ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19 އަށް މަޑުޖެހުމެއްނެތް، މަރުގެ އަދަދު ބައި މިލިއަނަށް

Jun 29, 2020

މުޅި ދުނިޔޭގައި ކޮވިޑް-19 އިގެ ޝިކާރައަކަށްވި މީހުންގެ އަދަދު ބައި މިލިއަން ހުރަސްކޮށްފައިވާކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތަކުގައި ބުނެފި އެވެ.

އެގޮތުން، އެ ބަލީގައި އިއްޔެ އާ ހަމައަށް މަރުވި މީހުންގެ އަދަދު 500،108 އަށް އަރާފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވެސް މިހާރު ވަނީ 10 މިލިއަން ހުރަސްކޮށްފަ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީން ބުނެފައިވާ ގޮތުގައި، އެ ބަލީގައި އެންމެ ގިނަ މީހުން މަރުވި ތިން ގައުމުގެ ތެރޭގައި، އެމެރިކާ، ބްރެޒިލް އަދި އިނގިރޭސިވިލާތް ހިމެނޭ ކަމަށެވެ.

އެގޮތުން، އެމެރިކާގައި އެކަނި 2.5 މިލިއަން މީހުނަށް އެ ބަލި ޖެހިފައިވާއިރު، ރަޝިއާގެ އިތުރުން އިންޑިއާގައި ވެސް އަދިވެސް ރެކޯޑް އަދަދުތަކުން ބަލި ޖެހިފައިވާ މީހުން ދަނީ ފެންނަމުންނެވެ.

ނަމަވެސް، ޖޯން ހޮޕްކިންސް ޔުނިވާސިޓީން އަދަދު ކުރަނީ ގައުމުތަކުގެ ރަސްމީ ހިސާބުތައް ކަމަށްވުމާއެކު، ހަގީގީ އަދަދު 10 ގުނަ އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

ކޮންމެވެސް ވަރަކަށް މަޑުޖެހެމުން އައުމަށްފަހު، އަނެއްކާވެސް ކުއްލިއަކަށް ބަލި ފެތުރިގެން ގޮސްފައިމިވަނީ، ގިނަ ގައުމުތަކުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ލޮކްޑައުންތައް އުވާލަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، އިގުތިސޯދުތައް ވަޅުޖެހެމުން އައުމުގެ ބިރަށް ލޮކްޑައުން އުވާލަން ސަރުކާރުތަކަށް ޕްރެޝަރު ބޮޑުވަމުން އައުމާއެކު، ދެވަނަ ރާޅަކާއެކު އެ ބަލި ފެތުރިގެން ހިނގައިދާނެކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ އިންޒާރުދީފަ އެވެ.