ކޮވިޑް-19 އިގެ ބަލި މަޑުކަމުގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ ދިރިއުޅުމަށް ކޮށްފައިވާ އަސަރުތައް ބަލަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ސާވޭއެއް ފަށައިފި އެވެ.
ރާއްޖޭގެ މުހިންމު ގިނަ ތަފާސް ހިސާބު ތަކެއް ބަލަހައްޓާ، އެ އިދާރާ، އެންބީއެސް އިން ބުނީ ކޮވިޑް-19 އިގެ ސަބަބުން މުޅި ދުނިޔެ އަށް ވަރަށް ބޮޑު ގޮންޖެހުންތައް ކުރިމަތި ކުރުވާފައިވާ ކަމަށާއި އެ ބިއުރޯ އިން އޮންލައިންކޮށް ކުރިއަށް ގެންދާ އެ ސާވޭ މެދުވެރިކޮށް ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލާއި ދިރިއުޅުމަށް ކުރަމުންދާ އަސަރުތައް ދެނެ ގަންނާނެ ކަމަށެވެ.
ކޮވިޑް-19 އިގެ ހާލަތުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އެއް ބަޔަކީ ރިސޯޓް މުވައްޒަފުންނެވެ. ކޮވިޑުގެ ސަބަބުން އިގްތިސޯދަށް އަސަރުކޮށް ގިނަ ރިސޯޓު ތަކެއް ބަންދު ކޮށްފައި އޮތުމުން ރިސޯޓު މުވައްޒަފުންގެ އާމްދަނީ އަށް ބޮޑު އަސަރެއް ކޮށްފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ގެއަށް ފޮނުވާލާފަ އެވެ. އެހެންވެ، ސަރުކާރުން ވަނީ ވަޒީފާ ގެއްލުނު މީހުނަށް 5،000ރ. ގެ އެލަވަންސެއް ދޭން ފަށާފަ އެވެ.
ރިސޯޓް މުވައްޒަފުންގެ ހައްގު ހޯދަން މަސައްކަތް ކުރާ، ޓޫރިޒަމް އެމްޕްލޮޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެގައިވާ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މީހުން މުސާރަ ނުލިބޭ ގޮތަށް، ފޮނުވާލާފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި 30،000 މުވައްޒަފުން މަސައްކަތް ކުރާއިރު މި ދާއިރާގައި 17،000 ދިވެހިން މަސައްކަތް ކުރެ އެވެ.