ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ކުށުގެ ވެށިން ހައްޔަރުކުރި ކަމަށް ބުނާ ބަޔަކު ދޫކޮށްލުމަކީ އެފަދަ އަމަލުތައް ތަކުރާރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
އެމްއާރްއެމްއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރޭޕްކުރި މައްސަލައާއި ގުޅިގެން ހައްޔަކުރި މީހުން ދޫކޮށްލުމަކީ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހެންމީހުންގެ ފުރައްސާރަ އާއި ބިރުދެއްކުމާ ކުރިމަތިލާންޖެހި ނަފްސާނީ ގޮތުން އިތުރު އަނިޔާލިބުމަށް ވެސް މަގުފަހި ވެގެންދާނެ ކަމެއް ކަމަށެވެ.
"...މިއީވެސް މިހާރު އާންމުވަމުންދާ ކަމެއް، އެހެންކަމުން، މިބާވަތުގެ ލާއިންސާނީ އަދި ނާތަހުޒީބީ އަމަލުތަށް ދިވެހި މުޖުތަމަޢުން ނައްތާލުމަށް ކުރެވެންއޮތް ހުރިހާކަމެއް ކުރުމަށް ޖިނާއީ އަދުލުގެ ނިޒާމު ދަމަހައްޓަން ހަވާލުކުރެވިފައިވާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން،"
ރައީސް މައުމޫން އިސްކޮށް ހުންނަވާ އެމްއާރްއެމްއިން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަނިޔާގެ ކަންކަމުގެ ފަރުވާއަކަށް ވާނީ އަނިޔާ ލިބޭ ފަރާތަކަށް އިންސާފާއި ރައްކާތެރިކަން ކަށަވަރުން ކަމަށެވެ. އެހެން ކަމުން އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނު ތަންފީޒު ކުރުމަށް މަތިކޮށްފައިވާ އިދާރާތަކުން ވަކި ފަރާތަކަށް ބުރަނުވެ، ހަމައާއި އިންސާފުން މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް ވަނީ ގޮވާލާފައެވެ.
"ބެލެންއޮތް އެންމެ ފުރިހަމައަށް އަދި އަވަހަށް މައްސަލަ ބަލައި އަދުލުވެރިކަމާއެކު ތަހުގީގު ކުރުމަކީ، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ އެކުއް ނުކުރާ މީހަކު ނަމަ އެމީހަކަށް އިންސާފު ހޯދައިދިނުމަށްވެސް އޮތް އެންމެ ރަނގަޅު މަގު،"
އެމްއާރްއެމްއިން ވަނީ ސަފާރީ ބޯޓުގައި ހިނގިކަމަށް ތުހުމަތު އުފުލިފައިވާ އަންހެނަކު ރޭޕް ކުރި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި މީހާއަށް އިންސާފު ހޯދައިދިނުމަށް ފުލުހުން އެ މައްސަލަ އަވަހަށް ބެލުމަށް ގޮވާލާފައެވެ. އަދި މި ލާއިންސާނީ އަމަލު ހިންގި ކަމަށް ބެލެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އަނިޔާ ލިބުނު މީހާގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލަށްވެސް ވަނީ ގޮވާލާފައެވެ.