ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޗިލީގެ ހޮސްޕިޓަލަކުން ކޮވިޑް-19 މީހުންނަށް ވަދާއު ކިޔުމުގެ ފުރުސަތު

އޭނާގެ އަތަށް ވަނީ ނޫކުލައިގެ ވަރުގަދަ އަންގިއެއް ލައްވާފަ އެވެ. އަދި މޫނުގައި ވެސް ވަނީ ޝީލްޑް މާސްކެއް އަޅާފަ އެވެ. މި އަންހެންމީހާ އޭނާގެ ހާލު ބޮޑުވެފައިވާ ބައްޕަގެ ނުރަ ބޮލުގައި ފިރުމަމުން ބައްޕަގެ އެންމެ ފަހު ވަގުތުކޮޅު ކުޑަވެސް ހިތްހަމަޖެހުމެއް ގެނެސްދެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ.

ޗިލީގެ ސެންޓިއާގޯގެ ޑޮކްޓަރުންނަށް ކުރެވުނުހާ މަސައްކަތެއް 76 އަހަރުގެ ޑޮން ޖައިމޭގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮށް ދިނެވެ. ނަމަވެސް ކޮރޯނާވައިރަހުން ޖެހުނު ބަލީގައި ޖައިމީގެ ހާލު އޭރު ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި އޭނާގެ ފުރާނަ ދެން ސަލާމަތް ކޮށް ނުދެވޭނެކަން މިދިޔަ ހަފުތާގައި ޑޮކްޓަރުންނަށް ޔަގީންވި އެވެ. އެ ހިސާބުން އޭނާގެ އާއިލާއަށް ހޮސްޕިޓަލަށް އައުމުގެ ފުރުސަތު ޑޮކްޓަރުން ފަހި ކޮށްދިނެވެ. އެންމެ ފަހުގެ އަލްވަދާއު ކިޔައި ހަޔާތުގެ ފަހު ވަގުތުކޮޅު އާއިލާއާއެކު ހޭދަ ކޮށްލުމުގެ ފުރުސަތު ޖައިމީ އަށް ދިނުމަށެވެ.

ކޮރޯނާވައިރަހަކީ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔަކަށް ވާތީ ހޮސްޕިޓަލުތަކުގައި ފަރުވާ ދޭ މީހުން ކައިރިއަށް އާއިލާގެ މީހުން ދިއުން ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ހޮސްޕިޓަލުތަކުގައި ވެސް އޮންނަނީ މަނާ ކޮށްފަ އެވެ. އެހެންވެ ހާލު ބޮޑު މީހުން ދުނިޔެއަށް އެންމެ ފަހުގެ ނޭވާ ލަނީ ގިނަ ފަހަރަށް އެކަނި މާއެކަނި އޮވެ އެވެ. އެ މީހާގެ ގައިގައި ފިރުމާލައި ހިތްހަމަޖައްސާލަދީ ހަދާނެ އާއިލާގެ މީހަކު ވެސް އޭނާ ކައިރީ ނުހުރެ އެވެ.

މިހާތަނަށް ބައި މިލިއަނެއްހާ މީހުން މި ވޭންހުރި ބަލީގައި ދުނިޔެ ދޫކޮށްފައިވާއިރު ހުރިހާ އެންމެން ކަހަލަ ގޮތަކަށް ވެސް ދުނިޔެއާ ވަކިވަނީ އެކަނި މާއެކަނި އޮވެ އެވެ. ބައެއް މީހުންނަށް ފޯނުން ނުވަތަ ކޮމްޕިއުޓަރު މެދުވެރިކޮށް އާއިލާއަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ލިބުނަސް ގިނަ މީހުންނަށް މި ވަރުވެސް ނުވެ އެވެ.

އެހެންވެ ޖައިމީ އާއި އެ ބަލީގައި މަރާ ހަނގުރާމަ ކުރަމުންދާ މީހުންނަށް އެ މީހުންގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު އާއިލާތަކާ އެކު ހޭދަކޮށްލުމުގެ ފުރުސަތު ދޭން ޔުނިވަސިޓީ އޮފް ޗިލީގެ މެޑިކަލް ޗީފުން ނިންމީ އެވެ.

އެގޮތުން ބަލި މީހާއަށް ޒިޔާރަތްކުރާ މީހުން ފުރަތަމަ ކޮރޯނާވައިރަހަށް ސްކްރީން ކުރަން ޖެހެ އެވެ. އެމީހުންނަށް ބަލި މީހާ ކައިރިއަށް ދެވޭނީ ބަލި ނެތްކަން ޔަގީން ވީމަ އެވެ. އަދި މެޑިކަލް ޕްރޮފެޝަނަލުން އަޅާ ހެދުން މި މީހުންނަށް ވެސް އަޅަން ޖެހެ އެވެ.

