ބޭރު ކުޅިވަރު

މެސީ ނެތުމަކީ ހިތްދަތިކުރުވާ ކަމެއް: ރަކިޓިކް

Sep 29, 2015

އަނިޔާގެ ސަބަބުން ދެ މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިގައިވާ ލަޔޮނަލް މެސީ ނެތި ކުޅެން ޖެހުމަކީ ބާސެލޯނާގެ ކުޅުންތެރިން ހިތްދަތިވާ ކަމެއް ކަމަށް މިޑްފީލްޑަރު އިވާން ރަކިޓިކް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން ލެވަކޫސަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްރޮއޭޝިޔާގެ މިޑްފީލްޑަރު ބުނީ މެސީ ނެތުމުން މެޗުން މޮޅުވުމުގެ ރޫހު ވެސް ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޓީމުގައ ނެތުމަކީ ހިތްދަތިވާ ކަމެއް. އެކަމަކު އޭގެ ސަބަބުން މެޗުން މޮޅުވުމަށް އިތުރު ފޯރިއެއް ވެސް އާދޭ،" ރަކިޓިކް ބުންޏެވެ.

މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މެސީ ނެތްތަން ފޫނުބެއްދޭނެ ކަމަށެވެ.

"މިއީ އަހަރުމެންނަށް ޗެލެންޖެއް. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ނެތި ކުޅުމަކީ. މެސީ ނެތްތަން ފޫނުބެއްދޭނެ،" އެންރީކޭ ބުންޏެވެ.

އޭނާ އަދި ބުނީ މެސީ އަށް އަނިޔާވުމަކީ އެހެން ކުލަބުތަކުން ވަރަސް އުފާކުރާނެ ކަމެއް ކަމަށެވެ.

މެސީގެ ވާތު ކަކުލުގެ ލިގަމެންޓް އިރައިގެން ދިޔައީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗު ފެށިތަނާހެންނެވެ.