ދީން

ގައިދުރުކޮށް ސަފުހަދައިގެން ނަމާދު ކުރުން

Jun 26, 2020
5
ލިޔުނީ: އައްޝައިޚް ހަސަން މޫސާ ފިކުރީ

ކޮވިޑް ރޯގާއާ ގުޅިގެން ދިރިއުޅުމުގެ އެތައް ކަމަކަށް މިވަނީ އަސަރުކޮށްފައެވެ. އެތައް ކަމެއް ބަދަލުވެފައެވެ. އިޖްތިމާޢީ ދިރިއުޅުމުގެ ގިނަ ކަންކަން މިވަނީ ބަދަލުކަރަން ޖެހިފައެވެ. ފިހާރަތަކާއި މީހުން އާންމުކޮށް އެއްވާ ތަންތާގައި، ގައިދުރުކޮށް އުޅުމުގެ ވައްޓަފާޅި ތިމާމެންގެ ކިބައިގައި އަށަގަންނުވައި، ކޮވިޑް ބަލީގެ ނުރައްކާތެރިކަން މުޖުތަމަޢުގައި އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅައިގެން އުޅުން ނޫން ގޮތެއް އަދި ފެންނާކަށް ނެތެވެ. ރޯގާ ކޮންޓުރޯލުކޮށް، ބަލިން ސަލާމާތްވުމަށްޓަކައި ޞިއްޙީ މާހިރުން ދެއްވާ އިރުޝާދުތަކަށް ޢަމަލުކޮށް "ނިއު ނޯމަލް" އަކަށް ބަދަލުވާން މިވަނީ ޖެހިފައެވެ.

މީހުން އެއްވާ ތަންތަނުގެ ތެރެއިން ޕާކުތަކާއި މައިޒާންތައް ހުޅުވުމުގެ ހުއްދަ ވަނީ މިހާރު ދެވިފައެވެ. އަދި އިސާހިތަކު ސްކޫލްތަކާއި، ކެފޭރެސްޓޯރަންޓުތައް ހުޅުވިގެން ދާނެއެވެ. ދުވާލަކު ފަސްފަހަރު ޖަމާޢަތުގައި ނަމާދު ކުރެވޭ މިސްކިތްތައް ހުޅުވާލެވޭއިރު އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ، ދުރުދުރުގައި ތިބެ ސަފުހަދައިގެން ޖަމާޢަތުގައި ނަމާދު ކުރެވިދާނެތޯއެވެ؟ އެފަދައިން ގައިދުރުކޮށްގެން ތިބެ ކުރާ ނަމާދު ޞައްޙަވާނެތޯއެވެ؟

މީގެ ކުރީގައި ޖަމާޢަތުގެ ސަފަހު ހަދާއިރު ދެވޭ އިރުޝާދަކީ، ކޮނޑާއި ކޮނޑު އަދި ފަޔާއި ފައި ޖައްސައި، ދެމީހުންގެ ދެމެދުގައި ހުސްޖާގަ ނޯންނާނޭހެން ސަފު ހެދުމަށެވެ. ބަދަހިކަމާއެކު ގުޅި ލާމެހިގެންދާ ގޮތަށް ސަފު ހެދުމަކީ ނަމާދު ފުރިހަމަ ވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައެވެ. އަދި ސަފުހެދުމުގައި ދުރުދުރުގައި ވަކިވަކީން ތިބުމަކީ މީސްތަކުންގެ ހިތްތައް ވަކިވަކި ކުރައްވާފާނޭ ކަމެއްކަމުގައިވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ.

