އަނުޝްކާ ޝަރުމާ

އަނުޝްކާގެ "ބުލްބުލް": ހުރިހާ ލޯތްބެއް ޓްރިޕްތީއަށް

އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރި އާ ފިލްމު "ބުލްބުލް" ޖޫން 24 އިން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ވަނީ ފަށާފަ އެވެ. ޓްރިޕްތީ ޑިމްރީ، އަވިނާޝް ތިވާރީ، ޕަރަމްބްރާތާ އަދި ރާހޫލް ބޯސް މުހިއްމު ރޯލުތައް ކުޅެފައިވާ މި ފިލްމަކީ ވިޗްކްރާފްޓް ނުވަތަ ސިހުރާއި ފަންޑިތަ ހެދުމުގެ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމު ބެލި މީހުން ބުނާ ގޮތުގައި މިއީ އާދަޔާޚިލާފު މޮޅު އަދި ރީތި ފިލްމެކެވެ. އަދި އެންމެންހެން ބުނެފައިވަނީ ފިލްމު އެހާ ބަލާހިތްވާ އެއްޗަކަށްވީ ބަތަލާ ޓްރިޕްތީގެ ކުޅަދާނަ ކަމުން ކަމަށެވެ. އަދި ބެލުންތެރިންގެ ލޯބި ޓްރިޕްތީ އަށް އިންތިހާއަށް ލިބެމުންދާކަން ފިލްމުގެ ރިވިއުތަކުންނާއި އެ ރިވިއުތަކަށް ކޮށްފައިވާ ކޮމެންޓްތަކުން ޔަގީން ކުރެވެ އެވެ.
"ބުލްބުލް" ބެލި މީހުން ބުނަނީ މުޅި ފިލްމު އެހާ ފުރިހަމަކޮށް ނިންމާލެވިފައި އެވަނީ ޓްރިޕްތީގެ މޮޅު ޕާފޯމަންސްގެ ސަބަބުން ކަމަށެވެ.

ފިލްމު ބެލި މީހުންގެ ތެރެއިން އަންޖަލީ އާރްޔާ ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ "ބުލްބުލް" އަކީ ވަރަށް ރީތި ވާހަކައެއް ކަމަށެވެ. އަދި މީން ޒަމާނަކު ވެސް ނުފެންނަވަރުގެ މޮޅު ސިނެމެޓިކް ޑްރާމާއެއް ކަމަށެވެ. ޚާއްސަކޮށް ޓްރިޕްތީ އަށް އޭނާގެ ހިތުގައި ޚާއްސަ ލޯތްބެއް އުފެދިއްޖެކަމަށެވެ.

ޕަންކަޖް ކުމާރު ކިޔާ މީހަކު ކުރި ޓުވީޓެއްގައި ފިލްމުގެ ޕްރޮޑިއުސަރު އަނުޝްކާއަށް ވެސް ވަރަށް ތައުރީފުކޮށްފައި ވެއެވެ. ބޮޑެތި ތަރިންގެ ތެރެއިން އަނުޝްކާއަކީ ލާމަސީލު މިސާލެއް ކަމަށާއި ފިލްމުގައި ޓްރިޕްތީގެ ޕާފޯމާންސް މޮޅުކަމުން އޭނާގެ ހިތްވެސް ޓްރިޕްތީ އަތުލައިފިކަމަށް މި މީހާގެ ޓުވީޓްގައި ބުނެފައި ވެއެވެ.

"ހުރިހާ އެކްޓަރުން ވެސް އެހާ މޮޅު. އަދި ބެކްގްރައުންޑް މިއުޒިކް އަޑުއަހާލަން ވަރަށް ރީތި. ޑައިރެކްޓަރު އަވަންތީގެ މަސައްކަތް ވަރަށް ބަރާބަރު. މީ ހަމަ ބަލާލަން ވަރަށް ރަނގަޅު ފިލްމެއް،" އެހެން މީހެއްގެ ޓުވީޓްގައި ވެއެވެ.

ފިޒާ އައްބާސްގެ ޓުވީޓްގައި ބުނެފައިވަނީ ފިލްމު ބަލާގައި އޭނާގެ ސިކުނޑި ގޮވައިފި ކަމަށެވެ. ޚާއްސަކޮށް ޓްރިޕްތީގެ އެކްޓިންގެ އޮމާންކަމާއި މޮޅުކަން ފިޒާ ވެސް ފާހަގަ ކުރި އެވެ. ފިލްމުގައި ވާނެ ގޮތް އަންދާޒާ ކޮށްލަން އެނގުނު ނަމަވެސް "ބުލްބުލް"އަކީ އަޖައިބެއް ކަހަލަ މޮޅު ފިލްމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ނީލާކްޝީ ކިޔާ މީހެއްގެ ޓުވީޓްގައި ވެސް އެންމެ ބޮޑު ތައުރީފަކާއި ލޯތްބެއް ދީފައިވަނީ ޓްރިޕްތީ އަށެވެ. އޭނާގެ އެކްޓިންގައި މިއޭ ގޯހީ ބުނާނެ އެންމެ ތަންކޮޅެއް ވެސް ނެތް ކަމަށާއި މިޒަމާނުގެ އެންމެ ކުޅަދާނަ އެންމެ ތަޖުރިބާކާރު ބަތަލާއިންނެކޭ އެއް ފެންވަރަށް މި ފިލްމުގައި ޓްރިޕްތީ ޕާފޯމް ކޮށްފައިވާ ކަމަށް ނީލާކްޝީ ބުނެފައި ވެއެވެ. އަދި "ބުލްބުލް" އެހާ މޮޅު ފިލްމަކަށްވީ ޓްރިޕްތީގެ ސަބަބުން ކަމަށް ވެސް އޭނާ ދެކެ އެވެ.

މި މީހުން ނޫނަސް ފިލްމަށް ކޮމެންޓުކުރި އިތުރު އެހެން މީހުން ވެސް ދައްކާފައިވަނީ ޓްރިޕްތީގެ މޮޅުކަމުގެ ވާހަކަ އެވެ.
ޓްރިޕްތީ، 26، ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަން ފަށާފައިވަނީ 2017 ގައެވެ. އޭނާގެ ފުރަތަމަ ފިލްމަކީ "ޕޯސްޓާ ބޯއީ" އެވެ. އޭގެ ފަހުން "ލައިލާ މަޖްނޫ" ކިޔާ ފިލްމެއް ކުޅުނެވެ. "ބުލްބުލް" އަކީ ޓްރިޕްތީ ކުޅުނު ތިން ވަނަ ފިލްމެވެ.