ބޭރު ކުޅިވަރު

ޑިއެގޯ ކޯސްޓާގެ ރުޅި ހަމަ އަސްލަށް ވެސް ގަދައީތަ؟ ނުވަތަ އެއީ ދަނޑުމަތީގެ ޑްރާމާތަ؟

Sep 29, 2015

އިނގިރޭސި ޕްރިމިއަ ލީގުގައި ޗެލްސީ އާއި އާސެނަލް އެންމެފަހުން ބައްދަލުކުރި މެޗަށް ފަހު ޗެލްސީގެ ފޯވާޑް ޑިއެގޯ ކޯސްޓާ އެ ވަނީ ތިން މެޗަށް ސަސްޕެންޑްކޮށްފަ އެވެ. މިއީ އާ ކަމެއް ނޫނެވެ. އަދި ދަނޑުމަތީގައި ކޯސްޓާ އެ ޖައްސާ ވައްތަރަކީ ނުވަތަ ދައްކާ ޑްރާމާ އަކީ ވެސް ފުޓްބޯޅައިގެ ފޭނުންނަށް އާ ކަންކަމެއް ނޫނެވެ.

ބްރެޒިލްގައި އަދި ސްޕެއިންގައި ފުޓްބޯޅަކުޅުނުއިރު ވެސް ޑިއެގޯ ކޯސްޓާ އުޅުނީ ހަމަ މިހެންނެވެ. ސްޕެއިންގެ ލީގުގައި ދެއްކި މޮޅު ކުޅުމާ އެކު ސުޕްސްޓާރަކަށް ބަދަލުވެ އިނގިރޭސި ޕްރިމިއަ ލީގަށް ބަދަލުވުމަށް ފަހު ކޯސްޓާގެ ބަދަލުނުވި ކަމަކަށް އޮތީ އޭނާގެ އަހުލާގުގެ ވާހަކަ އެވެ.

ދަނޑުމަތީގައި އޭނާ ފެނިގެންދަނީ އެހެން ހުރިހައި ކުޅުންތެރިންނަށް ވުރެ ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފަސޭހައިން ކުރިމަތިލުންތަކުގައި ރުޅިގަދަވެ އިދިކޮޅު ކުޅުންތެރިންނަށް ހަމަލާ ދީ އެމީހުން ރުޅިއަރުވަން މަސައްކަތްކުރާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ހަމަމިއާ އެކު އޭނާގެ ފުޓްބޯޅައިގެ ހުނަރުވެރިކަމަށް މީޑިއާތަކުން ތައުރީފު އޮއްސަ އެވެ.

އެހެންވީމަ ކޯސްޓާގެ އެންމެ ކުޑައިރުގެ ދުވަސްތަކަށް ޖެހިލަމާ ހިނގާށެވެ. ކޯސްޓާ އުޅެ ބޮޑުވީ ބްރެޒިލްގެ އިރުމަތީ ބިތުގައި އޮތް ފަގީރު އަވަށެއް ކަމުގައިވާ ލަގާޓޯގަ އެވެ. އޭނާގެ ބައްޕަ ހޯސޭ ޑެ ޖީސަސް އަކީ ބްރެޒިލްގެ އެހެން ކޮންމެ މީހަކު ފަދައިން ފުޓްބޯޅަ އަށް މަރެކެވެ.

ޑިއެގޯ ކޯސްޓާގެ ނަމުގެ ކުރިއަށް ޑިއެގޯގެ ނަން ދީފައި ވަނީ އޭނާގެ ބައްޕަގެ ހިތުގައި ފުޓްބޯޅަ އަށް ފޯރިއެއްގެ ތެރެއިންނެވެ. ކޯސްޓާގެ ނަމުގެ ކުރިއަށް ޑިއެގޯގެ ނަން ދީފައި އެ ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާގެ ނަމަށް ނިސްބަތްކޮށެވެ.

އެހެންވީމަ ކޯސްޓާގެ ބައްޕަ ބްރެޒިލްގެ މީހަކަށްވިޔަސް ހިތް އޮތީ ވާދަވެރި އާޖެންޓީނާގެ ލެޖެންޑަށް ދޫކޮށްފައެއް ނޫން ހެއްޔެވެ؟ ނޫނެކެވެ. ކޯސްޓާ އަށް މަރަޑޯނާގެ ނަމުން ނަން ދިނުމަށް ފަހު ހޯސޭ އޭނާގެ އަނެއް ފިރިހެން ދަރިއަށް ނަން ދިނީ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑެއް ކަމުގައިވާ ޖެއިޒީނޯގެ ނަމަށް ނިސްބަތްކޮށެވެ.

