ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މިދިޔަ އަހަރު ޓޫރިޒަމުން ދައުލަތަށް 3.2 ބިލިއަން ޑޮލަރު ލިބުނު!

Jun 23, 2020

ޓޫރިޒަމް ސިނާއަތުން ދައުލަތަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ޑޮލަރު (49 ބިލިއަން ރުފިޔާ) ލިބުނު ކަމަށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.

އެންބީއެސް އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ދާއިރާއިން ޖީޑީޕީގެ ހިއްސާ އުޅެނީ 21 ޕަސެންޓުގަ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 162 ރިސޯޓެއް ރަޖިސްޓްރީކޮށް، 152 ރިސޯޓެއް ހިންގަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން އައި އަހަރެވެ. މިދިޔަ އަހަރު 1.7 މިލިއަން މީހުން ރާއްޖެ އަށް ޒިޔާރަތް ކުރި އެވެ. ނަމަވެސް މި އަހަރު ސަރުކާރުގެ އަންދާޒާއަކީ 980،000 މީހުން ގެނައުމެވެ. ނަމަވެސް ސިނާއަތުގެ ބޭފުޅުން ބުނަނީ މި އަހަރު އަންނާނީ 600،000 އާއި 700،000 މީހުންނެވެ.

ޓޫރިޒަމުން މިދިޔަ އަހަރު 49 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވީ ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި އަހަރު ދައުލަތަށް ލިބޭ އާމްދަނީ މަދު ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު ވެސް ޓޫރިޒަމްއާ ގުޅުން ހުރި އާމްދަނީ ވަނީ ވަރަށް ބޮޑު ތަނުން ދަށްވެފަ އެވެ.

ސަރުކާރުން ބުނެފައިވަނީ އަންނަ މަހު ޓޫރިޒަމް ހުޅުވިނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި އަހަރު ދައުލަތަށް ލިބޭނީ އާމްދަނީ އިން 14.1 ބިލިއަން ރުފިޔާ މަދު ވާނެ ކަމަށެވެ.