އެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީ ހިޔާނާތް: ވަކި ބަޔަކަށް ދައުވާ ނުކުރަން ނުނިންމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މި ސަރުކާރުގެ ވެރިންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް އެއްވެސް އިދާރާއަކަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އަންގާފައިނުވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީން މިހެން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މި ސަރުކާރުގެ ވެރިންގެ މައްސަލަތައް ނުބަލަން ނިންމާފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ލިޔެފައިވާ ހަބަރެއް ދޮގުކޮށް ނެރެފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހިޔާނާތުގައި ބައިވެރިވެފައިވާ އެއްވެސް މީހެއްގެ މައްސަލަ ތަހުގީގު ނުކުރުމަށް ނުވަތަ އެ މައްސަލައާއި ގުޅުންހުރި އެއްވެސް މީހެއްގެ މައްސަލައެއް ޕީޖީ އޮފީހަށް ބަލައިނުގަތުމަށް ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އެއްވެސް އިރަކު އެއްވެސް މީހަކަށް އަދި އިދާރާއަކަށްވެސް އަންގާ އިރުޝާދު ދީފައިނުވާ ކަމަށެވެ.

"..މިހާތަނަށް އެމްއެމްޕީއާރުސީ މައްސަަލައާ ގުޅިގެން ހުށައެޅި އެއްވެސް މައްސަލައެއްގައި މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް ދައުވާ ނުކުރަން ނިންމާފައެއް ނުވޭ. މި އޮފީހަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ އެންމެހައި ނިންމުންތަކާއި މައްސަލަތަކާއި ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ދެއްވާ އިރުޝާދުތަކަކީ ލިޔުމުން ފެންނަން ހުންނާނެ ކަންކަން. އެފަދަ ކަމެއް އޮތްނަމަ، އެކަމެއް އޮންނާނީ ލިޔެކިޔުމުން ސޮއިކޮށްފައި." ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ޕީޖީ އޮފީހުން ވަނީ ދޮގު ހަބަރު ފަތުރާފައިވާ ނޫހާއި ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް މައްސަލަ ހުށައަޅާނެ ކަމަށްވެސް ބުުނެފައެވެ.

އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ގައުމީ މަސްލަހަތު ހިމެނޭ ޖިނާއީ ބޮޑު މައްސަލައަކަށްވާތީ އެ މައްސަލާގައި އަދުލް އިންސާފު ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޕީޖީ އޮފީހުން ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ހުރިހާ ދިމާލެއްގެ ސިޔާސީ ލީޑަރުންނާއި ބޭފުޅުން ހިމެނޭ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ ރައީސް ޔާމީނާއި އަދީބާއި ޒިޔަތުގެ އިތުރުން ތުހުމަތު ކުރެވޭ 260 ސިޔާސީ ބޭފުޅުންގެ އެބަ ތިއްބެވި ކަމަށެވެ. އެ ލިސްޓުގައި އެކި ޕާޓީތަކުގެ ބޭފުޅުން ތިިއްބެވި ކަމަށެވެ. އެ ގޮތުން އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމް އޭނާ ފާހަގަ ކުރެއްވި އެވެ.

"ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ ދިމާލެއްގެ ބޭފުޅުން ވެސް މީގެ ތެރޭގައި ހިމެނޭ. މި ދެންނެވީ ކޮންމެ ވެސް ވަރަކަށް ފައިސާ ލިބިފައި ހުރިކަން ތުހުމަތުވެގެން ނުވަތަ އެ ނޫންވެސް ސަބަބުތަކާ ހުރެ އެމީހުންގެ ނަން ލިސްޓަށް އަރާފައި އެބައޮތް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ބޮޑު ހިނާޔާތުގެ ތުހުމަތު ކުރެވޭ ބޭފުޅުންގެ ލިސްޓުގައި އެ ކުންފުންޏާއެކު ސައްހަ މުއާމަލާތް ކުރެއްވި ބޭފުޅުންނާއި ހިޔާނާތުގެ މުއާމަލާތް ކުރެއްވި ބޭފުޅުން ވެސް ތިއްބަވާނެ އެވެ. އެހެންކަމުން ލިސްޓުގައި ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރެއިން ސީދާ ހިޔާނާތުގައި ބައިވެރިވެރި މީހުން ސާފު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަމަކީ އެ ލިސްޓު ސާފުކުރުން. އޭގެ ތެރޭގައި ކޮބައިތޯ، ރަނގަޅު މުއާމަލާތް، ކޮބައިތޯ ގޯސް މުއާމަލާތް، ކޮންކަމަކާ ގުޅިގެން ހޯދި ފައިސާއެއްތޯ، މި އެއްޗެހި ސާފުކޮށްގެން އެއަށް ގޮތެއް ނިންމުން،" ޝަމީމް ވިދާޅުވި އެވެ.