ހަބަރު

އަޅުގަނޑަށް އިހުމާލުވި މީހުން ޖަވާބުދާރީކުރުވާނަން: މައުމޫން

ހައްޔަރުކޮށް ނުހައްގުން އަނިޔާތައް ދިނުމުގައި އިހުމާލުވި ހުރިހާ ފަރާތްތަކެއް ޖަވާބުދާރީކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޓެރަރިޒަމްގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް މައުމޫން ހައްޔަރުކުރި އެވެ. އަދި ބަންދު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމެއް ނެތި ބަންދުގައި އެތައް ދުވަހަކު ބެހެއްޓި އެވެ.

އޭގެފަހުން ފޯނު ނުދެއްވި ކަމަށް ބުނެ ދައުވާ އުފުލައި، މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އަދި އެކެއް ފެބުރުއަރީ އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި އިއްވި ޖަލު ހުކުމުން ހައިކޯޓުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވި ފަހުންނެވެ.

ބޮޑެތި އިލްޒާމްތަކެއް އަޅުވައި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނަށްކޮށް، އެ މައްސަލާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށް ދަނިކޮށް ޕްރޮސިކިއުޓާ ޖެނަރަލް މިދިޔަ ހަފުތާ ތެރޭގައި ވަނީ އެ މައްސަލަ އަނބުރާ ނަގައި ފުލުހަށް ފޮނުވާލާފަ އެވެ.

އެކަމާ ގުޅިގެން "އަވަސް"އިން ރައީސް މައުމޫންއަށް އިއްޔެ ކުރި ސަވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީކުރުވަން މަސައްކަތް ކުރަންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ހަގީގަތުގައި ކޮންމެ މީހަކަށް ވެސް ލިބިފައިވާ ގާނޫނީ ބާރުތައް ބޭނުން ކުރަން ޖެހޭނީ މީހަކު ނަމަވެސް މުއައްސަސާއެއް ނަމަވެސް ގާނޫނުގައިވާ ގޮތުގެ މަތިން، އެއާ ހިލާފަށް އަމަލުކޮށްގެން ނުވާނެ، އެއާ ހިލާފަށް އަމަލުކޮށްފި މީހަކާ ދޭތެރޭގައި ފިޔަވަޅު އެޅެންޖެހޭނެ،" ނޫސްވެރިންގެ ބައްދަލުވުގައި ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުން ކަންކަން އިސްލާހު ނުވެ އޮތީ ވެސް އެފަދަ ކަންކަމުގައި ފިޔަވަޅުތައް ނޭޅޭތީ އެވެ. ގޯސްކޮށް ކަންތައް ކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު ނާޅާނަމަ ދެން ވެސް ގޯސްކޮށް ކަަންތައް ކުރާނީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކިއެކި މުއައްސަސާތަކުން ވެސް ގޯސްކޮށް ކަމެއް ކޮށްފައި އޮތިއްޔާ އެކަމެއް ބެލެން ވާނެ، އެކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޒިންމާ ނަގަން ޖެހޭނެ، އެކައުންޓަބަލް ވާން ޖެހޭނެ، އެއީ އަޅުގަނޑު ދެކޭ ގޮތަކީ، އެހެންވީމަ އަޅުގަނޑު ވެސް މަސައްކަތް ކުރަން އަޅުގަނޑާ ދޭތެރޭގައި ގާނޫނާ ހިލާފުވި ފަރާތްތަކާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު އަޅަން،" ރައީސް މައުމޫން ވިދާޅުވި އެވެ.

މިކަންކަމުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމެވެ. އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް މައްސަލައެއް ވެސް ވެއްދި އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގައި ކުރިއަކަށް ނުދެ އެވެ. އެއީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމެކެވެ.