ބޭރު ކުޅިވަރު

ކަސިޔަސް އާއި މޮރީނިއޯ މައްސަލަ ޖެހުނީ ލޯބިވެރިޔާގެ ސަބަބުން

Sep 29, 2015

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ އިނގިރޭސިވިލާތުގެ ޗެލްސީ އާއި ޕޯޗުގަލްގެ އެފްސީ ޕޯޓޯ ކުޅޭ މެޗަކީ ވަރަށް ހާއްސަ މެޗެކެވެ. ޕޯޓޯ އަކީ ޗެލްސީގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯގެ ކުރީގެ ކުލަބެވެ. އޭނާގެ ކާމިޔާބު ކޯޗިން ކެރިއަރުގެ ފެށުމާ ގުޅިފައި އޮތް ކުލަބެވެ. މި ކުލަބުގެ މިހާރުގެ އެއްވަނަ ގޯލްކީޕަރަކީ މޮރީނިއޯ އާއި މައްސަލަ ޖެހިފައިވާ ރެއާލް މެޑްރިޑުގެ ސްޕޭން ކީޕަރު އިކާ ކަސިޔާސް އެވެ. މި ދެ މީހުން މައްސަލަ ޖެހުނީ މޮރީނިއޯ ރެއާލް އަށް ކޯޗުކޮށްދިން ދުވަސްވަރު އެވެ.

ކަސިޔަސް އާއި މޮރީނިއޯ ގުޅުން ގޯސްވި ވާހަކަ އަކީ ވަރަށް މަޝްހޫރު ވާހަކަ އެކެވެ. އެއްވެސް މީހަކު މިހާތަނަށް އޭގެ ހަގީގީ ސަބަބެއް ނުބުނެ އެވެ. އެކަމަކު މި މެޗާ ގުޅިގެން ބައެއް ކަންކަންތައް ވަނީ ފަޅާ އަރައިފަ އެވެ

މޮރީނިއޯ ގަބޫލު ކުރި ގޮތުގައި ބާސެލޯނާ އާއި އަރާ ހަމަހަމަކުރެވޭނީ އެކުލަބާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއްކޮށްގެންނެވެ. ދަނޑާއި ދަނޑުބޭރުގައި ވެސް ކުރިމަތިލައިގެންނެވެ. މި ގޮތުން ބާސެލޯނާއާ ދެކޮޅަށް މޮރީނިއޯގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުގައި ދެ ބައި މީހުން ތަޅާ ފޮޅައި ހެދި އެވެ. މޮރީނިއޯ ބާސެލޯނާގެ އެސިސްޓެންޓް ކޯޗުގެ ލޮލަށް އިނގިލިކޮށްޕާވެސްލި އެވެ. އޭގެ ފަހުން އައި މެޗުތަކުގައި ވެސް ހަމަނުޖެހުންތައް ހިނގި އެވެ. އެކަމަކު މި ހަނގުރާމަ އަށް ރެއާލްގެ ކެޕްޓަނެއްގެ ހައިސިއްޔަތުން ކަސިޔަސް އަމާންދިނެވެ. ސްޕޭނުގެ ނޫސްވެރިންނާ ހަވާލާދީފައި އެ ގައުމުގެ މީޑިޔާތަކުން ބުނެފައިވަނީ ކަސިޔަސް އެހެން ހެދީ ސްޕޭނުގެ ފުޓްބޯޅަ އަށްޓަކަ އެވެ. ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ހުރެ އެންމެ ބޮޑު ދެ ކުލަބު ތަޅާފޮޅަން އޭނާ ބޭނުންނުވީ އެވެ. މިހެންވެ މިއިން ކޮންމެ ފަހަރަކު ބާސެލޯނާގެ ކެޕްޓަން ކާލޮސް ޕުޔޯލް އާއި ވައިސް ކެޕްޓަން ޒަވީ ހަނާންޑޭޒް އަށް ގުޅައި ކަސިޔަސް މައްސަލަ ފިނިކުރުމަކީ މޮރީނިއޯ ހިތްހަމަނުޖެހުނު އެއް ސަބަބެވެ

ކަސިޔަސް އާއި މޮރީނިއޯގެ ގުޅުން ގޯސްވެ، ކަސިޔަސް އަށް މޮރީނިއޯގެ އިތުބާރު ގެއްލުނީ ބާސެލޯނާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރީ ދުވަހު އޭނާގެ ގޭމް ޕްލޭން މީޑިޔާ އަށް ލީކުވުމުންނެވެ. އެ މެޗުގައި ޕެޕޭ މެދުތެރެއަށްލައިގެން ކުޅެން މޮރީނިއޯ ނިންމިކަން މީޑިޔާ އަށް އެނގުނީ ކަސިޔަސްގެ ސަބަބުން ކަމަށް މޮރީނިއޯ ތުހުމަތުކުރި އެވެ. އެއީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސްޕޭނުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރަކާ ކަމަށްވުމެވެ.