ކަން މިހެންއޮތްއިރު، "ނިއު ނޯމަލް" ގައި ސަފު ހަދާނީ ކިހިނެއް ހެއްޔެވެ؟ ދުރު ދުރުގައި ތިބެގެން ސަފު ހެދިދާނެ ހެއްޔެވެ؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޢަމަލު ކުރަމުންދާ ގޮތް

ދުނޔޭގެ އެކި ކަންކޮޅުތަކުގައި އަމަލު ކުރެވެމުންދާ ގޮތަށް ބަލައިލަމާތޯއެވެ! ދެޙަރަމްފުޅު އެ ގައުމެއްގައި ހުންނަ ސަޢޫދީ ޢަރަބިޔާގައި މިސްކިތްތަކުގައި ގައިދުރުކޮށް ތިބެ ސަފުހަދައިގެން ނަމާދު ކުރުމަށް އެ ގައުމުގެ ކަމާބެހޭ ފާރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އެތައް ދުވަސްތަކަކަށްފަހު މަސްޖިދުއްނަބަވީ އާއްމުންނަށް ނަމާދުކުރެވޭ ގޮތަށް ހުޅުވައިލިއިރު ދެވިފައިވާ އިރުޝާދުތަކުގެ ތެރޭގައި، ކޮންމެ ދެމީހެއްގެ ދެމެދުގައި ދެމީޓަރުގެ ދުރުމިން ބެހެއްޓުމަށްވަނީ އަންގާފައެވެ. އަދި އެ ދުރުމިން ބަހައްޓާކަން ކަށަވަރު ކުރުމަށް، ދެމީހުން ދެމެދުގައި އޮންނަޖެހޭ ހުސްޖާގަވެސް ވަނީ ފާހަގަ ކޮށްދީފައެވެ.

ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ތިބި މުސްލިމުންވަނީ މި ނަމޫނާގައި ހިފައި، މިފަދައިން ގައިދުރުކޮށް ތިބެ ސަފުހަދައިގެން ނަމާދު ކުރަން ފަށާފައެވެ.

ޕާކިސްތާނުގައި ކޮވިޑު ބަލި ފެތުރުން ކޮންޓުރޯލު ކުރުމަށްޓަކައި މިސްކިތްތުގެ ޖަމާޢަތް ހުއްޓާލުމުގެ ބަދަލުގައި، ގައިދުރުކޮށް ތިބެ ސަފުހަދައިގެން ނަމާދު ކުރުމަށް އެގައުމުގެ ދީނީ ޢިލްމުވެރިންވަނީ ކަނޑައަޅާފައެވެ. އަދި އެފަރާތްތަކުގެ ފަތުވާއާ އެއްގޮތަށް، މިސްކިތްތައް ބަންދު ކުރުމެއްނެތި، މިއަހަރުގެ ރަމަޟާންމަހުވެސް ޖަމާޢަތުގެ ނަމާދުވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޑޮނީޝިއާއަކީ ދުނިޔޭގެ އާބާދީގެ ގޮތުން ބަލާއިރު އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ގައުމެވެ. އިންޑޮނީޝިޔާގައި ރަމަޟާންމަސް ފެށުނު އިރު މިސްކިތްތަކަށް ދިޔުން އެއްކޮށް މަނާކޮށްފައި ނުވިނަމަވެސް، މީސްތަކުން ގޭގައި އަޅުކަން ކުރުމަށާއި، ޞިއްޙީ ސަލާމަތްތެރިކަމަށްޓަކައި މިސްކުތުގެ ޖަމާޢަތް ނުހެދުމަށް އިރުޝާދު ދެވުނެވެ. ނަމަވެސް ކޮވިޑް ބަލި ފެތުރޭ މިންވަރު އިތުރުވުމުން އިރުޝާތައް ހަރުކަށިކޮށް މިސްކިތުގައި ޖަމާޢަތްހެނދުން ހުއްޓާލިއެވެ. ނަމަވެސް، އަލުން ހުޅުވައިލެވުނު އިރު މިސްކުތުގެ ޖަމާޢަތް ހެދުމުގައި ގައިދުރު ކުރުމަށްވަނީ އަންގާފައެވެ.

