ލައިފްސްޓައިލް

އޮންލައިން ހެރެސްމަންޓް ފާލުން ނެއްޓިފައި!

އަހަރެމެން ދިވެހިންނަށް ނިސްބަތްކޮށް ބޭނުން ކުރާ ބަސްތަކެއް ހުރެ އެވެ. ހިތްހެޔޮ ބަޔެެކެވެ. އެހީތެރި އެކުވެރި ވެސް ބަޔެކެވެ. ސާދާ އާދައިގެ ދިރިއުޅުމެއް އުޅޭ ބަޔަކެވެ. އެއީ އަހަރުމެން ދިވެހިން ސިފަކުރާ ގޮތްތަކެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް މިކަން ވެސް ބަދަލު ވެއްޖެ އެވެ.

ދިވެހީން އެއް ބަޔަކު އަނެއް ބަޔަކަށް ދިން ލޯތްބާއި އޯގާތެރިކަން މަޑުމަޑުން ހުސްވެ، އެއްބަޔަކު އަނެއްބަޔަކަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ބްލީ ކުރުމުގައި މިހާރު ހައްދެއް ނެތެވެ. ހިޔާލު ތަފާތުވުން ތަކަކީ ކުރިން ވެސް އޮންނަ ކަމެކެވެ. ހަޖޫ ކިޔުމަކީ ވެސް އޮންނަ ކަމެކެވެ. އެހެން މުޖުތަމައުތައް ފަދައިން ދިވެހިންގެ ތެރޭގައިވެސް އެކަން އޮވެއެވެ. މަލާމާތުގެ ރައިވަރު ކިޔުމާއި ޅެން ހެދުމަކީ ވެސް ތާރީހުން ވެސް ފެންނާން ހުރި ކަންކަމެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުން ހައްދުފަނަޅައި ގޮސްފައި ވެއެވެ. ސޯޝަލް މީޑިއާގައި އޮންލައިންކޮށް ހެރޭސް ކުރަން ވަކި މީހެއް ނެތެވެ. ގައުމުގެ ރައީސުންނާއި ސެލެބްރީޓީންނާ ހަމައިން ފެށިގެން އެންމެ އާދައިގެ ދިރިއުޅުމެއް އުޅޭ މީހާއާ ހިސާބަށް މިކަން އެބައޮތެވެ.

މިދިއަ ލޮކްޑައުންގެ ދިގު ބަންދުގައި ކޮންމެ ދުވަހަކު މިކަހަލަ އެތައް އަރާރުމެއް ސޯޝަލްމީޑިއާގައި ހިނގި އެވެ. އަދިވެސް އަރާރުންތައް ދަނީ ކުރިއަށެވެ. ދުވަހުން ދުވަހަށް ގޯހުން ގޯހަށް ދާހެން ވެސް ހީވެއެވެ. ދެމީހެއްގެ މެދުގައި ހިނގައި ދެބަސް ވުމަކަށް ތިންވަނަ މީހަކު ވައްދައި އޭނާއާ ނުވެސް ބެހޭ ކަމެއްގައި ސިފައާއި ޒާތާއި ގުޅޭ އެކި އެކި ވާހަދަ ދައްކާ އެބަދަ ހަދައެވެެ.

ދެބަސްވުމާއި ފާޑުކިޔުމާއި ހިޔާލުތަފާތު ވުމުގައި ވެސް އަނެކާއަށް އިހްތިރާމް ކުރަންޖެހެ އެވެ. ލޮކްޑައުންއަކީ އޭގެ ސަބަބުން ނަފްސާނީ ގޮތުން ހިތް ނުތަނަވަސް ކަމާއި ހާސްކަމާއި ގިނަ ބަޔަކު ކުރިމަތިލީ ދަތި އުދަނގޫ ދުވަސްވަރެކެވެ. މިހާ ބޮޑު ޕްރެޝަރެއްގައި މީހުން ތިއްބާ އިތުުރަށް އޮންލައިންކޮށް ކުރާ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ނަފްސާނީ ގޮތުން މީހުނަށް އަސަރުތަކެއް ކުރާނެ އެވެ.

ހިއްސާ ކުރާ ތަޖުރިބާއެއް

މީގެ ފަސް އަހަރު ކުރިން މިކަހަލަ ތަޖުރިބާއެއް ކުރިމަތިވިި އެވެ. ޕަބްލިކް އިވެންޓެއްގައި ބައިވެރި ވެގެން އުޅެނިކޮށް ޔުނީފޯމް އެޅި ފުލުހެއް ކުރި ފުރައްސާރައެއްގެ ވާހަކަ ފޭސްބުކް ސޭޓޭޓަސްއެއްގައި ޖެހީ މާބޮޑު ހިޔާލެއް ނެތި އެވެ. އެއީ ދިމާވި ކަމެއްގެ ގޮތުގައި ކަންހިނގި ގޮތް ލިޔެލާފައި ނިދީ އެވެ.