ކަސިޔަސްއާ މެދު ހިތްހަމަ ނުޖެހުނު ނަމަވެސް އޭނާއާ ކުޅެލުމަކީ މޮރީނިއޯ އަށް ފަސޭހަކަމަކަށްނުވި އެވެ. އެއީ ބޮޑެތި މެޗުތަކުގައި އޭނާ ޓީމު ރާވާ ގޮތާމެދު ސީނިއާ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯމެން ފަދަ ކުޅުންތެރިން ހިތްހަމަނުޖެހުމެވެ. އަދި ރޮނާލްޑޯ އާއި މާސެލޯ އާއި ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިން ކަސިޔަސްއާ ބައިއަތު ހިފާތީ އެވެ. މިހެންވެ ތިން ވަނަ ސީޒަނުގައި މޮރީނިއޯ ނިންމީ އާ ކީޕަރަކު ހޯދުމަށެވެ. މިކަން ކާމިޔާބު ނުވުމުން ކަސިޔަސް ބާކީކޮށް ފުރަތަމަ 11 އަށް ނެރުނީ ޒުވާން ކީޕަރު އެންޓނިއޯ އަދަން އެވެ. އެކަމަކު އޭނާ ގޯސްހަދާތީވެ ކަސިޔަސް ފުރުސަތު ލިބެމުންދަނިކޮށް އަތުގެ އިނގިއްޔެއް ބިންދައިގެން ދިއުމުން މޮރީނިއޯ އަށް އާ ކީޕަރަކު ގަތުމަށް ފުރުސަތު ލިބުނެވެ. އޭނާ ގަތީ ޑިއެގޯ ލޮޕޭޒެވެ. އެއަށް ފަހު ބުނީ ކަސިޔަސް އަށް ކޯޗަކު އިހްތިޔާރުކުރަން ދީފިނަމަ އޭނާ ނަގާނީ ސްޕޭނުގެ ގައުމީ ކޯޗު އަދި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ނުވަތަ ރެއާލް ކުރީގެ ކޯޗު މެނުއަލް ޕެލެގްރީނީ ކަމަށް ވެދާނެ ކަމަށެވެ. އަދި އޭނާ ކީޕަރަކު އިހްތިޔާރުކުރާނަމަ ކަސިޔަސް ބަހައްޓާފައ ފުރުސަތު ދޭނީ ލޮޕޭޒަށް ކަމަށާއި ރެއާލްގެ ކޯޗަށް އޭނާ ހުންނަނަމަ ޓީމުގައި ކުޅޭނީ ލޮޕޭޒް ކަމަށެވެ. މިހިސާބުން ކަސިޔަސް ބެންޗު ހޫނު ކުރަން ޖެހި ގައުމީ ޓީމުގެ ޖާގައާ މެދު ވެސް ސުވާލު އުފެދެން ފެށި އެވެ.

ބޮޑެތި ކުލަބުތަކުގެ ތެރެއިން ރެއާލް އަކީ ސީނިއާ ކުޅުންތެރިންނަށް ކުލަބުގެ ރައީސާ ސީދާ ބައްދަލުކުރެވޭ ޓީމެކެވެ. ކަސިޔަސް އާއި ރޮނާލްޑޯ އަދި ރާމޯސް މޮރީނިއޯގެ ޝަކުވާ ހިފައިގެން ޕްލޮރެންޓީނޯ ޕްރޭޒް ގާތަށް ދިޔަކަން މޮރީނިއޯ އަށް އެނގުނެވެ. އަދި މިކަންކަން ފަޅާއެރުމާއި ބާސެލޯނާ މެޗުގައި މޮރީނިއޯ ޑިފެންސިވް ގޭމެއް ކުޅުމުން އެކަމާ ރޮނާލްޑޯ މީޑިޔާގައި ފާޑުކިއުމުން އޭނާ ޖެހިގެން އައި މެޗަށް ފުރަތަމަ 11އިން ބާކީކުރި އެވެ. 

މިހުރިހާ ސަބަބުތަކާހުރެ މޮރީނިއޯ ރެއާލްގެ ކޯޗުކަން ދޫކޮށް ޗެލްސީ އަށް ބަދަލުވިއިރު ކަސިޔަސްއަ އޮތް ގުޅުން އޮތީ ހުޅުފަޅައިގެން ގޮހެވެ. މި ގުޅުން އެންމެ ބޮޑަށް ގޯސްވީ މޮރީނިއޯގެ ގޭމްޕްލޭން ލީކުވި ހިސާބުންނެވެ. މޮރީނިއޯ ގަބޫލުކުރަނީ އެކަން ކުރީ ކަސިޔަސް ކަމަށެވެ. އަދި މީޑިޔާ އަށް އެވާހަކަ ތިލަކލުރީ ކަސިޔަސްގެ ލޯބިވެރިޔާ ކަމަށެވެ. މޮރީނިއޯ އާއި ކަސިޔަސް މިރޭ އެކަކު އަނެކަކާ ކުރިމަތިލާ މެޗާ ބެހޭ ގޮތުން ސުވާލު ކުރުމުން މޮރީނިއޯ ބުނީ މެޗުގެ ކުރިން ވެސް އަދި ފަހުން ވެސް އޭނާ ކަސިޔަސް އަށް ކާމިޔާބީ އަށް އެދޭ ކަމަށާއި އިތުރު ވާހަކައެއް ނެތް ކަމަށެވެ.