ބޭރު ކުޅިވަރު

ވެންހާލަކީ ވަރަށް ހަރުކަށި ކޯޗެއް: ޝްނެއިޑާލިން

Sep 28, 2015

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލަކީ ވަރަށް ހަރުކަށި ކޯޗެއް ކަމަށް އެ ޓީމުގެ މިޑްފީލްޑަރު މޯގަން ޝްނެއިޑާލިން ބުނެފި އެވެ.

"ވެންހާލް އަކީ ވަރަށް ހަރުކަށި ކޯޗެއް. (އޭނާގެ ސްޓައިލް) އަކީ އަހަރެން ކުރިން ތަޖުރިބާކުރި ފަދަ ކަމެއްނޫން. އެއީ މުޅިން ތަފާތު ސްޓައިލެއް. ވަރަށް ގިނަކަންކަން ބަދަލުވެއްޖެ. އެކަންކަމަށް ހޭނެންޖެހޭނީ،" 25 އަހަރުގެ މީޑްފީލްޑަރު ބުންޏެވެ.

އޭނާ އަދި ބުނީ ނެދަލޭންޑްސްގެ ކުރީގެ ގައުމީ ކޯޗު އަދި ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗާ މެދު ހިތްހަމަޖެހޭ ކަމަށާއި ޔުނައިޓެޑުގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.

ޝްނެއިޑާލިން މިހެން ބުނީ ވެންހާލްއާ މެދު ޔުނައިޓެޑުގެ ބައެއް ކުޅުންތެރިން ޝަކުވާ ކުރާ ކަމަށް ނޫސްތަކުގައި ލިޔެފައިވަނިކޮށެވެ. ހާއްސަކޮށް އޭނާގެ ކޯޗިންގެ ބައެއް އުސޫލުތަކާމެދުގަ ބައެއް ކުޅުންތެރިން ހިތްހަމަނުޖެހޭ ކަމަށް ވާހަކަ ދެކެވިފައިވަނިކޮށެވެ. ނަމަވެސް ވެންހާލް އާއި ކުޅުންތެރިން ވެސް މިކަން ދޮގުކުރެ އެވެ.

ޔުނައިޓެޑް މި ވަގުތު އޮތީ ޓޭބަލުގެ އެއްވަނާގަ އެވެ. މިއީ 27 އަހަރަށް ފަހު ކޯޗުކަމުން އެލެކްސް ފާގަސަން 2013 ވަނަ އަހަރު އިސްތިއުފާދިން ފަހުން ޔުނައިޓެޑް ޓޭބަލުގެ ކުރިއަށް އެރި ފުރަތަމަ ފަހަރެވެ.