ނަމަވެސް މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ބަދަލުވީ މަރަޑޯނާގެ ނަމަށް ނިސްބަތްކޮށް ނަން ދިން ޑިއެގޯ ކޯސްޓާ އެވެ.

ކޯސްޓާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ ބައްޕަ ހޯސޭ ބުނެފައި ވަނީ އޭނާގެ މި ދަރިފުޅަކީ އަބަދުވެސް ހުރިހާ ކަމެއްގައި ވެސް ފޯރި އަރުވާލައިގެން ވަރު އަރުވާލައިގެން އުޅުނު ކުއްޖެއް ކަމަށެވެ.

"ގިނަ ފަހަރަށް ހުރިހާ ކަމެއް ވެސް އެންމެފަހުން ނިމިގެންދާނީ ތަޅާފޮޅުކަމުން،" ސްޕެއިންގެ ޓީވީ ޗެނަލެއް ކަމުގައިވާ ކެނާލް ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ހޯސޭ ބުނެފައިވެ އެވެ.

ރުޅިގަދަވެގެން މޭފުއްޕާލާފައި އުޅުނު ކޯސްޓާ އަކީ ކުޑައިރު ފުޓްބޯޅަ އަށް ނިކަން މޮޅު ކުޅުންތެރިއެކެވެ. އޭރު ވެސް އޭނާ އަށް ލިބިފައިވީ ބިޔަ ހަށިގަނޑުގެ ފައިދާ ނެގި އެވެ.

ނަމަވެސް އުފަން އަވަށަކީ ފުޓްބޯޅައިގެ މާ ގިނަ ފެސިލިޓީސްތަކެއް ގާއިމުވެފައި ހުރި އަވަށެއް ނޫނެވެ. ފުޓްބޯޅަ ކުޅެން އުޅުނު ދަނޑުތަކުގައި ވިނައެއް ވެސް ނެތެވެ. އަދި އޯގަނައިޒްޑް ފުޓްބޯޅަ ދަސްކޮށްދިން ޔޫތު ލީގެއް ވެސް އެތަނަކު ނެތެވެ.

އެހެންވީމަ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކޯސްޓާ މަޝްހޫރުކަން ހޯދީ މަގުމަތީގައި ފުޓްބޯޅަ ކުޅެގެންނެވެ. ކޯސްޓާ ބުނާ ގޮތުން ނަމަ އޭނާގެ ދަނޑުމަތީގެ އަހުލާގު ގޯސްވުމުގެ އަސްލަކީ މިއީ އެވެ.

"އެގޮތަށް ފުޓްބޯޅަ ކުޅުނުއިރު އަހަރެންނަކީ ނަސުފު ކޮންޓްރޯލްކުރެވުނު މީހެއް ނޫން. އިދިކޮޅު ކުޅުންތެރިންނަށް އިހްތިރާމެއް ނުކުރަން. އެންމެނާ ދިމާކޮށްލައިގެން އަހަރެން އުޅޭނީ. އަހަރެންނަށް ފެނުނީ ގަދަފަދަކޮށް ތިބި ކުޅުންތެރިންނަށް އެހެން ކުޅުންތެރިންނަށް އުޅަބޮށިން ވެސް ހަމަލާ ދިންތަން. އެހެންވީމަ އެކަންތައް ދަސްވީ އާދައިގެ ކަންކަމުގެ ގޮތުގައި،" ސްޕެއިން ނޫހެއް ކަމުގައިވާ އެލް ޕައިސް އަށް ދިން އިންޓަވިއުއެއްގައި 2012 ވަނަ އަހަރު ކޯސްޓާ ބުނެފައިވެ އެވެ.

މިފަދަ ގޮތަކަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބުމުން ޕްރޮފެޝަނަލް ފުޓްބޯޅަކުޅުމަކަށް ނުވަތަ ކުޅުންތެރިޔަކަށް ވުމުގެ ހުވަފެންތަކެއް ވެސް އޭރު އޭނާ ނުދެކެ އެވެ. އޭނާގެ ޝައުގުވެރިކަން ހުރީ އަންހެން ކުދިންނަށެވެ. އޭނާ ބޭނުންވީ އަންހެން ކުއްޖަކު ގޮވައިގެން ކާލަން ދެވޭ ވަރުގެ އާމްދަނީއެއް ލިބޭ ވަޒީފާއެކެވެ.

