އަހުމަދު ހައިލަމް

ހައިލަމަށް ކުރަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތު

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތު ކޮށްފި އެވެ.

ހައިލަމްއާއެކު އަލްހާން ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަ ކުރެވިގެން އެ މުއާމަލާތުގައި މަނީ ލޯންޑްރިންގެ އަމަލެއް ހިމެނޭތޯ ބެލުމަށް ފުލުހުންނަށް އަންގާފައިވަނީ އެމްއެމްއޭއިންނެވެ. އެކަން ބެލުމަށްފަހު މަނީ ލޯންޑްރިންގެ އަމަލެއް ނުހިމެނޭ ކަމަށް ފުލުހުން ވަނީ ނިންމާފައެވެ.

ނަމަވެސް ފަނޑިޔާރެއްގެ ގޮތުގައި ހުރެ ވިޔަފާރި މުއާމާލަތެއްގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށް ހައިލަމްގެ މައްޗަށް ވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތު ކޮށްފައެވެ.

މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު އަވަސްއާ ވާހަކަދައްކަވަމުން ހައިލަމް ވިދާޅުވީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތު ކުރާކަން އެނގިވަޑައިގެންނެވީ މިރޭ ފުލުހަށް ހާޒިރުވުމުން ކަމަށެވެ. މިހާތަނަށް ކުރެއްވި ވިޔަފާރިއެއްވެސް ނޯންނާނެ ކަމަށާ އެހެން ކަމުން އެފަދަ ތުހުމަތުތަކެއް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ފަނޑިޔާރެއްގެ މަގާމެއްގައި ހުރެ ވިޔަފާރި ކުރިކަމުގެ ތުހުމަތު އަޅުގަނޑުގެ މައްޗަށް މި ކުރަނީ. ނަމަވެސް އަޅުގަނޑުކުރި ވިޔަފާރިއެއްވެސް ނޯންނާނެ، ފުރަތަމަ ކަމަކަށް އަޅުގަނޑުކުރި ވިޔަފާރިއަކީ ކޮބައިތޯ ބެލުމުގެ ކުރިން އަޅުގަނޑުމެން ދާން މި ޖެހެނީ ވިޔަފާރި ކުރުން ފަނޑިޔާރަކު ނުވަތަ އެނޫން މީހަކު އެއީ މަނާކަމެއްތޯ، ބަލާއިރު ފަނޑިޔާރަކަށް ނުވާ މީހަކު ވިޔަފާރި ކުރުން ކުށަކަށްނުވޭ އަދި ފަނޑިޔާރަކަށް ވެގެން ވިޔަފާރިކުރުން ކުށަކަށް މިވާ ގާނޫނީ ހަމައަކީ ކޮބައިތޯ ބަލަންޖެހޭ."

ހައިލަމް ވިދާޅުވީ ފަނޑިރާޔަކު ވިޔަފާރި ކުރުމަކީވެސް ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާ ކަމެއް ނޫން ކަމަށާ މަނަލީ އަމަލީ ގޮތުން ވިޔަފާރީގެ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ. ހައިލަމްގެ މައްޗަށް މި ތުހުމަތުކޮށް ތަހުގީގު ފަށާފައިވަނީ ޕީޖީން ދީފައިވާ އިރުޝާދެއްގެ މައްޗަށް ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

"ފަނޑިޔާރަކު ވިޔަފާރިކުރުން މަނާކުރާ، ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ އެއްވެސް ގާނޫނީ ހަަމައެއްނެތް. ގާނޫނުލްއުތޫބާތުގެ 533 ވަނަ މާއްދާއަކީ 'ފުޅިމަދު އުނގުރި' އެއް ގޮތަށް ހައްދަވައިގެން، ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން ގާނޫނާ ހިިލާފަށް ކުރާ ކަންކަމުގެ ވާހަކަ މީހަކު ބަޔާން ކުރުމުން އެ މީހެއްގެ ފަހަތުން ދިއުމުގެ މަގްސަދުގައި މިގޮތަށް ގާނޫނު ނަހަމަގޮތުގައި ބޭނުންކޮށް އެބިއުސްކުރުމަކީ ވަރަށްވެސް ހިތާމަހުރި ކަމެއް." ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ ފުލުހުން ތުހުމަތު ކުރަނީ އޭނާ ފަނޑިޔާރުންގެ ގާނޫނޫގެ 29 ވަނަ މާއްދާގެ 8 ވަނަ ނަންބަރާ ހިލާފުވެފައިވާ ކަމަށާ ނަމަވެސް އެ މާއްދާގެ 11 ވަނަ ނަންބަރާ ހިލާފަށް ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމަލު ކުރެއްވުމުން އެ މައްސަލަ ބަލާފައިނުވާ ކަމަށެވެ. ހައިލަމް އިޝާރާތް ކުރައްވާފައި ކުރައްވަނީ ފަނޑިޔާރު އަލީ ރަޝީދު ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން މީޑިއާގެ ވަކި ޓީވީއަކަށް އިންޓަވިއު ދެއްވުމެވެ. ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން އެއީ މަނާ ކަމެކެވެ.

"އޭރު ޕީނަލް ކޯޑްގެ 533 ވަނަ މާއްދާ ޖޭއެސްސީއާ ފުލުހުންނަށްވެސް އަދި ޕީޖީއަށްވެސް ނުފެނުނު. ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ 20 ވަނަ މާއްދާއިން ކަށަވަރު ކުރޭ ހުރިހާ ރައްޔިތުންނާމެދުވެސް އަމަލުކުރަންޖެހޭނީ ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކުގައި ކަމަށް. ނަމަވެސް އެކަމެއް ނުފެނުނު."

ހައިލަމް ވިދާޅުވީ ފުލުހުން މެދުވެރިކޮށް މިހާރު ކުރަމުންދާ މަސައްކަތަކީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ ނުފޫޒު އޮވެގެން ކަމަށެވެ.

"ޒާތީވެގެން ކުރައްވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ. މިއީ ސީދާ ޕީޖީ [ޝަމީމް] އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް"