ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ މައްސަލާގެ ލިޔުންތައް އެބަހުރި ކަމަށާއި މައްސަލަ ރިވިއު ކުރަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލަން ހަވާލު ކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެން ބޭރުގެ އެކައުންޓިން ފާމްއިން ފައިސާ ބައްވަލައިގަތުމަށް ފަހު، ރިޕޯޓް ފޮރުވާފައިވާ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
އެ މައްސަލައާ ގުޅިގެން މިރޭ އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައަކީ 2011 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ބަލަން ފެށި މައްސަލައެއް ކަމަށެވެ. މަޖިލީހުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ދައްކަވާފައިވަނީ ތެދު ވާހަކަތަކެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ އުޝާމް ވިދާޅުވި ފަދައިން އެ ލިޔުންތައް 2013 ވަނަ އަހަރު ކޮމިޝަނާ، އެޓާނީ ޖެނަރަލްގެ އޮފީހުން ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ބެލޭނެ ވަރަށް މައުލޫމާތު ނެތް ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ. މިހާރު އަނެއްކާވެސް އެ މައްސަލަ ރިވިއު ކުރަން ނިންމާފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.
އެ މައްސަލަ ހިނގައިދިޔަ ގޮތް އުޝާމް ވިދާޅުވި އެވެ. ވިދާޅުވި ގޮތުގައި މައްސަލަ ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް މިިހާރު ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ފެންނަން ހުންނާނެ އެވެ. އެ މުއާމަލާތްތަކުގެ ލިއެކިއުންތަކަށް ހަވާލާ ދެމުން ވިދާޅުވީ، ކުންފުންޏާއެކު ސެޓަލްމެންޓަކަށް ދާން ޖެހުނީ އެ ކުންފުނިން އެއްބަސްވުން އުވާލަން ބޭނުން ވުމުން ކަމަށެވެ.
އެ ކުންފުންޏަކަށް ސަރުކާރުން 10 މިލިއަން ޑޮލަރު ދައްކަވާފައިވާ ވާހަކަ ވެސް އުޝާމް ދޮގު ކުރެއްވި އެވެ. އެ ކުންފުނިން އެއްބަސްވުން އުވާލާން ބޭނުންވާތީ، ކުންފުންޏާއެކު ސަރުކާރުން ވެފައިވާ ސެޓަލްމަންޓް އެއްބަސްވުމެއް ގާއިމުކޮށް އޭގެ ދަށުން ދައްކާފައި ވާނީ ވެސް 4.8 މިލިއަން ރުފިޔާ ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި، އެ ފައިސާއަކީ ވެސް އޭގެ ކުރީގެ ސަރުކާރުން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާގެ އިންވޮއިސްތަކަށް ފައިސާ ލިބިފައި ނުވާތީ އެ ފައިސާ ހިމެނޭ ގޮތަށް ދައްކާފައިވާ ފައިސާ އެވެ. އެ މުއާމަލާތްތަކުގެ ފައިލްތައް އޭސީސީއަށް ފޮނުވާފައިވާނެ ކަމަށެވެ.