ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި ބައި މިލިއަން ކޭސް، ޖުލައިގައި ދެގުނަ ވެދާނެ

Jun 28, 2020

ނިއު ދިއްލީ (ޖޫން 28) - އިންޑިއާގައި އިއްޔެ އެކަނި ރެކޯޑް އަދަދަކަށް ކޮވިޑް-19 ފެނުމާއެކު، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ބައި މިލިއަން ހުރަސް ކޮށްފި އެވެ.

ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތައް ބުނާ ގޮތުން، އެ ބަލީގެ ޝިކާރައަކަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 385 މީހުން ވެފައިވާއިރު، ކޮވިޑް-19 ޖެހިގެން ބަލިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،685 އަށް އަރާފަ އެވެ.

އެއާއެކު، ރަޝިއާ، ބްރެޒިލް އަދި އެމެރިކާއަށް ފަހު، މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ބަލި ޖެހުނު މީހުންގެ ގައުމުތަކުގެ ތެރެއިން އިންޑިއާ ވަނީ ހަތަރު ވަނަ އަށް އަރާފަ އެވެ.

ނަމަވެސް، ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، އިންޑިއާގައި އެ ބަލި ޕީކަށް އަރަން އަދި ވެސް އިތުރު ހަފުތާތަކެއް ނަގާނެ ކަމަށާއި، އެ ބަލި ޖެހުނު މީހުންގެ އަދަދު އަންނަ މަސް ނިމޭއިރު މިލިއަނަކަށް އެރުމުގެ ބިރު ބޮޑު ކަމަށެވެ.

މަޑުޖެހުމެއް ނެތި ބަލި ފެތުރެމުން ދާއިރު، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަލުން ލޮކްޑައުން ކުރުމަށް ގިނަ ސްޓޭޓުތަކުން ދަނީ ވިސްނަމުންނެވެ.

މިދިއަ މާޗް މަހުގެ 25 ވަނަ ދުވަހު މުޅި އިންޑިއާ ލޮކްޑައުންކުރި ނަމަވެސް، އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް، ލޮކްޑައުންތައް ލުއި ކުރުމަށް ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ.

އެ ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ އާބާދީ ބޮޑު ސިޓީތަކުގަ އެވެ. އެގޮތުން އެ ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވެރިރަށް ނިއު ދިއްލީގައި އެކަނި، އަންނަ މަސް ނިމޭއިރު، އެ ބަލި ޖެހިފައިވާ މީހުން އަދަދު ބައި ލައްކައަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.