ގައިދުރުކޮށް ސަފު ހަދައިގެންތިބެ ނަމާދު ކުރުމުގެ ޙުކުމް

ދުރުގައި ތިބެ ސަފުހަދައިގެން ނަމާދު ކުރުމުގެ ޙުކުމު ދެނެގަތުމަށްޓަކައި، ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފުހެދުމުގެ ޙުކުމަށް ބަލައިލަން ޖެހެއެވެ. ސަފު ސީދާކުރުމާއި، ބަދަހިކަމާއެކު، ގާތްގާތުގައި ތިބެގެން ސަފުހެދުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި މައިގަނޑު ދެ ރައުޔެއްވެއެވެ.

ހަތަރު މަޒުހަބުގެ އިމާމުންގެ ރައުޔަކީ އެއީ ސުންނަތް ވެގެންވާ ކަމެއްކަމުގައެވެ. އެބޭކަލުން ގެންނަވާ ދަލީލަކީ އަންސް ބުނު މާލިކު رضي الله عنه ގެ އަރިހުން ރިވާވެގެންވާ އަންނަނިވި ޙަދީޘެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެވެ. «سَوُّوا صُفُوفَكُمْ؛ فَإنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ» މާނައީ: "ތިޔަބައިމީހުން ސަފުތައް ހަމަހަމަކޮށް، ތަރުތީބު ކުރާށެވެ. އެހެނީ، ހަމަކަށަވަރުން، ސަފުތައް ތަރުތީބު ކުރުން ހިމެނެނީ، ނަމާދު ފުރިހަމަވުމުގެ ތެރެއިންނެވެ." އަދި މިޙަދީޘްގެ ބައެއް ރިވާޔަތްތަކުގައިވެއެވެ. "ހަމަކަށަވަރުން، ސަފުތައް ޤާއިމުކުރުން ހިމެނެނީ، ނަމާދުގެ ފުރިހަމަކަމުގެ ތެރެއިންނެވެ." މިޙަދީޘަކީ ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެކެވެ.

މިބޭކަލުން ދެކެލައްވާ ގޮތުގައި ނަމާދު ފުރިހަމަ ކޮށްދޭ ކަންކަމަކީ ނަމާދުގެ ވާޖިބުތަކުގެ އިތުރު ހިމެނޭ ކަންކަމެވެ.

މި މައްސަލައިގައި އޮތް ދެވަނަ ރައުޔަކީ، ގާތްގާތުގައި ތިބެ ސަފު ހެދުމަކީ ނަމާދުގެ ވާޖިބާތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައެވެ. މިއީ އަލްއިމާމުލް ބުޚާރީއާއި އިބްނުލް ޢަރަބީ އާއި އިބްނު ރަޖަބު ފަދަ ބޭކަލުންގެ ރައުޔެވެ.

މިބޭކަލުންގެ މައިގަނޑު ދަލީލަކީ އަންނަވި ޙަދީޘް ފުޅެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «لَتُسَوُّنَّ صُفُوفَكُمْ، أَوْ لَيُخَالِفَنَّ اللهُ بَيْنَ وُجُوهِكُمْ» މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ސަފުތައް ސީދާކޮށް ތެދުކުރާހުށިކަމެވެ. އެހެން ނުހެދިނަމަ، މާތް ﷲ، ތިޔަބައިމީހުންގެ މޫނުތައް ވަކިވަކިކުރައްވާފައިހުއްޓެވެ." އެބަހީ: ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި ދެކޮޅުވެރިކަން ލައްވައިފާހުއްޓެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި، އިތުރު އެކަލޭގެފާނު ޖަމާޢަތުގެ ނަމާދުގެ ސަފަތައް ސީދާކުރެއްވުމުގައި އަމަލީގޮތުން މީސްތަކުންނަށް އިރުޝާދު ދެއްވެވިއެވެ. ހަތަރު ޚަލީފާއިންގެ ޒަމާނުގައި އެބޭބޭކަލުންވެސް ސަފު ސީދާކުރެއްވުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެން ސަފުން ފެޔަށްޖެހި، ބޭރަށް ނިކުމެފައި ހުރެއްޖެ މީހަކު ސަފަށް ވެއްދެވުމުގެ މަސައްކަތް ކުރެއްވެވިއެވެ.

