ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އައިއެމްފުން ލަފާކުރުން: އިގުތިސޯދީ ހީނަރުކަން ގޯހުން ގޯހަށް ދާނެ

Jun 25, 2020
1

ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އިގުތިސޯދު ހީނަރުވާނެ ކަމަށް ކުރިން ލަފާ ކުރެވުނު ވަރަށް ވުރެ ވެސް ގޯސްވާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އެގޮތުން، މިދިއަ އޭޕްރީލް މަހު އަންދާޒާ ކުރެވުނު މިންވަރަށް ވުރެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށާއި، މި އަހަރު ދުނިޔޭގެ އިގުތިސޯދު ކުރިއަރާ މިންވަރު ހުންނާނީ މައިނަސް ފަސް ޕަސެންޓުގައި ކަމަށް އައިއެމްއެފުން ބުންޏެވެ.

އައިއެމްފުން މީގެ ދެ މަހެއްހާ ދުވަސް ކުރިން އާއްމުކުރި އަންދާޒާ ހުރީ މައިނަސް ތިން ޕަސަންޓުގަ އެވެ

އިގުތިސޯދީ ހީނަރުކަން ގޯސްވުމުގެ މައިގަނޑު ސަބަބަކީ، ކުރިން ލަފާ ކުރެވުނު މިންވަރަށް މީހުން ހަރަދު ކުރުމަށް ފަސްޖެހުން ކަމަށް އައިއެމްއެފުން ބުނެފައިވެ އެވެ.

މީގެ ކުރީގެ މިފަދަ ކާރިސާތަކުގައި، އެއްކޮށްފައި ހުންނަ ފައިސާކޮޅު މީހުން ބޭނުން ކުރުމުން، ޑިމާންޑު ދަށް ނުވެ، ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ނަމަވެސް، މި ބަލިމަޑުކަމުގެ ތެރެއިން، ބަލީގެ ނުރައްކަލަށް ހުށަހެޅުމުގެ ބިރަށް، އާއްމުން ހަރަދު ކުރަން ފަސްޖެހުމުން، ދުނިޔޭގެ މާކެޓުގައި އޮންނަ ޑިމާންޑް އިތުރަށް ދަށްވާނެ ކަމަށް އައިއެމްއެފުން ވަނީ ލަފާ ކޮށްފަ އެވެ.

އެކަމުގެ ސަބަބުން، ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ސަބަބުން، އިގުތިސޯދުތައް އަވަހަށް ހިނގައިގަތުމަށް ހުރަސްއެޅިފައި ވާކަމަށް އައިއެމްއެފުން ފާހަގަކުރެ އެވެ.