ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއޭސީއެލް

އެމްއޭސީއެލްގެ އާމްދަނީ ދައްވެ، ބީއެމްއެލް އިން ލޯނު ނަގަނީ

Jun 22, 2020

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަން ދަށްވެ، ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނަގަން ނިންމައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓްއޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އާމްދަނީ ދަށްވުމުގެ ސަބަބުން އެ ކުންފުންޏަަށް ބޭނުންވާ ބައެއް ސާމާނު ހޯދަން ބީއެމްއެލް އިން ލޯނެއް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބީއެމްއެލް އިން ނަގަނީ ކިހާ ވަރެއްގެ ލޯނެއް ކަމެއް އެ ކުންފުނިން އަދި ނުބުނެ އެވެ. އަދި ލޯނާ ބެހޭ ގޮތުން ބީއެމްއެލްގެ ބައެއް ވެސް ލިބިފައެއް ނުވެ އެވެ.

ސޯލިހު ވިދާޅުވީ މެއި މަހުން ފެށިގެން އެ ކުންފުނީގެ އާމްދަނީ 98 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އެހެންވެ ހަރަދު ކުޑަ ކުރަން ވެސް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.

"މާޗް އިން ފެށިގެން ކެޕިޓަލް އެކްސްޕެންޑިޗާ ހުއްޓާލައިފިން. އޮޕަރޭޓިން އެކްސްޕެންސްގެ އެންމެ ބޮޑުކޮށް އުޅެނީ މުސާރަ. މުސާރަތައް ކުޑައެއް ނުކުރަން. ފެނާއި ކަރަންޓުގެ ހަރަދު ވެސް 15 ޕަސެންޓް ކުޑަ ކޮށްފިން،" ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންގެ ޓްރެއިނިންތައް ވެސް ހުއްޓާލާފައިވާ ކަމަށާއި ނަމަވެސް ޓްރެއިންތައް އަލުން ފެށޭނެ ގޮތެއް އޮތްތޯ ބަލަމުން ގެންދާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބެ، ސޯލިހު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލައި ބިދޭސީން މުވައްޒަފުންގެ ވަޒީފާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުން އެގްރީމެންޓްތައް އާ ނުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"މުސާރަ ކުޑައެއް ނުކުރަން. އެކަމަކު މިހާރު ވިސްނުން ހުރީ ބޭރު މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކޮށް، ދިވެހިނަށް ވަޒީފާ ދޭން. މިހާރު ވެސް އެކަން އެކްސަސައިޒް ކުރަމުން މިދަނީ. ޑިއުޓީ ފްރީ ތަންތަނުގައި މި ތިބީ ބޭރުގެ ވެންޑާސްތައް. އެތަނުގެ މުވައްޒަފުން ތިބެނީ އެ މީހުންގެ ހާއްސަ ތަމްރީން ދީފައި. އެހެންވެ ހަމަ އެ ތަމްރީންތައް ދިވެހިންނަށް ދީގެން ވަޒީފާތަކަށް ނެރެވޭނީ،" ސޯލިހު ވިދާޅުވި އެވެ.