ކުޅިވަރު

އޭއެފްސީ ޕްރޯ ލައިސެންސް މޯހަން ހާސިލުކޮށްފި

ކުލަބު އީގަލްސްގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އޭއެފްސީ ކޯޗިންގެ ޕްރޯ ލައިސެންސް ހާސިލު ކޮށްފި އެވެ.

މިއީ އިންޓަނޭޝަނަލް ފުޓްބޯޅަ ކޮންފެޑްރޭޝަންތަކުން ހިންގާ ކޯޗިންގެ އެންމެ މަތީ ލެވަލްގެ ފާހެވެ. ޔޫއެފާގެ ޕްރޯ ކޯޗިން ލައިސެންސާ އެއް ފެންވަރުގެ މި ލައިސެންސް ހާސިލު ކުރި ރާއްޖޭގެ ދެ ވަނަ ކޯޗަކީ އޭނާ އެވެ. ޕްރޯ ލައިސެންސް ހާސިލު ކުރި ފުރަތަމަ ދުވެއްސަކީ، ޓީސީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. އޭނާ ޕްރޯ ލައިސެންސް ހާސިލު ކުރީ މިދިޔަ އަހަރު އެވެ.

މޯހަން ކޯޗިންގެ ޕްރޯ ލައިސެންސް ޕްރޮގްރާމް ފެށީ މިދިޔަ އަހަރު އެވެ. ޖަޕާންގައި ކުރިއަށް ގެންދިޔަ ކޯހުގެ ފުރުސަތު މޯހަން އަށް ހޯދައިދިނީ އެފްއޭއެމް މެދުވެރި ކޮށެވެ. މިއަދު އަވަސް އާ ވާހަކަ ދައްކަމުން މޯހަން ބުނީ، އޭނާ އަށް މިފުރުސަތު ތަނަވަސްކޮށް ދިނުމުގައި އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް ކޮށްދެއްވި މަސައްކަތް ފާހަގަ ކުރާ ކަމަށެވެ.

"ހަގީގަތުގައި ވަރަށް ބޮޑު ކަމެއް މި ހާސިލު ވީ، މިފުރުސަތު ތަނަވަސް ކޮށްދިނުމުގައި ބައްސާމް ކޮށްދެއްވި މަސައްކަތް ފާހަގަ ކުރަން." މިއަދު ޕްރޯ ލައިސެންސް ކަށަވަރުވި މޯހަން ވާހަކަ ދެއްކި އެވެ. "ދެން މި ފުރުސަތު އަޅުގަނޑަށް ލިބުނީ [އިހްސާން އަބްދުލް ގަނީ] ސާންތީގެ އިސްނެގުމުގެ މަތިން."

ޕްރޯ ލައިސެންސް ކޯހުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނީ އޭނާ އަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް ސާންތީ ހުރި އިރު ކުރި މަސައްކަތުންނެވެ. މޯހަން ވަނީ ކުލަބު އީގަލްސްގެ މެނޭޖުމެންޓުން ކުރި މަސައްކަތް ފާހަގަ ކޮށްފަ އެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ރަނަރަފް މަގާމު އީގަލްސް އަށް ހޯދައިދީ އެ ކުލަބުގެ ތާރީހްގައި ދިވެހި ޕްރިމިއާ ލީގްގައި އެންމެ މައްޗަށް ގެންގޮސްދިން މޯހަން އަކީ އެއްވެސް މެޗަކުން ބަލި ނުވެ ދިވެހި ލީގް ހޯދި ހަމައެކަނި ދިވެހި ކޯޗެވެ. މޯހަންގެ ކޯޗު ކަމުގެ ދަށުން ނިއު ރޭޑިއަންޓުން 2012 ވަނަ އަހަރު ދިވެހި ލީގްގެ ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.


ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރި މޯހަން ވަނީ، ކޯޗިން ކޯސްތަކުގައި ރާއްޖެއިން ބޭރުގައިވެސް ކިޔަވައި ދީފަ އެވެ. ނޭޕާލްގައި 2016 ވަނަ އަހަރު ބޭއްވި ކޯޗިން ކޯހުގައި އޭނާ ވަނީ ކިޔަވައި ދީފަ އެވެ.