ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާބެހޭ ރިޕޯޓެއް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފައިސާ ދެއްވައިގެން ބައްލަވައިގަތުމަށް ފަހު، ރިޕޯޓް ފޮރުވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލަން ހަވާލު ކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ވަހީދު ވެރިކަމަށް ވަޑައިގަތީ ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި އެ މައްސަލަ ބަލައިގަންނަން ވަނީ ފާސްކޮށްފަ އެވެ. އެއީ 38 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ތަޅުމަށް ބަލައިގަންނަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޖުލައި 8، 2010 ގައި ބޭރުގެ އެކައުންޓިން ފާމަކަށް މަސައްކަތް ހަވާ ލުކޮށްފައި ވަނީ، ތަހުގީގު ނިމޭ ފަހުން ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ލިބުމުން އެ ފައިސާއިން 10 ޕަސެންޓު ލިބޭ ގޮތަށެވެ. ނަމަވެސް ވަކި ހިސާބަކުން ތަހުގީގު ނިންމާލަން އަންގާނަމަ 10 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާ ގޮތަށެވެ.
ފަލާހް ވިދާޅުވީ، ރިޕޯޓް ބަލައިގަތުމަށް ބޭރުގެ ކުންފުންޏާއެކު މުއާމަލާތްތައް ކޮށްފައި ވަނީ ރައީސް ވަހީދާއި އޭރުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އިސްވެ ހުންނަވައިގެންނެވެ. އަދި ދައުލަތުން ކުންފުންޏަށް ފައިސާ ދީފައި ވަނީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބުގެ ބެލުމުގެ ދަށުންނެވެ.
ނަމަވެސް ރައީސް އޮފީހާއި، ބަންޑާރަ ނައިބުގެ އޮފީހާއި، ފިނޭންސް މިނިސްޓްރީއާއި، އެމްއެމްއޭގެ އިތުރުން ދައުލަތުގެ އެހެން އެއްވެސް އިދާރާއެއްގައި އެކަމާ ގުޅޭ ލިޔެކިއުންތަކާއި އެ ރިޕޯޓް ވެސް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ރައީސް ވަހީދު އެ ރިޕޯޓް ފޮރުވާފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ. އެއީ ވައްކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ރައީސް ވަހީދާ ގުޅޭ ކަމެއް ރައްޔިތުންގެ މަޖިލީހަށް މި ފެންމަތި ކޮށްފައިވަނީ، އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރަކަށް އެމަނިކުފާނު އައްޔަން ކުރިތާ އެއް ދުވަސް ފަހުންނެވެ. އެސްޓީއޯ މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތު ކުރާ މުއާމާލަތަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ކުންފުނީގެ ޗެއާމަންގެ ގޮތުގައި ހުންނެވިއިރު ހިންގި ކަމަށް ތުހުމަތު ކުރާ މުއާމަލާތެކެވެ.