އަނެއް ދުވަހު ހޭލިއިރު އަހަރެންގެ ސްޓޭޓަސް ވައިރަލްވެފައި ވަނީ އަހަރެންގެ ހިތްވަރަށް ސާބަސް ދެމުންނެވެ. އަދި އެދުވަހު ސޯޝަލް މީޑިއާގެ އަނދިރިފަރާތް ފެނުނެވެ. އެއްބަޔަކު އަހަރެން ކުށްވެރިކޮށްފައި ވެއެވެ. އަނެއް ބަޔަކު ފުލުސް މީހާ ކުށްވެރިކޮށްފައި ވެއެވެ. ސޯޝަލް މީޑިއާގެ އިތުރުން ގޭންގުތަކުގެ ރާޑަރަށް އަހަރެން އެރީ ފުލުހެއްގެ ވާހަކަ ދެއްކުމުންނެވެ. މަގުމައްޗަށް ނުކުންނަން ބިރުގަނެ ޖެހިލުން ވެސް ވި އެވެ.

އެއީ ފަސް އަހަރު ކުރިން ހިނގި ކަމެއް ނަމަވެސް، އަދިވެސް އެ ވާހަކަތައް ދައްކަން އުނދަގުލެވެ. އެދުވަސްވަރުގެ ކުރެވުނު ތަޖުރިބާ ހަނދާނަަށް އައުމުން ވެސް ހިތް ނުތަނަވެސް ވެއެވެ. ފޮޓޯ ފެނުނަސް އުނދަގޫ ވެއެވެ. އަދި ސޯޝަލް މީޑިއާގެ ބުލީސްއާ ކުރިމަތިލާ ރައްދު ދޭނެ ހިއްވަރެއް ގަޔަަކު ނެތެވެ. އެ ދަރަޖައަށް ދާން ވެސް ބޭނުމެއް ނުވެއެވެ.

ބައެއް މީހުން މިފަދަ ކަންކަން މާ ބޮޑު ކަމަކަށް ނުހަދާފާނެ އެެވެ. އަދި މާ ބޮޑުވަރުވާން ފެށުމުން އެކައުންޓްތައް ޑިލީޓްކޮށް ސޯޝަލް މީޑިއާ ކްލެންސްއަކަށް ވެސް ދެއެވެ. އަނެއް ބަޔަކު ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ މާފަށް އެދިފާނެ އެވެ. އަދި ބައެއް މީހުން އަހަންނެކޭ އެއްގޮތަށް މަލާމާތާއި ފުރައްސާރަ އާއި ކުރިމަތިލާން ނޭގި ގޮތް ހުސް ވެގެން އުޅެފާނެ އެވެ. ޔަގީނުންވެސް އެއީ ފަސޭހަ ކަމެއް ނޫނެވެ.

ތަޖުރިބާކާރެއްގެ ވާހަކަ

އިންސްޓިޓިއުޓް އޮފް ވެލްނަސް އެޑިއުކޭޝަންގެ އެޑްވޮކެސީ ޑިރެކްޓަރު، ހައްވާ ލީޝާ ވިދާޅުވި ގޮތުގއި ސޯޝަލް މީޑިއާ އަދި ޓެކްނޮލޮޖީގެ ޒަމާނުގައި ވަރަށް ފަސޭހައިން ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހިޔާލު ފާޅުކޮށްލެވެ އެވެ. ބައެއް ފަހަރު އެހެން މީހުނަށް އެ ހިޔާލަކީ ކަމުދާ ހިޔާލަކަށް އަދި ބައެއް މީހުން ގަބޫލު ނުކުރާ ހިޔާލަކަށް ވެސް ވެގެން ދެ އެވެ.

