ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނަސް އުމުރަށް ބަލިން ދިފާއެއް ނުވޭ: ދިރާސާ

އެމެރިކާ އާއި ޗައިނާގެ ސައިންސްވެރިން ތައްޔާރުކުރި ދިރާސާ ރިޕޯޓެއް ބުނާ ގޮތުގައި ކޮވިޑް-19 ބަލި ޖެހޭ މީހުންނަށް އެއް ފަހަރު އެ ބަލި ޖެހުނަސް މުޅިން އެ ބަލިން ދިފާއެއް ނުވެވެ އެވެ. މާނައަކީ ބަލި ޖެހޭ މީހަކަށް ދެ ވަނަ ފަހަރަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.

ބަލި ޖެހުމަށްފަހު އެ ބަލިން ދިފާއު ވުމަށް އެމީހާގެ ހަށިގަނޑުގައި އުފެދިފައިވާ އެންޓިބޮޑީޒް އަށް މުޅި އުމުރަށް އެމީހާ އެ ބަލިން ސަލާމަތް ކޮށްދިނުމުގެ ގާބިލްކަން ނުލިބޭ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.

މި ދިރާސާ ބިނާ ކޮށްފައި ވަނީ ޗައިނާގެ ވޫހާންގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން ބަލި ޖެހި ރަނގަޅުވީ މީހުންގެ ހާލަތު އޮބްޒާވް ކޮށްގެންނެވެ. މި މީހުންނަކީ ވޫހާންގައި ބަލި ފެތުރެން ފެށި ދުވަސްވަރު އެ ބަލި ޖެހުނު މީހުންނާ ސީދާ ކޮންޓެކްޓްވެގެން ނުވަތަ ބައްޔަށް ހުށަހެޅިފައި ތިބި ބައެކެވެ. ދިރާސާގައި ބެލީ މި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް ދުވަހަކު ވެސް އުފެދިފައިވޭތޯ އެވެ.

މި ދިރާސާގައި 23،000 ސިއްހީ ޚިދުމަތްތެރިންގެ ސާމްޕަލްތައް ނަގައި އެމީހުންގެ ހާލަތު ހޯދާފައި ވެއެވެ. މި އެންމެންނަކީ ވެސް ކޮންމެވެސް އިރެއްގައި ކޮރޯނާވައިރަހަށް ހުށަހެޅިފައި ތިބި ބައެކެވެ. އަދި މީގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި މީހުންނެވެ.

މި 23،000 ސާމްޕަލްގެ ނަތީޖާއިން ސައިންސްވެރިންނަށް ލިބުނު އެންމެ ބޮޑު ހައިރާން ކަމަކީ މީގެ ތެރެއިން އެންޓިބޮޑީޒް އުފެދިފައި ވަނީ އެންމެ ހަތަރު ޕަސެންޓް މީހުންގެ ކަމަށް ދެއްކުމުންނެވެ.

ސައިންސްވެރިން ކުރިން ގަބޫލު ކޮށްގެން ތިބީ ކޮވިޑް-19 އަށް ހުށަހެޅޭ މީހުންގެ ހަށިގަނޑުން އެންޓިބޮޑީޒް އުފައްދާނެ ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް އެ މީހުންނަށް އިންފެކްޝަން ޖެހުމުން ދިފާއު ވާނެ ކަމަށެވެ. ނަމަވެސް ފަހުގެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި ބަލި ޖެހޭ އެންމެންގެ ހަށިގަނޑުގައި ފަހުން ޗެކް ކުރާއިރު އެންޓިބޮޑީޒް ނުހުރެ އެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން ފަހުން އެންޓިބޮޑީޒް ހުންނަނީ މަދު މީހެއްގެ އެވެ.

އެންޓިބޮޑީޒް އަކީ އަހަރެމެންގެ ހަށިގަނޑުގެ ދިފާއުގައި ހަނގުރާމަކުރުމަށްޓަކައި އިމިއުން ސިސްޓަމްގައި އުފެދޭ އެއްޗެކެވެ. އެހެން ގޮތަކަށް ބުނާނަމަ ވައިރަސް އާ ހަނގުރާމަ ކުރުމަށްޓަކައި ހަށިގަނޑުގެ އިމިއުން ސިސްޓަމުން އުފައްދާ ހަނގުރާމަ ވެރިންނެވެ.

