ލައިފްސްޓައިލް

"ފެއާ އެންޑް ލަވްލީ"ގެ "ފެއާ" ކަނޑާލަނީ

ހަމުގެ ކުލައިގެ ތަފާތު ކުރުންތަކުގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވެމުންދާ މި ދުވަސްވަރު އިންޑިއާގައި ބިއުޓީ ޕްރޮޑަކްޓްސް އުފެއްދުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޔުނިލިވާ އިން އެ ކުންފުނިން އުފައްދާ ހަމުގެ ކުލަ އަލިކޮށްދޭ ކްރީމެއް ކަމަށްވާ "ފެއާ އެންޑް ލަވްލީ" ގެ ނަމުން "ފެއާ" ކަނޑާލަން ނިންމައިފިކަން އިއުލާން ކޮށްފި އެވެ.

"ފެއާ އެންޑް ލަވްލީ" ޕްރޮޑަކްޓްތަކަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ހަމުގެ ކުލަ އަނދިރިކޮށް ތިބޭ މީހުންނަށް އެމީހުންގެ ހަންގަނޑު އަލި ކުރަން އުނގުޅާ އެއްޗެއްގެ ގޮތުގައި އިޝްތިހާރު ކުރާތީ އެވެ.

ހިންދުސްތާން ޔުނިލިވާ އިން އިއުލާން ކޮށްފައިވާ ގޮތުގައި "ފެއާ" މި ބަސް އެމީހުންގެ ބްރޭންޑުގައި ބޭނުން ކުރުން އެ ކުންފުނިން މުޅިން ހުއްޓާލަން ވަނީ ނިންމާފަ އެވެ. އަދި މި ކްރީމަށް ކިޔާނެ އާ ނަމެއް މިހާރު ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށާއި އެ ނަން ފާސް ވުމުން އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ކުންފުނިން ދެން މަސައްކަތް ކުރާނީ ރީތިކަން ފުރިހަމަ ކުރުމަށް މިހާރަށް ވުރެ ރަނގަޅަށް ޕްރޮޑަކްޓްތައް އިޝްތިހާރު ކުރަން ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން ކުންފުނީގެ ބިއުޓީ ޕްރޮޑަކްޓްތަކުގައި ބޭނުން ކޮށްފައިވާ ބަސްތަކުގެ ތެރެއިން ފެއާ، ފެއާނެސް، ވައިޓް، ވައިޓްނިން، ލައިޓް، ލައިޓްނިން ފަދަ ބަސްތައް ބޭނުންކުރުން މުޅިން ހުއްޓާލާނެ އެވެ.

ޔުނިލިވާއިން ބުނި ގޮތުގައި ދެން އެ ކުންފުނިން އުފައްދާ މިފަދަ ހުރިހާ ޕްރޮޑަކްޓެއް ހުންނާނީ ހުރިހާ ސްކިން ޓޯން އަކާ ވެސް ގުޅޭ އަދި ކަމުދާ ގޮތަކަށެވެ. އެއީ ހުރިހާ ކުލައަކީ ވެސް ރީތި އަދި ފުރިހަމަ ކުލައެއްކަން ބަޔާން ކުރުމުގެ ގޮތުންނެވެ.

"ފެއާ އެންޑް ލަވްލީ" ބްރޭންޑްސްތަކުން "ފެއާ" ނުވަތަ "ދޮން" މި ބަސް އަދި މި ބަހާ ގުޅޭ "ހަންގަނޑުގެ ކުލަ އަލިކުރުން" ނުވަތަ "ހަންގަނޑު ދޮންކުރުން" ފަދަ ބަސްތައް އުނިކުރަން ނިންމީ ކޮންމެ ކުލައެއް ހުންނަ މީހަކަށް ވެސް ބޭނުންކުރަން ކަމުދާގޮތަށް ޕްރޮޑަކްޓްތައް ބަދަލުކުރާތީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޔުނިލިވާ އިން އުފައްދާ "ފެއާ އެންޑް ލަވްލީ" އާއި އެނޫންވެސް މިފަދަ ޕްރޮޑަކްޓްތައް ރިބްރޭންޑްކުރަން އޮންލައިން ޕެޓިޝަނެއް ވެސް ވަރަށް ފަހުން ތައްޔާރުކޮށް ގިނަ ބަޔަކު އޭގައި ސޮއިކޮށްފައި ވެއެވެ. ބެލެވޭ ގޮތުގައި ޔުނިލިވާގެ މި ފިޔަވަޅަކީ މިފަދަ ޕެޓިޝަންތަކުގެ ނަތީޖާ އެވެ.

ނަމަވެސް ޕްރޮޑަކްޓްގެ ނަން އެކަނި ބަދަލުކޮށްގެން މިކަން ހައްލުނުވާނެކަމަށް މި ރިޕޯޓަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވެއެވެ. ނަން ބަދަލުކުރިޔަސް "ފެއާ އެންޑް ލަވްލީ" ފަދަ ޕްރޮޑަކްޓްތަކަކީ ހަމުގެ ކުލަ އަނދިރިކޮށް ތިބޭ މީހުންގެ ކުލަ އަލިކުރަން ބޭނުންކުރާ އެއްޗެއް ކަމަށާއި ވީމާ މިފަދަ ޕްރޮޑަކްޓްތައް ތައްޔާރުކުރާނަމަ ނަން ބަދަލުކުރިޔަސް މާ ބޮޑު ތަފާތެއް ނުފެންނާނެ ކަމަށް މިކަމާ ހިތްހަމަނުޖެހިގެން އޮންލައިންގައި ވާހަކަ ދެއްކި ބައެއް މީހުން ދެކެ އެވެ.
އިންޑިޔާގެ ވަރަށް މަޝްހޫރު މެޓްރިމޯނިއަލް ސައިޓެއް ކަމަށްވާ ޝާދީ ޑޮޓް ކޮމް އިން ވެސް ވަރަށް ފަހުން ވަނީ މޫނުގެ ކުލަ އަލި ކުރެވޭ ގޮތަށް އެ ސައިޓްގައި ހިމަނާފައިވާ ފިލްޓާއެއް އެ ސައިޓުން ނަގާފަ އެވެ. އެ ވެސް މީހުންގެ ފާޑުކިޔުންތައް ވަރަށް ބޮޑުވެގެން ކުރި ކަމެކެވެ.

ބިއުޓީ ޕްރޮޑަކްޓްތަކުންނާއި ވެބް ސައިޓްތަކުން މިފަދަ ކަންތައްތައް ކުރި ނަމަވެސް ހަމުގެ ކުލަ ދޮން ކުރަން އިންޑިޔާ މީހުންގެ ހުންނަ ޝައުގުވެރިކަމަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.