ވިޔަފާރި

ވިޔަފާރި މާލެއަށް ބަރޯސާކޮށްފައި ބޭއްވޭކަށް ނެތް: ރެޖިސްޓްރާ

Jun 28, 2020
4

ކޮވިޑް-19 އިގެ ބަދަލުތަކުން އެނގުނު އެއް ކަަމަކީ ހުރިހާ ވިޔަފާރިއެއް މާލެއަށް ބަރޯސާކޮށްފަ ބޭއްވުމުގެ ބަދަލުގައި، އިގްތިސޯދު ލާމަރުކަޒު ކުރަން ކޮންމެހެން ވެސް ޖެހިފައިވުން ކަމަށް، ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ސިލްސިލާކޮށް ކުރިއަށް ގެންދާ ވެބިނާތަކުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް އިއްޔެ ހާއްސަ ކުރި ވެބިނާގައި ވިސާމް ވިދާޅުވީ "އިކޮނޮމިކް ޑީސެންޓްރަލައިޒޭޝަން" ގެ ވާހަކަ ރާއްޖޭގައި ދައްކާ އަދަދު މަދު ކަމަށެވެ. ނަމަވެސް އެކަމަކީ މިހާރު ކޮންމެހެން ވެސް ކުރަން ވެއްޖެކަމެއް ކަން ކޮވިޑް-19 އިގެ ސަބަބުން އެނގިއްޖެ ކަމަށެވެ.

"ހަގީގަތުގައި ރާއްޖެ ކަހަލަ ގައުމެއްގައި ރައްޔިތުން ބޭނުންވާ ވަރަށް ހިދުމަތް ދެވޭނީ އިކޮނޮމިކް ޑީސެންޓްރަލައިޒް ކުރެވިގެން. ހަމައެކަނި މާލެއަށް ބަރޯސާ ވެގެން ވިޔަފާރި ކުރުން ހުއްޓެން ޖެހިއްޖެ. ކޮވިޑް-19 އާ ގުޅިގެން ލިބުނު ލެސަން [ފިލާވަޅެ] އެއް މިއީ. މާލެއަށް މުދާ އިމްޕޯޓް ކުރުން ހުއްޓާލަން ޖެހުނު ހިސާބުން އަތޮޅު ތެރޭގައި ސަޕްލައިގެ 50 ޕަސެންޓް އެއްކޮށް މެދު ކެނޑުނީ. އެހެންވެ މިކަންކަން ނުވާނެ ގޮތަކަށް އިގްތިސޯދު ބައްޓަން ކުރަން ޖެހޭ،" ވިސާމް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ފުރަތަމަ މީހާ ޕޮޒިޓިވްވުމާއެކު ޖެހިގެން އައި ދެ ދުވަހު މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގެ ސަޕްލައި އެއްކޮށް ހުއްޓުނެވެ. މީގެ ސަބަބުން ގިނަ ރަށްރަށުން މުދާ ގެންދިއުން ހުއްޓިގެން ދިޔަ އެވެ. އަދި އޭގެ ފަހުން ވެސް މާލޭން ހޯދަން ޖެހޭ ވިޔަފާރީގެ ހިދުމަތައް ނުލިބުނުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވި އެވެ.