ނަމާދުގެ ސަފު ސީދާކުރުމާއި، ގާތްގާތުގައި ސަފު ހެދުމުގެ ޙުކުމާއި ގުޅިފައިވާ އަނެއް ކަމަކީ، ނަމާދުގައި އެފަދައިން ސަފު ނުހަދައިފި މީހާގެ ނަމާދު ޞައްޙަވާނެތޯ އުފެދޭ ސުވާލެވެ. ޖުމްހޫރު (އެބަހީ: ގިނަ) ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ސަފު ސީދާނުވުމަކީ ނުވަތަ ސަފުން ފެޔަށްޖެހި ހުރެ ނަމާދުކުރުމަކީ ނަމާދު ބާތިލުވާނޭ ކަމެއް ނޫނެވެ.

މި މައްސަލައިގައިވެސް، ސަފަށް ނުވަދެހުރެ ނަމާދުކުރާ މީހެއްގެ ނަމާދު ބާޠިލުވާނޭކަމުގައިވެސް ބައެއް ބޭކަލުން ދެކެލައްވައެވެ. ނަމަވެސް، މި ކަމުގައި ބޮޑަށް ބުރެވޭ ރަގަނޅު ގޮތަކީ އެފަދަ މީހެއްގެވެސް ނަމާދު ޞައްޙަވާނޭކަމުގައި ބުނެވޭ ބަހެވެ.
ނަމާދުގެ ސަފު ހެދުމާ ގުޅޭ އަނެއް މައްސަލައަކީ ސަފު ގުޅިގެން ދިޔުމަކީ ޝަރުޠެއްތޯ އެވެ ސަފުގެ ފަހަތުގައި އެކަނި ހުރެ، ނަމާދު ކުރާ މީހާގެ ނަމާދު ޞައްޙަވާނެތޯ؟

މިއީ ފިޤުހުވެރިންގެ މެދުގައި މަޝްހޫރު ބަހުސްތަކުގެ ތެރޭގައި ހިމެނޭ މައުލޫއެކެވެ. މި މައްސަލައިގައި ތިން ރައުޔެއް ފާހަގަކޮށްލެވެއެވެ.

އެކެއް: ޖުމްހޫރު ދަންނަ ބޭކަލުންގެ ރައުޔަކީ ސަފުގެ ފަހަތުގައި، އެކަނި ހުރެ ނަމާދު ކުރާމީހާގެ ނަމާދު ޞައްޙަވާނެ ކަމުގައެވެ.
މިބޭކަލުންގެ މައިގަނޑު ދަލީލަކީ އަބޫ ބަކުރަތު رضي الله عنه އޭކިޔުނު ޞަޙާބީއަކު، ޖަމާޢަތުގައި ބައިވެރިވުމަށްޓަކައި އަވަސްވެވަޑައިގެން ސަފަށް ވެއްނެވުމުގެ ކުރީގައި ތަކުބީރު ކިޔައި ރުކޫޢު ކުރައްވައިގެން އޮންނަވައިގެން ސަފަށް ވެއްނެވުމުން (އެކަން އެނގިވަޑައިގެން) އަބޫބަކުރާއަށް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިބާ ނަމާދަށް ރައްކާތެރިވެލައްވާ މިންވަރު މާތް ﷲ އިތުރުކުރައްވާށިއެވެ! އެހެނަސް ދުވެފައި އައިސް (ތިޔަގޮތަށް) ސަފަށް ނުވަންނާށެވެ!" އެބަހީ: އިމާމު މީހާ ރުކޫޢުގައި އޮތުމުން، ރުކޫޢު ނުލިބިދާނޭ ކަމަށްޓަކައި އަވަސްކުރުމުގެ ގޮތުން، ސަފަށް އެރުމުގެ ކުރިން ރުކޫޢު ކޮށްގެން އޮވެ، ސަފަށް އެގޮތަށް ވަނުމަކީ ރަނގަޅު ގޮތެއް ނޫން ކަމުގައެވެ. އަބޫ ބަކުރާ رضي الله عنه ގެ ނަމާދު ބާޠިލުވާނޭކަމަކަށް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘެއް ނުކުރައްވައެވެ. ނުވަތަ އަލުން އެނަމާދު ކުރުމަކަށްވެސް އަމުރު ކުރައްވާފައެއް ނުވެއެވެ.

