ފުލުހުންގެ މުއައްސަސާއަށް ވެރިކަންކުރާ އެމްޑީޕީގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ބައެއް ކަމަށާއި، އެ މީހުން ކުރަމުން އެ ގެންދަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.
"ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެތަންތަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ކޮންމެ ތަނެއްގައިވެސް އިސްލާހު ކުރަންޖެހޭކަންކަން ހުންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އަދި ސަލާމަތީ ބާރުތަކުގެ ހިންގުން ބަދަލުކޮށް، އިސްލާހުކުރުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް މިއަދު ވަނީ ދެއްވައިފަ އެވެ.
ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ފުލުހުންގެ ބިލާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ދަނޑިވަޅެއްގަ އެވެ.
ރައްޔިތުން މަޖިލީހުގައި ފުލުހުންގެ ބިލަށް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔާ ބާރުތައް ނުދިނުމަށް ގޮވާލައިފަ އެވެ. އަދި ފުލުހުން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ މެންބަރަކަށް އަނިޔާ ކުރާ ވީޑިއޯއެއް ވެސް މަޖިލީހުގެ ތަޅުމުގައި އެޅުވި އެވެ. އޭގެ އިތުރުން ފުލުހުންނަށް ޓޭޒާ ގަން ދިނުން ކުށްވެރިކޮށް އެކަމާ ގުޅޭ ގޮތުން ވެސް މަޖިލީހުގައި ހޫނު ބަހުސެއް ކުރި އެވެ.