ޗިލީގެ މި ހޮސްޕިޓަލުގައި މަސައްކަތްކުރާ އެއްވެސް ސްޓާފަކަށް މިހާތަނަށް ބަލި މީހުންގެ ގައިން ވައިރަސް އަރާފައެއް ނެތެވެ. އެހެންވީމާ ބަލިމީހާ އަށް ޒިޔާރަތްކުރާ އާއިލާގެ މީހުންނަށް ވެސް އެ ރައްކާތެރިކަން ދެވޭނެކަމުގެ ޔަގީންކަން އެމީހުންނަށް އޮވެ އެވެ. އެފަދަ ފުރުސަތު ހުޅުވާލީ އެހެންވެ އެވެ.

އެ ހޮސްޕިޓަލުގެ އައިސީޔޫގައި އެންމެ އިސްކޮށް މަސައްކަތްކުރާ ޑޮކްޓަރު ކާލޯސް ރޮމޭރޯ ވިދާޅުވި ގޮތުގައި ބަލި މީހުންނަށް އާއިލާގެ މީހުން ޒިޔާރަތް ކުރުމުގެ މުހިއްމު ކަމަށް އެމީހުން އަބަދުވެސް ވަކާލާތު ކުރެ އެވެ. ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ލޯބިވާ މީހުން ދެކިލަން އަދި އެމީހުންނާ އެކުގައި ވާން ކޮންމެ މީހަކުވެސް އެދޭނެ އެވެ.

ޗިލީއަކީ ލެޓިން އެމެރިކާގެ ގައުމެކެވެ. އަދި ލެޓިން އެމެރިކާއަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ސަރަހައްދެވެ. އަދި ޗިލީ އަކީ މި ބަލި އެންމެ ބޮޑަށް މިހާރު ފެތުރެމުންދާ އެއް ގައުމެވެ. އެ ގައުމުގައި މިހާރު ކޮންމެ ދުވަހަކު ހާހަކަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހެ އެވެ. އަދި މި ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން އެ ގައުމުން ވަނީ މަރުވެފަ އެވެ.

ހާލު ބޮޑުވާ އެންމެންގެ އާއިލާތަކަށް އެމީހުންގެ ގާތް މީހުންނަށް ޒިޔާރަތް ނުކުރެވުނަސް ކޮންމެ ދުވަހަކު އާއިލާއަށް ގުޅައި އެ މީހާގެ ހާލު އޮޅުން ފިލުވައިދީ އަދި ވީޑިއޯ ކޯލް މެދުވެރިކޮށް ވެސް އާއިލާގެ މީހުންނާ ބަލި މީހުންނާ ބައްދަލު ކުރެވޭ ގޮތް ހަދައިދޭ ކަމަށް ޑރ. ރޮމޭރޯ ވިދާޅުވި އެވެ.

"އަހަރެމެންނަށް ކުރެވުނުހާ ކަމެއް ބަލި މީހާގެ ފުރާނަ ސަލާމަތްކުރަން ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަހަރެން އާއިލާތަކަށް ދެން. އަދި އެ މީހުންގެ ހަޔާތުގެ އެންމެ ފަހު ސިކުންތާ ހަމަޔަށް ވެސް އަހަރެމެން އެމީހަކާ އެކު ހުންނާނެކަމުގެ ޔަގީންކަން ވެސް ދެން. އަދި އެމީހުންގެ ހަށިގަނޑުގައި އަޅާ ވޭން ކުޑަކޮށްދޭން ވެސް އަހަރެމެންނަށް ކުރެވުނުހާ ކަމެއް ކޮށްދެން. އެ މީހުންގެ އާއިލާތަކަށް އެކަން އެނގޭނެ. އަދި ކިތަންމެ ކުޑަ ފުރުސަތެއް އޮތަސް އާއިލާގެ މީހުންނާ ބަލި މީހުންނާ ބައްދަލު ކުރެވޭނެ ގޮތް ވެސް ހަދައިދެން،" ޑޮކްޓަރު ވިދާޅުވި އެވެ. ދަރިފުޅު އޭނާއަށް ޒިޔާރަތް ކުރިތާ މާ ގިނަ އިރެއް ނުވެ ޖައިމޭ ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ.