އަހުމަދު ހައިލަމް

ހައިލަމަށް ފޮނުވީ ހަލާލު ފައިސާ: އަލްހާން

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް ފައިސާ ފޮނުވާފައި ވާނެ ކަމަށާ ނަމަވެސް އެއީ ހަލާލު ފައިސާ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅު ވެއްޖެ އެވެ.

ހައިލަމަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ. އެ ތުހުމަތުގެ ތަހުގީގަށް ހައިލަމް ފުލުހަށް ހާޒިރުވާން ޖެހެނީ މާދަމާ އެވެ. ހައިލަމް ވިދާޅުވީ، އެފަދަ ތުހުމަތުތަކާއެކު އޭނާއަށް ބިރު ނުދެއްކޭނެ ކަމަށެވެ.

މަނީ ލޯންޑްރިންގެ ތުހުމަތު، ހައިލަމަށް ކުރަނީ އޭނާއަށް އަލްހާން ފަހުމީ ފައިސާތަކެއް ދިން މައްސަލައިގަ އެވެ.

ހައިލަމާއެކު އަލްހާން ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަ ކުރެވިގެން ފުލުހުން ވަނީ އެކަން ޖޭއެސްސީއަށް ވެސް އަންގާފައިވެ އެވެ. ހައިލަމް، ގާޒީ ކަމުން ވަކިކުރިއިރު ޖޭއެސްސީއިން ދިޔައީ އެ މައްސަލަ ބަލަމުންނެވެ.

އެ ޓްރާންސެކްޝަން ހިނގާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. މި ޓްރާންސެކްޝަންގެ މައުލޫމާތު އެމްއެމްއޭއިން ފުލުހަށް ހިއްސާކޮށްފައި ވަނީ އެ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް ޖޭއެސްސީއާ ފުލުހުން އެ މައުލޫމާތު ހިއްސާކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މިކަމާއި ގުޅޭގޮތުން އަލްހާން ވިދާޅުވީ ހައިލަމްގެ އެކައުންޓަށް ފޮނުވީ ހަލާލު ފައިސާ ކަމަށެވެ. އެއީ ދެ ލައްކަ ރުފިޔާ ކަމަށާ ވަރަށް ގިނަ މީހުންގެ އެކައުންޓަށް އެކި ކަންކަމާއި ގުޅިގެން އެ އަދަދަށް ފައިސާ ފޮނުވާފައި ވާނެ ކަމަށެވެ. އަދި އެކަން މަނީ ލޯންޑަރިންއަށް ނުވަނީ ކީއްވެތޯ ވެސް އަލްހާން ސުވާލު ކުރެއްވި އެވެ.

އަލްހާން ވިދާޅުވީ މަނީ ލޯންޑަރިންގެ ތުހުމަތު އަޅުވާ ރައީސް ޔާމީން ޖަލަށްލި ނަމަވެސް ކުރީގެ ފަނޑިޔާރު ހައިލަމް ޖަލަށް ނުލެވޭނެ ކަމަށެވެ.