ދޭއް: ސަފުތަކުގެ ފަހަތުގައި އެކަނިހުރެ ނަމާދު ކުރާ މީހާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ. މިފަދައިން ދެކެލައްވަނީ ޙަންބަލީ މަޒުހަބުގެ ބޭކަލުންނެވެ. އެބޭކަލުން ބުރަވެލައްވަނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަންނަވި ޙަދީޘްފުޅުގެ މައްޗަށެވެ. "ސަފުގެ ފަހަތުގައި އެކަނިހުރެ ނަމާދު ކުރަމުންދިޔަ މީހަކު ފެނިވަޑައިގެން، އޭނާ އަލުން ނަމާދު ކުރެއްވުމަށް ކީރިތި ރަސޫލާ صلى الله عليه وسلم އަމުރު ކުރެއްވެވިއެވެ."

ތިނެއް: ސަފުން ޖާގަ ނުލިބެއްޖެ ޙާލަތެއްގައި ސަފުގެ ފަހަތުގައި އެކަނި ހުރެ ނަމާދުކުރާ މީހާގެ ނަމާދު ޞައްޙަވާނެއެވެ. މިއީވެސް ޙަބަލީ މަޒުހަބުގެ ބައެއް ބޭކަލުންގެ ރައުޔެކެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވެސް ވިދާޅުވަނީ މިފަދައިންނެވެ.

މި މައްސަލައިގައި އެންމެ ރަނގަޅު ގޮތަކީވެސް ތިންވަނަ ރައުޔެވެ. އެހެނީ މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ) (التغابن 16) މާނައީ: "ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާ މިންވަރަކަށް މާތްﷲއަށް ތަޤުވާވެރިވާށެވެ."

ކޮވިޑް ބައްޔާއި ގުޅިގެން، ދުރު ދުރުގައި ތިބެ ސަފުހަދައިގެން ޖަމާޢަތުގައި ނަމާދު ކުރުމުގެ ޙުކުމް މި ކަމުގައި ޢިލްމުވެރިންގެ ދެގޮތަކަށް ވިސްނުވުފުޅު އެބަހުއްޓެވެ.

އެކެއް: ގައިދުރު ކުރުމުގެ އުޞޫލަށް ތަބާވެ ދުރުދުރުގައި ތިބެގެން ސަފުހަދައިގެން ނަމާދު ކުރުމަކީ ހުއްދަކަމެއް ނޫންކަމުގައި ބައެއް ބޭފުޅުން ދެކެލައްވައެވެ.