"ނަމަވެސް ފެންނަމުން މިދަނީ ކަމުނުދާ ހިޔާލެއް ލިޔާ މީހަކަށް ފުރައްސާރަކުރުމާއި މަލާމަތް ކުރުން! އަދި މުޅި ސޯޝަލް މީޑިޔާގައި އެމީހަކު ފަލީހަތްކޮށް މަލާމާތް ކުރޭ. މިގޮތަށް ޒާތީވެ މަލާމާތްކުރާ މަންޒަރު އެއްވެސް މީހަކު ފެންނާކަށް ނޭދޭނެ، މީގެ ސަބަބުން ނަފްސާނީ ގެއްލުން ވެސް އެބަލިބޭ އަމިއްލަ ނަފުސް އެ މަލާމާތްތައް ގަބޫލު ކުރާ ހާލަތްތަށް ވެސް އެބަ ދިމާވޭ، މިސާލަކަށް ތިމާއަކީ ބޭނުމެއް ނެތް މީހެއް ކަމާއި، މުހިންމު ނޫން މީހެއް ކަމަށް އިހްސާސްވޭ. އެހެންކަމުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވޭ، ބޭރު ތެރެއަށް ނިކުމެ އުޅެން ފަސްޖެހޭ،" ލީޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން ދިމާވުމުން އެކި ފޯބިއާތައް އަށަގަތުމުގެ ފުރުސަތު ބޮޑުވެ އެވެ. މީހުންނަށް ކުރާ އިތުބާރު ކުޑަވެ އަދި ސޯޝަލް އެންޒައިޓީވެސް ބައެއް މީހުނަށް ކުރިމަތިވެ އެވެ.

"އެހެން ކަމުން ކުރިމަގަށް ކުރާ އުންމީދުތައް ވިއްސިވިހާލި ވެގެން ދޭ. އަދި މި ފުރައްސާރައިގެ ސަބަބުން މުޖްތަމައު ދެކެ ފޫހިވެ، ނާއުންމީދުވެ، އަމިއްލަ ނަފްސަށް އަނިޔާ ކުރާ ހިސާބަށް ވެސް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ހެރެސްމަންޓަކީ ނިއު ނޯމަލް؟

ފަހަކަށް އައިސް ރާއްޖޭގެ ސޯޝަލް މީޑިއާގައި އަނދިރިފަރާތް ނުދެކި އުޅެނީ މަދު ބައެކެވެ. ހިޔާލު ތަފާތުވުން ތަކުގައި އިހްތިރާމް ކުރުމެއް ނޯވެއެވެ. ދެބަސްވުމުގައި ވެސް އޯގާތެރިވުމެއް ނޯވެ އެވެ. ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ސޯޝަލް މީޑިއާ ހާއްސަކޮށް ޓުވިޓާގައި އެއީ ކަންކަން އިސްލާހު ކުރުމަށް މޮޅު ހިޔާލު ދެވެން އޮންނަ ހޮޅުއަށްޓެކެވެ. އެހެން ނަމަވެސް ފެންނަނީ ކުދި ކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމުގައި ޒާތީ ގޮތުން އެކަކު އަނެކަކާއި ޖައްސާލައި އުޅެން އުދަނގޫކޮށްލާ މަންޒަރެވެ.

ސިޔާސީ ފަރާތްތަކަށް މިކަން ބޮޑު

ސިޔާސީ މަގާމުތަކުގައި ތިބޭ ބައެއް މީހުން ވެސް ސޯޝަލް މީޑިއާއިން މަޑު މަޑުން ދުރުވާތަން ފެނެެ އެވެ. އެ މީސްމީހުން މަދުން މި ފެންނަނީ މިހެންވެ ބާއޭވެސް ހިތަށް އަރަ އެވެ. ސިޔަސީ މަގާމުތަކުގައި ތިބޭ މީހުންނަކީ ރައްޔިތުންގެ ހާދިމުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދެނީ ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. ނަމަވެސް ކަމުގެ ދެކޮޅު ނުބަލާ އެ މީސް މީހުންނަށް ވެސް ހައްގު ނުވާ އެތަކެއްޗެއް ކިޔައި އަނގަ ބަންދު ކޮށްލަ އެވެ.

އިސްކުރަންވީ އޯގާތެރިކަން

އަހަރުމެންގެ ބަސްމަގާއި އަމަލު އެންމެ ގާތުން ބަލަނީ ކުޑަކުދިންނެވެ. އެކުދިންނަށް ރަނގަޅު ނަމޫނާ ބަޔަކަށް ވާންވީ އަހަރުމެނެވެ. ސޯޝަލް މީޑިއާގައި ލިޔާ އެއްޗަކުން އަހަރުމެންގެ ކުދިން ލަަދުގަނެ އަހަރުމެންގެ އަހުލާގެއް ނެތް ކަން އެނގޭނަމަ އަދި މުޅިއަކުން ރަނގަޅެއް ނޫނެވެ.

އިންޓަނެޓުގައި ފުރައްސާރަ ކުރުމަކީ އަހަރުމެންގެ ނިއު ނޯމަލް ކަމުގައި ބަލާ އަދި އެއީ އޯކޭ ކަމެއް ކަމުގައި ދެކޭނަމަ މުޅި މުޖުތަމައު ފާލުން ނެއްޓި ހަލާކުވުމުގެ ފުރުސަތު އެބައޮތެވެ.