ޕެރަގުއޭގެ ބޯޑަރު ސަރަހައްދުގައި ފޭކް ބްރޭންޑްތަކުގެ އެއްޗެހިތައް ހެޔޮއަގުގައި ވިއްކަން އޭނާ އުޅުނީ ވެސް އެހެންވެ އެވެ. މިހެން އުޅެނިކޮށް އޭނާގެ ދިރިއުޅުން ބަދަލުވީ ބްރެޒިލްގެ ފުޓްބޯޅައިގެ މައި ރަށް ސައޮ ޕައުލޯ އަށް ދިރިއުޅުން ބަދަލުކޮށް އޭނާގެ ފުޓްބޯޅައިގެ ހުނަރު އޭނާގެ ބޮޑުބޭބެއަކަށް ފެނުނު ހިސާބުންނެވެ.

އެ ހިސާބުން އޭނާ ވެއްދީ ބާސެލޯނާ އެސްޕޯޓިވޯ ކަޕޭލާއޭ ކިޔުނު ޔޫތު ކްލަބަކަށެވެ. އޭރު ކޯސްޓާ އަށް 16 އަހަރެވެ.

އޭނާ ވެއްދި މި ފުޓްބޯޅަ ކްލަބަކީ ގޭންގްތަކުގެ މެމްބަރުންނާއި މަސްތުވާތަކެތީގެ އެޑިކްޓުންނަށް ފަރުވާ ދިނުމަށް އޭރު ހިންގި ކްލަބެކެވެ.

ކޯސްޓާ ކޯޗެއްގެ އިރުޝާދުގެ ދަށުން ފުޓްބޯޅަ ކުޅެން ފެށީ މި ކްލަބާ ގުޅުނު ހިސާބުންނެވެ. އެހެންވެ ހުރިހާ ކަމެއްވީ އާ ތަޖުރިބާއަކަށެވެ.

ފަހަރެއްގައި އޭނާ ކުޅުނު ފުރަތަމަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަން ޖެހުނީ ވެސް އެހެންވެ އެވެ. ކޯސްޓާ އޭރު އުޅުނީ އިދިކޮޅު ކުޅުންތެރިންނާއި ރެފްރީންނަށް ވެސް ހަމަލާ ދެމުންނެވެ.

އެހެން ނަމަވެސް މަޝްހޫރު ކްލަބްތަކާއި އެޖެންޓުންގެ ސަމާލުކަން ނުލިބި ނުދިޔަ އެވެ. ކޯސްޓާގެ ހުނަރު ފެނުނީ ޕޯޗުގަލްގެ މަޝްހޫރު އެޖެންޓެއް ކަމުގައިވާ ޖޯޖު މެންޑޭޒަށެވެ. އެހިސާބުން އޭނާ ގެންދިޔައީ ޕްޗުގަލްގެ ބްރާގާ އަށެވެ.

ކޯސްޓާއާ އެކު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން އޭނާގެ ބޭބެ ވެސް ނުކުތެވެ. ދެ މީހުން އެއް ކްލަބަކަށް ވެސް ކުޅުނެވެ. ނަމަވެސް ދެ މީހުން އެކުގައި ކުޅޭކަށް ނާރުވަ އެވެ. އެއީ ދަނޑުމަތީގައި ޒުވާބުކުރާވަރުންނެވެ.

ކޯސްޓާ ޕްރޮފެޝަނަލްވުމުން ފުޓްބޯޅަ ކުޅެން ދިޔައީ ވެސް އާއިލާގެ މީހުންނާ ޒުވާބުކޮށްފަ އެވެ. އެއީ އޭނާގެ މަންމަ އާއި ބައްޕަ އޭނާ ގައުމުން ބޭރަށް ފޮނުވަން ފުރަތަމަ އެއްބަސްނުވީމަ އެވެ.

އެންމެފަހުން އެމީހުން އެކަމަށް އެއްބަސްވީ ފިލައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ކޯސްޓާ ދިނުމުންނެވެ.

ޑިއެގޯ ކޯސްޓާ ޕްރޮފެޝަނަލް ފުޓްބޯޅަ އަށް ފައްކާވި ގޮތަކީ މިއީ އެވެ. އެހެންވީމަ މިއަދު ދަނޑުމަތީގައި އޭނާ ދައްކަމުންދާ ހުނަރާ މެދު ނުވަތަ ކުޅެމުންދާ ޑްރާމާއާ ބެހޭ ގޮތުން ބުނާނެ އެއްޗެއް ނެތެވެ.