ދޭއް: މިޙާލަތުގައި، ދުރުދުރުގައި ތިބެގެން ސަފުހަދައިގެން ނަމާދު ކުރުމަކީ ހުއްދަ ކަމެއްކަމުގައި ދެކެލައްވާ ބޭކަލުންގެ ބަސްފުޅެވެ.
ދެވަނަ ރައުޔަށް ބުރަވެލައްވާ ބޭކަލުން ދެކެލައްވާ ގޮތުގައި، ޝަރުޢީ އުޒުރަކަށްޓަކައި ނަމާދުގެ ބައެއް ކަންކަން ދޫކޮށްލުމަކީ ދީނުގައި އަމަލު ކުރުމަށް އަންގަވާފައިވާ ގޮކެވެ. އެގޮތުން ބަލި ހާލުގައިވާ މީހާ ކޮޅަށްހުރެ ނަމާދު ނުކުރެވޭނަމަ އިށީދެގެން ނަމާދުކުރުމާއި، އިށީދެ އިނުމަށް އުޒުރުވެރިވާ މީހާ އޮށޯވެ އޮވެގެންވެސް ނަމާދު ކުރުމަށް އަމުރު ކުރައްވާފައިވުން ހިމެނެއެވެ. އަދި ދަތުރެއްގެ މަތީގައިވާ މީހާ، ގިބުލައަށް ކުރިމަތި ނުލެވޭ ހާލަތުގައި ޤިބުލައަށް ކުރިމަތި ނުލާވެސް ނަމާދު ކުރުން ހުއްދަވެގެންވެއެވެ. މިޒަމާނުގައި މަތިންދާ ބޯޓުގައި ކުރެވޭ ދިގު ދަތުރުތަކުގައި ނަމާދު ކުރާއިރު، ޤިބުލައަށް ކުރިމަތި ނުލެވޭނަމަ، ކުރިމަތި ނުލައި، އަދި ކޮޅަށް ނުހުރެވޭނަމަ ބޯޓުގެ ސީޓުގައި އިށީދެ އިނދެގެންވެސް ނަމާދު ކުރަންޖެހޭކަމީ އެއްވެސް ޢިލްމުވެރިއެއް ދެބަސްވެލައްވާ މައްސަލައެއް ނޫނެވެ.

ނަހީކުރައްވާފައިވާ ކަންކަން މުޅީ އެކުގައި ނުކޮށް ދޫކޮށްލުމަށާއި، އަމުރު ކުރައްވާފައިވާ ކަންކަމުގައި ތިމާއަށް ކުޅަދާނަވީ މިންވަރަކުން ކުރުމަކީ ދީނުގެ ޤަވާޢިދުތަކުގެ ތެރޭގައި ހިމެނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. « وَإِذَا أمَرْتُكُمْ بِأمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ» މާނައީ: "ފަހެ، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމެއް ނަހީކުރައްވާފައިނަމަ، ތިޔަބައިމީހުން އެކަމަކާ ދުރުހެލިވާހުށި ކަމެވެ. އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކަށް އަމުރުކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާ އެންމެފުރިހަމަ ގޮތުގައި އެކަމެއް ކުރާށެވެ." މިޙަދީޘް ރިވާކުރެއްވީ ބުޚާރީއާއި މުސްލިމެވެ.

ދަންނަބޭކަލުންގެ ތެރެއިން އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ. "ނަމާދުގެ ޤިޔާމާއި، ޤުރްއާން ކިޔެވުމާއި، ރުކޫޢު ސުޖޫދު ފުރިހަމަ ކުރުމާއި، ފެން ބޭންކޮށްގެން ހިނަގަނެ ވުޟޫ ކުރުމާއި، މިކަންކަން ކުޅަދާނަވެގެން ނުވާ މީހާގެ ކިބައިން ޢަފޫވެގެންވާއިރު، ހަމައެފަދައިން ސަފު ހެދުމާއި، އިސް ސަފަށް އެރުމަށް ކުރިޔަށް ޖެހުންފަދަ ކަންކަންވެސް ކުޅަދާނަ ވެގެންނުވާ ހާލަތުގައި ޢަފޫވެގެންވެއެވެ."

(ނޯޓު: މި ލިޔުމުގައި ހިމެނޭ ފިޤުހީ މައްސަލަތަކުގެ ތަފްޞީލުތަކަކީ، މައްކާގެ ޢިލްމުވެރިއެއް އަދި ޤާޟީއެއް ކަމުގައިވާ ފަހުދު ބިން ޔަޙްޔާ އަލްޢިމާރީ ލިޔުއްވާފައިވާ ލިޔުމަކުން ނަކަލުކޮށްފައިވާ ބައިތަކެކެވެ.)