ސްރީލަންކާ

ހައްޔަރުކުރި ދިވެހި އާއިލާގެ އިސް މީހާ ފިލައިގެން!

Jun 26, 2020
14

އަވަށްޓެރި ސްރީލަންކާގެ ފުލުހުން ހައްޔަރުކުރި ދިވެހި އާއިލާގެ އިސް މީހާ ހޯދުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ފަށައިފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އެ އާއިލާ ހައްުޔަރު ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ލަންކާގައި ދިރިއުޅެމުންދާތީ އެވެ. އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ވިސާ ނެތި ފަސް އަހަރު ލަންކާގައި އުޅެފައިވާ މީހެއް ވެސް ހިމެނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ތިން ކުޑަކުދިންނެވެ.

ދިވެހި އެ އާއިލާ ދިރިއުޅެމުންދިޔަގެ ލަންކާ ފުލުހުން ފާސްކޮށް އެމީހުން ހައްޔަރު ކުރިއިރު އެ އާއިލާގެ އިސް މީހާ ގޭގައި ނެތް ކަމަށް އެނގިފައި ވެއެވެ. އެމީހާ ގެއަށް އައިސްފައި ވަނީ ފުލުހުންގެ އޮޕަރޭޝަން ނިމުނު ފަހުންނެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ލަންކާ ފުލުހުން ކުރަމުން ދާއިރު އޭނާގެ މައުލޫމާތު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ލިބިގެން ލަންކާގެ ފުލުހުންނާ އަމިއްލައަށް ހަވާލުވުމަށް އަންގާފައިވާ ކަމަށް އެނގިފައި ވެއެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވަކި އެއްޗެއް ނުބުންޏެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ދިވެހި އާއިލާއެއް ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ލިބިގެން ފޮރިން މިނިސްޓްރީން އެކަން ބަލަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އެފަދަ މައުލޫމާތެއް ލިބިގެން އެކަން މިދަނީ ބަލަމުން. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިން ވެސް އެ ގައުމެއްގެ ގާނޫނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުން. އެކަމަށް އިލްތިމާސްކުރަން." މިއުވާން ވިދާޅުވިއެވެ.

ލަންކާގައި މިދިޔަ އަހަރު ހިނގި ބޮން ގޮއްވުމުގެ ހާދިސާގެ ފަހުން ގެތައް ޗެކް ކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ ފަށާފަ އެވެ. އެ އޮޕަރޭޝަން އަދިވެސް ހުއްޓައެއް ނުލަ އެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ދިވެހިން ހައްޔަރު ކޮށްފައި ވެއެވެ.