ދިވެހި ރާއްޖޭގައި ފުރަތަމަ ބާއްވާ ވާޗުއަލް ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 އަދި 12 މި ދެ ދުވަހުއެވެ. މިކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިއާއާއި ޓްރިނިޑަޑް އެންޑް ޓޮބަގޯ އަދި ސިންގަޕޫރުގެ މަޝްހޫރު ސްޕީކާސް އިން ސެޝަންތައް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ރާއްޖޭގައި ފުރަތަމަ ބޭއްވިގެންދިޔަ ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މިދިޔަ އަހަރު ކާމިޔާބުކަމާއެކު ވަނީ ބޭއްވިގެން ގޮއްސައެވެ. މި ކޮންފަރެންސްގައި ސްމާޓް އެންޑް ކްރިއޭޓިވް ލާނިން އެންޑް ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތައް އަދި ޗެލެންޖަސްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މައުލޫމާތު ދެވިފައެވެ.
މިފަހަރުގެ ކޮންފަރެންސް އާއި ގުޅޭގޮތުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓާ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ މާޕްގެ ދެވަނަ ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު ދުނިޔެއަށް ދިމާވެފައިވާ މި ހާލަތުގައި ކޮންފަރެންސް ވާޗުއްލް ކޮށް ބޭއްވުން ކަމަށްވާތީ މި ކޮންފަރެންސްގައި، ކީނޯޓް ތަކާއި ކޭސް ސްޓަޑީ އަދި ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށްދާނީ ވާޗުއަލް ޕްލެޓްފޯމްތަކުގައެވެ.
މާޕްގެ ފަރާތުން ވަނީ ލޮކްޑައުންގެ ތެރޭގައި ތަފާތު 8 ސެޝަން އެއް ވާޗުއަލް / އޮންލައިންކޮށް ހިންގާފައެވެ.
މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެ ޖަމިއްޔާ އުފެދުނުތާ ދެ އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.
މީގެ އިތުރުން މާޕްއިން ވަނީ ސަދާން ކޮމިއުނިޓީ އެންޕަވަމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ލީޑަޝިޕް އެންޑް ގްރޯތް ސަމިޓެއް މިއަހަރުގެ ނޮވެމްބަރ މަހު ބޭއްވުމަށް ކަނޑައަޅާފައެވެ. އަދި ދެވަނަ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ބޭއްވުންވެސް މިވަނީ މިއަހަރުގެ ނޮވެމްބަރ މަހަށް ލަސްކުރެވިފައެވެ.