ދުނިޔެ

ޕާކިސްތާނުގެ ސްޓޮކް އެކްސޭންޖަށް ހަމަލާދިން މީހުން މަރާލައިފި

Jun 29, 2020

ކަރާޗީ (ޖޫން 29) - ޕާކިސްތާނުގެ ދެކުނުގައި އޮންނަ ސިޓީއެއްކަމަށްވާ ކަރާޗީގައި ހުންނަ ސްޓޮކް އެކްސްޗޭންޖަށް ބަޑިހިފައިގެން ބައަކު ވަދެ ދިން ހަމަލާގައި މިހާތަނަށް ދެ މީހަކު މަރުވެ، ގިނަ ބައަކު ޒަހަމްވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ސްޓޮކް އެކްސްޗޭންޖު ހުންނަ އިމާރާތުގެ މައި ގޭޓަށް ގްރެނޭޑު ހަމަލާއެއް ދިނުމަށްފަހު ބަޑިހިފައިގެން ވަދެ ހަމަލާދިން ހަތަރު މީހުން، ފުލުހުންނާއެކު ހިނގި ކުރިމަތިލުމުގެ ތެރެއިން މަރާލެވިފައިވާކަމަށް އިތުރަށް ބުންޏެވެ.

ނަމަވެސް، އެ ހަމަލާދިނީ ހަތަރު މީހުން ކަމެއް އަދި ހަމަލާގެ ފަހަތުގައި އޮތީ ކޮން ޖަމާއަތެއްކަމެއް އަދި ސާފެއް ނުވެ އެވެ.

ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރު ވިދާޅުވީ، ބަޑިހިފައިގެން އެ މީހުން ވަދެފައިވަނީ ކާ ޕާކުގެ ތެރެއިން ކަމަށާއި، އިމާރާތަސް ވަދެ، އެތަނުގެ ތެރޭގައި ތިބި އެންމެނަށް އަމާޒުކޮށް ބަޑިން ހަމަލާދީފައިވާ ކަމަށެވެ.