ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދާނީ އިސްލާމީ އުސޫލުތަކުގެ މަތިން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދާއިރު ރަށްރަށުގައި ހުރި ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ ފަރާތުން އިސްލާމްދީނާއި، އަދި ދިވެހިންގެ ސަގާފަތާއި ހިލާފު ކަންކަން ފެންނަމުން ދާތީ އެކަމާއި ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން އެފަދަ ކަންކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އެފަދަ ކަންކަމާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް ކުރިން ވެސް އަޑު އައްސަވާފައި ވާނެ ކަމަށާ ރިއަށް އޮތްތާ ވެސް އެކަން ކުރާނީ އެގޮތަށް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ފަތުރުވެރިކަން ކުރިއަށް ގެންދާނީ އިސްލާމީ އުސޫލުތަކުގެ މަތީގައި ކަމަށެވެ.
"ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑުމެންގެ މި ސަރުކާރު އަޅުގަނޑުން ރާއްޖޭގެ ފަތުރުވެރިކަން ވެސް ކުރިއަށް ގެންދާނީ އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ފަތުރުވެރިކަން ކުރިއަށް ގެންދާނީ އިސްލާމީ އުސޫލުތަކުގެ މަތީގައޭ. އެ ޔަގީންކަން އަޅުގަނޑުމެންދެން... ކޮންމެ ކަމެއްގައި ގާނޫނާ ހިލާފުވާ މީހުން އުޅޭ." އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލޯކަލް ޓޫރިޒަމް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އަލުން ގެސްޓް ހައުސްތައް ހުޅުވާއިރު މީގެ ކުރިން ދިމާވެފައިވާ މައްސަލަތައް ދިމާ ނުވާނެ ގޮތްގޮތަށް ކަންކަން ރާއްވަވާނެ ކަމަށެވެ.