މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 387 މައްސަލައެއް

Jun 28, 2020

މިއަހަރުގެ މިހާތަނަށް ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 387 މައްސަލައެއް ހުށައެޅިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ވަނީ މިހާތަނަށް ހުށައެޅިފައިވާ މައްސަލަތަކާއި ގުޅޭ ތަފާސް ހިސާބު އާންމުކޮށްފައެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ކުޑަކުދިންނާއި ގުޅުންހުރި އަނިޔާގެ 387 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 221 އަންހެން ކުދިންނާއި 166 ފިރިހެން ކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކެކެވެ.

މީގެ އިތުރުން މި މުއްދަތުގައި ގެވެށި އަނިޔާގެ 112 މައްސަލައެއް ހުށައެޅިފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 89 އަންހެނުންނަށް ގެވެށި އަނިޔާ ކުރި މައްސަލަތަކަކާ ނުވަ ފިރިހެނަކަށް ގެވެށި އަނިޔާ ލިބުނު މައްސަލަތަކެކެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ކުރިން އެފަދަ މައްސަލަތައް ރިޕޯޓް ނުކޮށް ސިއްރު ކުރިނަމަވެސް މައްސަލަތައް ރިޕޯޓްކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން މައްސަލަތަކުގައި އަމަލުކުރާ ގޮތާއި އެކަންކަމަށް އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ހޭދަވާތީ އެފަދަ މައްސަލަތައް ހިނގާ މިންވަރު މަދެއް ނުވެއެވެ.