އެމްޑަބްލިއުއެސްސީގެ (ފެންކުންފުނި) މުވައްޒަފަކު ނަމާދު ކުރަން ހުއްޓާ ނަމާދަށް ހަޖޫ ޖަހައި ނަމާދަށް ހުރި މީހާއަށް ފުރައްސާރަކޮށް އުނދަގޫވާ ގޮތަށް ދީނާ ހިލާފު ހުތުރު ވާހަކަތަކެއް ދެއްކި މުވައްޒަފުގެ މައްސަލަ ސަމާލު ކަމަށް ގެނެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ފަށައިފި އެވެ.
ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާ، ހައްދުފަހަނަ އަޅާފައިވާ މި މީހާގެ މައްސަލަ ބަލަނީ ފެން ކުންފުނިންނެވެ.
އާންމުވެ ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ފެން ކުންފުނީގެ މުވައްޒަފަކު ނަމާދު ކުރަން ހުއްޓަ އެވެ. އަދި އޭނާ ނަމާދު ކުރާއިރު ގާތުގައި އެ ކުންފުނީގެ އެހެން މުވައްޒަަފަކު ނަމާދަށް ހަޖޫ ޖަހާ ފުރައްސާރަކޮށް އަދި ނަމާދު ކުރަން ހުރި މީހާއަށް އުނދަގޫވާނެ ގޮތަށް އެފަދަ ވަގުތަކާ ނުގުޅޭ ހުތުރު ވާހަކަތައް ދައްކާ އަޑެވެ. އެ މީހާގެ އެ އަމަލުގެ ސަބަބުން ނަމާދަށް ހުރި މީހާއަށް ހީނގަނެވި، ނަމާދު ދޫކޮށްލާފައި ދާތަން ވެސް ފެނެ އެވެ.
ވީޑިއޯ އާންމުވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އެ މައްސަލަ ބަލާ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
އަވަސް އިން އެ ސުވާލު ކުރުމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް މިއަދު ވިދާޅުވީ އެ ވީޑިއޯގެ މައްސަލަ ކުންފުނީގެ ސަމާލު ކަމަށް އައި ހިސާބުން ފެށިގެން އެ މައްސަލަ ބަލަން ހިއުމަންރިސޯސް ޑިޕާޓްމަންޓަށް އަންގާފައިވާނެ ކަމަށެވެ. އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.
"މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުގެ ސަމާލު ކަމަށް އެކަން އައި ހިސާބުން ފެށިގެން އެ މައްސަލަ ބަލަންވާނީ އަންގާފައި. މިއަދު އެ މައްސަލައާ ގުޅޭ ރިޕޯޓް ލިބޭނެ ކަމަށް މި ބަލަނީ. ލިބުމުން ފިޔަވަޅު އަޅާނަން." ޝާހް ވިދާޅުވި އެވެ.
ޝާހް ވިދާޅުވީ އެ ވީޑިއޯގެ ސަބަބުން މުވައްޒިފުންގެ މެދުގައި ވެސް ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. އަދި އެކަމަށް ފިޔަވަޅު އަޅައިދިނުމަށް މުވައްޒިފުން ވެސް އެދެމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ދައުރުވާ މި ވީޑިއޯގައި ނަމާދަށް ހަޖޫޖެހި ހައްދުފަހަނާ އަޅާފައިވާ އެ މީހާއަކީ މީގެ ކުރިން ވެސް އެފަދަ އަމަލުތަކެއް ކޮށްފައިވާ މީހެކެވެ.