ހަބަރު

ތަހުގީގު ހިންގަނީ ޕީޖީގެ ގޯސް ލަފާއެއްގެ މަތިން: ހައިލަމް

ފުލުހުން ހިންގާ ތަހުގީގަކީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ދެއްވާފައިވާ ގޯސް ލަފާއެއްގެ މަތިން ކުރިއަށް ގެންދާ ތަހުގީގެއް ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖިނާއީ ތުހުމަތެއް ހައިލަމަށް ކުރަނީ އޭނާއަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފައިސާތަކެއް ދިން މައްސަލާގަ އެވެ. އެއީ އަލްހާން، ހައިލަމްއަށް ދެއްވި ލޯނެއް ކަމަށް އެ ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ. އަލްހާންއަކީ ކުޑައިރުންސުރެ ގާތް އެކުވެރިއެއް ކަމަށް ހައިލަމް ވިދާޅުވެ އެވެ.

މިރޭ ހައިލަމް ވަނީ މައްސަލާގެ ތަހުގީގަށް ފުލުހަށް ހާޒިރުވެފަ އެވެ. ގާނޫނީ ވަކީލަކާއެކު ހައިލަމް ތަހުގީގަށް ހާޒިރުވެ، ތުހުމަތަށް ވަނީ އިންކާރު ކުރައްވާފަ އެވެ. ހައިލަމް ވިދާޅުވީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމެއް ނެތް ކަމަށެވެ.

ތަހުގީގަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައިލަމް ވިދާޅުވީ، ތަހުގީގުން އޭނާއަށް ބޮޑަށް ދޭހަވި ކަމަކީ ތުހުމަތަކީ މަނީ ލޯންޑްރިން ނޫން ކަމާއި އޭނާ ވިޔަފާރިއެއް ކުރުމުގެ ތުހުމަތު ކަމަށެވެ. ގާޒީއެއްގެ ގޮތުގައި ހުރެ ވިޔަފާރިއެއް ކުރި ކަމުގެ ތުހުމަތު އޭނާއަށް ފުލުހުން ކުރި ކަމުގައި ވިޔަސް އޭނާ އެއްވެސް ވިޔަފާރިއެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރަކު އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުން މަނާ ކުރެ އެވެ. ހައިލަމް ވިދާޅުވީ އެ މާއްދާގެ ހަމައަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތަށް ބަލާއިރު އެ މާއްދާއިން މަނާ ކުރަނީ ފަނޑިޔާރަކު އެއްވެސް ވިޔަފާރިއެއްގައި އަމަލީ ގޮތުން ބައިވެރިވުން ކަމަށެވެ. ވިޔަފާރިއެއް ކުރުން މާއްދާގެ ހަމައަށް ބަލާނަމަ، މަނާ ނުވާ ކަމަށެވެ. އަދި، އެ މާއްދާއާ ހިލާފުވި ނަމަވެސް އެއީ ފަނޑިޔާރުންގެ އަހްލާގާ ގުޅުންހުރި ކަމެއް ކަމުގައިވާތީ އަޅަން ޖެހޭނީ އިދާރީ ފިޔަވަޅެއް ކަމަށް ހައިލަމް ވިދާޅުވި އެވެ.

ނަމަވެސް ހައިލަމްއަށް ފުލުހުން ވަނީ އެ މާއްދާއާ ހިލާފުވި ކަމުގެ ތުހުމަތުކޮށް ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސް އެޅިކަމުގެ ތުހުމަތު ކޮށްފަ އެވެ. އަދި ގާނޫނުލްއުގޫބާތުގެ އެ މާއްދާގެ ދަށުން ތުހުމަތު ކުރަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ ލަފާގެ މަތިންކަން ފުލުހުން މިރޭ ބުނެފައިވާ ކަމަށް ވެސް ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ވިދާޅުވީ އެއީ ގޯސް ލަފައެއް ކަމަށާއި މިއީ ޒާތީވެ ޕްރޮސިކިއުޓާ ޖެނަރަލް އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށެވެ. ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާއަކީ "ފުޅިމަދު އުނގުރިއަކަށް" ހައްދައިގެން ދައުލަތުގެ މަގާމުތަކުގައި ބޭފުޅުންގެ ފަހަތުން ދިޔުމަށް ބޭނުން ކުރާ މާއްދާއަކަށް ވެގެން ނުވާނެ ކަމަށެވެ. އެއީ ގާނޫނު ނަހަމަ ގޮތުގައި ބޭނުން ހިފުން ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް ހައިލަމް ވިދާޅުވި އެވެ.

ހައިލަމްއާއެކު އަލްހާންގެ ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަ ކުރެވިގެން ފުލުހުން އެކަން ޖޭއެސްސީއަށް ވެސް އަންގާފައިވެ އެވެ. ހައިލަމް، ގާޒީކަމުން ވަކިކުރި ޖޭއެސްސީއިން މި މައްސަލަ ދިޔައީ ބަލަމުންނެވެ.

އެ ޓްރާންސެކްޝަން ހިނގާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. މި ޓްރާންސެކްޝަންގެ މައުލޫމާތު އެމްއެމްއޭއިން ފުލުހަށް ހިއްސާކޮށްފައިވަނީ އެ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް ޖޭއެސްސީއާ ފުލުހުން އެ މައުލޫމާތު ހިއްސާކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.