ކޮރޯނާގެ ކުރިން ފެނުނު ވައްތަރު ކަމަށްވާ ސާސް ޖެހުނު މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް އުފެދުނުކަމާއި ބަލި ޖެހުނުތާ 12 ވަރަކަށް އަހަރުވީއިރު ވެސް އެންޓިބޮޑީޒް އެމީހުންގެ ހަށިގަނޑުގައި ހުރިކަން ސައިންސްވެރިން ފާހަގަ ކުރި އެވެ.

ނަމަވެސް ވޫހާން ޔުނިވަސިޓީގެ ޒޮންގްނަން ހޮސްޕިޓަލުގެ ސައިންސްވެރިންނާއި އެމެރިކާގެ ޔުނިވަސިޓީ އޮފް ޓެކްސަސްގެ ސައިންސްވެރިން މިހާރު ބުނަނީ ކޮވިޑް-19 ޖެހޭ އެންމެންނަށް މިގޮތަށް ކަންތައް ދިމާނުވާ ކަމަށެވެ. މިފަހަރު މި ފެނިގެން އުޅޭ އާ ކޮރޯނާވައިރަހުން އިންފެކްޓްވެ ބަލި ޖެހޭ މީހުންގެ ތެރެއިން އެ ބަލިން ދިފާއު ވާނެ އެންޓިބޮޑީޒް ހަށިގަނޑުގައި ހުންނަނީ މަދު މީހެއްގެ ކަމަށެވެ.

އެމީހުން ހެދި ޓެސްޓްތަކުން ދައްކާފައިވާ ގޮތުގައި ބަލި ޖެހުނު ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން އެންޓިބޮޑީޒް ހަށިގަނޑުގައި ފަހުން ހުރީ އެންމެ ހަތަރު ޕަސެންޓް މީހުންގެ އެވެ. އަދި ހޮސްޕިޓަލު ސްޓާފުންގެ ތެރެއިން އެންމެ 4.6 ޕަސެންޓް މީހުންގެ އެވެ.

މި ދިރާސާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ގިނައިން އެންޓިބޮޑީޒް އުފެދިފައިވަނީ ބަލީގެ އަލާމާތްތައް އެންމެ ބޮޑަށް ފެންނަ މީހުންގެ ހަށިގަނޑުގަ އެވެ. ނަމަވެސް އެންޓީބޮޑީޒް އުފެދިފައިވާ މީހުންގެ ތެރެއިން ވެސް 10 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ހުރި އެންޓިބޮޑީޒް އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި މުޅިން ނެތިގެން ގޮސްފައިވެ އެވެ.

ސައިންސްވެރިން މިހާރު ބުނަނީ އެންޓިބޮޑީޒް ހުރިތޯ ބަލަން ހަދާ ޓެސްޓަކީ އެމީހަކަށް ކުރިން ބަލި ޖެހިފައިވޭތޯ ބަލަން ފުދޭ ޓެސްޓެއް ނޫނެވެ. ސަބަބަކީ މިހާރު އެމީހުންގެ ހަށީގަނޑުގައި ބަލިން ދިފާއުވުމުގެ ގާބިލްކަން ހުރި ނަމަވެސް ކުރިމަގުގައި އެމީހާއަށް ބަލިން ދިފާއު ވުމުގެ ފުރުސަތު ފުދޭ ވަރަކަށް ނޯންނާތީ އެވެ.

ސައިންސްވެރިން ބުނަނީ މި ހޯދުމަކީ ވެކްސިން އުފައްދާ މީހުންނަށް ވެސް މުހިއްމު ހޯދުމަކަށް ވާނެ އެވެ. ކޮވިޑް-19 ޖެހޭ މީހުންނަށް ބަލިން ދިފާއު ވެވިފައިވާ ކަމުގެ ސެޓްފިކެޓް ދިނުމަކީ މިހާރު އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫންކަމަށް މި ރިޕޯޓުގައި ސައިންސްވެރިން ވަނީ ފާހަގަ ކޮށްފަ އެވެ.