އޮޕަރޭޝަނަށް ހިނގާނެ ހަރަދަށް ބަލާ ވަގުތުން ނިންމަން ޖެހޭ ނިންމުންތަކެއް މިކަމުގައި ހިމެނޭތީ ވެސް މެއެވެ.

މިފަދަ އޮޕްޝަނެއްގެ ބޭނުމަކީ ފައިދާ ނުވާނެކަން ކަށަވަރުވާ ޙާލަތްތަކުގައި، ނުވަތަ މުދަލަށްވުރެ ގަންނަ މީހުން ބޮޑުތަނުން މަދު ހާލަތްތަކުގައި، އަދި ބޮޑު އަދަދެއްގެ އިންވެންޓްރީއެއް ގެންގުޅޭ ފަރާތްތަކުގެ ޚަރަދު ކުޑަކުރެވެންހުރި ހުރިހާ ގޮތަކުން އެ ހަރަދުތައް ކުޑަކުރުން ކަމުގައި ވާތީ ވެސް މެއެވެ. ކުރަންޖެހޭ ހަރަދު އެއްކޮށް ނުލިބުނު ކަމުގައި ވިޔަސް، ވެރިފަރާތުގެ ޖީބުން ކޮންމެހެން ކުރަން ޖެހޭނެ ހަރަދުގެ މިންވަރު ކުޑަ ކުރުމަށް ކުރެވޭ ކަމަކައް ވާތީ ވެސް މެއެވެ.