ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެމިރޭޓްސް ޖުލައި 16 ގައި ރާއްޖެއަށް ފަށަނީ

އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެމިރޭޓްސް ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެމިރޭޓްސް އެއާލައިނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އަންނަ މަހުގެ 16 އިން ފެށިގެން ދަތުރުތައް ފަށާއިރު ދުބާއީ އާއި މާލެއާ ދެމެދު ހަފުތާއަކު ފަސް ފްލައިޓް ބާއްވާނެ ކަމަށެވެ. މި ފްލައިޓްތައް އޮންނާނީ ބުރާސްފަތި ދުވަހާއި ހުކުރު އަދި ހޮނިހިރު ދުވަހާއި އާދީއްތަ އަދި ހޯމަ ދުވަހު ކަމަށެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ އެއާލައިން، އެމިރޭޓްސް އިން ވަނީ ޖުލައި މަހުން ފެށިގެން އިތުރު 52 މަންޒިލް ތަކަށް ދަތުރު ކުރަން ނިންމާފަ އެވެ. ދުބާއީގައި މަރުކަޒު ވެގެން ހިދުމަތް ދޭ، އެއާލައިނުން ވަނީ ދުބާއީ އާއި ގިނަ ބައްރުތަކެއް ގުޅާލާނެ ކަމަށް ބުނެފަ އެވެ. އަލަށް އިތުރު ކުރި މަންޒިލްތަކުގެ ތެރޭގައި މެދުއިރުމައްޗާއި އެފްރިކާ އަދި ޕެސިފިކް އޭޝިއާގެ އިތުރުން ޔޫރަޕާއި އެމެރިކާ ހިމެނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމިރޭޓްސް އިން ދަތުރު ކުރާ ފަސިންޖަރުންގެ ރައްކާތެރި ކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާނެ އެވެ. އެމިރޭޓްސް އިން ދަތުރު ކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި "ހައިޖިން ކިޓެއް" ދޭނެ އެވެ. އެ ކިޓުގައި މާސްކް އާއި އަންގި އަދި ސެނެޓައިޒާގެ އިތުރުން އެންޓި ބެކްޓީރިއަލް ޓި ހިމެނެ އެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮންތާ ދެ މަސް ފަހުން ރާއްޖެގެ ބޯޑަރު އަލުން ހުޅުވާލަން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލް ބުނެފައިވާ ގޮތުގައި އެއާޕޯޓް ހުޅުވާލާއިރު ޖައްސަން 10 ފްލައިޓަކުން ޖާގަ އަށް ވަނީ އެދިފަ އެވެ. އަދި ނިއު ނޯމަލްގައި ފްލައިޓް ހޭންޑްލް ކުރާނެ އުސޫލު ވެސް އެ ކުންފުނިން ވަނީ އެކުލަވާލާފަ އެވެ.

އެ އުސޫލުގެ ދަށުން ކޮންމެ 20 މިނެޓަކުން ފްލައިޓަށް ހިދުމަތް ދެވޭނެ ވަސީލަތް ވަނީ ފުރިހަމަ ކޮށްފަ އެވެ. ނަމަވެސް އާއްމު ހާލަތުގައި އެއް ފަހަރާ 1،000 މީހުންނަށް ހިދުމަތް ދޭ އިންޓަނޭޝަނަލް އެރައިވަލް އިން ހިދުމަތް ދޭނީ 577 މީހުނަށެވެ. އަދި އިންޓަނޭޝަނަލް ޑިޕާޗާގައި އާއްމުކޮށް، އެއް ފަހަރާ 1،200 މީހުންނަށް ހިދުމަތް ދިން ނަމަވެސް ހިދުމަތް ދޭނީ 750 މީހުންނަށެވެ.