ރައްޔިތުންގެ މަޖިލިސް

މަސް ބޭރުކުރާ ކުންފުނިތަކަށް 51 މިލިއަން ރުފިޔާ ދީފި

ރާއްޖޭން ބޭރަށް ކަންނެލި މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލޯނު ފެސިލިޓީގެ ތެރެއިން މިހާތަނަށް 51 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ކަންނެލި މަސް ގަންނަ ކުންފުނިތަކުގެ ކޭޝްފްލޯ ގޯސްވަމުންދާތީ އެ ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ތައާރަފުކޮށްފައި ވަނީ 100 މިލިއަން ރުފިޔާގެ ލޯނު ފެލިސިޓީއެކެވެ. އެ ފެސިލިޓީގެ ދަށުން ދޫކުރަނީ 25 ރުފިޔާއަށް ވުރެ ކުޑަ ނޫން އަގެއްގައި މަސް ގަނެ އެކްސްޕޯޓް ކުރި ކުންފުނިތަކަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އެ ޕްރޮގްރާމްގެ ތަފާސްހިސާބުތައް ފިޝަރީޒް މިނިސްޓްރީންނާއި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހިއްސާކުރައްވާފައިވާ ކަމަށެވެ. އެ ހިސާބުތަކަށް ހަވާލާދީ ނަޝީދު ވިދާޅުވި ގޮތުގައި، މިހާތަނަށް އަށް ކުންފުންޏަކަށް 51 މިލިއަން ރުފިޔާ ދީފައިވެ އެވެ.

މީގެ އިތުރުން މިދިޔަ އޭޕްރީމް މަހު 408،091 މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކޮށްފައިވާ ކަމަށާއި މެއި މަހު 236،763 ކިލޯގެ މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން މިދިޔަ ދެ މަހު ޖުމުލަ 644،854 މަސް އެ ކުންފުނިތަކުން އެކްސްޕޯޓް ކޮށްފައިވާ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިހާތަނަށް ސަރުކާރުން އެ ޕްރޮގްރާމް ހިންގާފައި ވަނީ ވަރަށް ކާމިޔާބުކޮށްކަމަށެވެ. އަދި ލޯނު ފެސިލިޓީގައި ބާކީ އޮތް 49 މިލިއަން ރުފިޔާ ވެސް އިތުރު އެހެންކަމަކަށް ބޭނުންނުކޮށް ހަމަ އެ ޕްރޮގްރާމަށް ހޭދަކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.