ދުނިޔެ

ޗައިނާ ސިފައިންނަށް މާޝަލް އާޓްސް ޓްރެއިނިން ދެނީ

Jun 28, 2020
1

ލަދަކް (ޖޫން 28) - ޓިބެޓާ ގުޅޭ ބޯޑަރު ސަރަހައްދަށް މާޝަލް އާޓްސް ޓްރެއިނަރުން ފޮނުވަން ނިންމާފައި ވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

މާޝަލް އާޓްސް ޓްރެއިނަރުން ފޮނުވަން ނިންމި ސަބަބެއް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އެ ނިންމުން ނިންމާފައި ވަނީ، އެ ސަރަހައްދުގައި ބޯޑަރު ބަލަހައްޓަންތިބި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާމެދު ބޮޑު ކުރިމަތިލުމެއް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ.

ބޯޑަރުގެ ދެ ކިލޯމީޓަރުގައި ސަރަހައްދެއްގައި ބަޑި ބޭނުން ނުކުރަން ދެ ގައުމުން 1996 ވަނަ އަހަރު އެއްބަސްވެފައިވާއިރު، މި ކުރިމަތިލުމުގައި ޗައިނާ އިން ބޭނުން ކޮށްފައި ވަނީ މޮހޮރު ޖަހާފައިވާ ދަނގަޑުބުރިތަކެއް ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.

ނަމަވެސް، މިކަމާ ގުޅޭ ގޮތުން ވެސް ދެ ގައުމުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޯރުތަކާއި، ސްނޯކެޕުތަކުގެ ސަބަބުން، ދެ ފަރާތުން އެލްއޭސީގެ ގޮތުގައި ބަލާ ރޮނގު މޫސުންތަކާއެކު ބަދަލުވެ އެވެ. އެއާއެކު، 1962 ވަނަ އަހަރު ހަނގުރާމައެއް ވެސް ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ދެ އަސްކަރިއްޔާ އާދެމެދު ދޭ ތެރެއަކުން ނުތަނަވަސްކަން އިތުރުވެ އެވެ.

އެ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހަކު ވަނީ މަރުވެފަ އެވެ.

އެ ސަރަހައްދަށް ފޮނުވާ ޓްރެއިނަރުން، ޗައިނާ ސިފައިންނަށް މާޝަލް އާޓްސް ޓްރެއިނިން ދޭނެ ކަމެއް އަދި ރަސްމީކޮށް ބުނެފައެއް ނުވެ އެވެ.

އެ ކުރިމަތިލުމާ ގުޅޭ ގޮތުން ރަސްމީކޮށް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، ގަލްވަން ވެލީއަކީ ޗައިނާގެ ސަރަހައްދެއް ކަމަށާއި، އެ ކުރިމަތިލުން ހިނގާފައި ވަނީ، ދެ ގައުމު ގުޅޭ ބޯޑަރު ވަކިކޮށްފައި އޮންނަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ހުރަސްކޮށް، އިންޑިއާ ސިފައިން ޗައިނާގެ ސަރަހައްދަށް ވަނުމުން ކަމަށެވެ.

އަދި މި ކުރިމަތިލުން ހިނގާފައި ވަނީ، ގަލްވަން ވެލީ ސަރަހައްދުގައި މިދިޔަ އޭޕްރީލް މަހުން ފެށިގެން އިންޑިއާ އިން ގާއިމު ކުރަމުންދާ މަގުތަކާއި، ބުރިޖުތަކުގެ މަސައްކަތް ހުއްޓާލުމަށް ދެ ފަރާތުން އެއްބަސް ވުމަށްފަހު، މަސްރަހު ފިނިވަމުން އައި ދަނޑިވަޅެއްގައި ކަމަށް ތަރުޖަމާނު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ނަމަވެސް، އިންޑިއާއިން ތަކުރާރުކޮށް ބުނަމުން ދަނީ، އިންޑިއާގެ ސަރަހައްދަށް ވަދެފައި ވަނީ ޗައިނާ ސިފައިން ކަމަށެވެ.