ރޭޕްކުރުމާ ދެކޮޅަށް މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީ ކައިރި މިއަދު ހަވީރު ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ރޭ ހުޅުމާލޭގައި ފަޅުގައި އޮތް ސަފާރީ އެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ހާދިސާ އާ ގުޅިގެން، ރޭޕް އާ ދެކޮޅަށް އަޑު އުފުލާ އިންސާފު ހޯދުމަށް ކުރިއަށް ގެންދިޔަ މުޒާހަރާ އެކެވެ.
ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މި މުޒާހަރާގައި އެ މީހުން ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ނުފޫޒެއް ނެތި ބެލުމަށް ގޮވާލާފައެވެ. އަދި އެފަދަ މައްސަލަތަކުގައި އިންސާފު ގާއިމްކޮށް ދިނުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ.
![](https://images-01.avas.mv/post/big_xg0PrhvNG7ga5JedvOcp7PuWN.jpg)
ޖެންޑާ މިނިސްޓްރީ ކައިރީ އަޑުއުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުގައިވެސް މުޒާހަރާ ކޮށްފައެވެ. ނަމަވެސް ބޭރު މަގަށް މުޒާހަރާގެ ބައިވެރިން ދިއުމާއެކު ފުލުހުން ވަނީ އެ މީހުންނަށް ހުރަސް އަޅާފައެވެ.
އޭގެ ކުރިން ފުލުހުން އެއްވެސް ވަރަކަށް މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާފައެއް ނުވެއެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕާސްޕްރޭ ޖަހާފައެވެ.
![](https://images-01.avas.mv/post/big_ftGsThdyu8v387nvjtRxmgYDS.jpg)
![](https://images-01.avas.mv/post/big_BUndGgPDUIrcfDaixHUeHHSic.jpg)
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުންވަނީ ފުލުހުންނަށް ހަމަލާވެސް ދީފައެވެ. އެކަމާއި ގުޅިގެން އެކަކު ހައްޔަރުވެސް ކުރިއެވެ.
ނަމަވެސް ފުލުހުންގެ ކާރަށް އެރުވި ފަހުން އެ މީހާ ވަނީ ކާރުގެ އަނެއް ދޮރުން ނިކުމެގެން ގޮސްފައެވެ. އިތުރު ބަޔަކުވެސް މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއެވެ. އަވަސްގެ ރިޕޯޓަރުންނަށް ތިން މީހަކު ހައްޔަރު ކުރަނިކޮށް ފެނުނެވެ.
![](https://images-01.avas.mv/post/big_DGQgDXLWmrAAdmBnV1qLoJS7l.jpg)
އެކަމާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުންޏެވެ. ބުނީ ބަލާލާފައި އެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިންވަނީ ބޮޑުތަކުރުފާނު މަގުން ހިނގަމުން އައިސް ފުލުހުންގެ އިދާރާ ކައިރިއަށްވެސް އެއްވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޭންކް ކައިރިން ފުލުހުން ވަނީ މުޒާހަރާ ރޫޅާލާފައެވެ.
މުޒާހަރާ ކުރިއަށްގެންދާ ވޮއިސް އޮފް ޗިލްޑްރަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމީހުން އަޑު އުފުލަނީ ރޭޕް ކުރުން އަދި ޖިންސީ ގޯނާ ކުރުން އެއީ ބޮޑު ކުށަކަށް ހެދުމަށް ކަމަށާއި، ރޭޕް ކަހަލަ ކުށްތައް އަވަސް ނިޔާގައި ކޯޓު މަރުހަލާއިން ނިންމުމަށެވެ. އަދި، އިންސާފު ގާއިމްކޮށް އިންސާފަށް ހުރަަސް އަޅާ މީހުންނަށް ފިޔަވަޅު އެޅުމަށެވެ.
ހުކުރު ދުވަަހު ހިނގި މި ހާދިސާ އާ ގުޅިގެން، މިއަދު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މި މައްސަލަ ބަލަން ފަށާފަ އެވެ. އަަދި އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަހެއް ހޯދުމަށާއި މައްސަލަ ބަލަމުންދާ ފުލުސް އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ހޯދަން ވަނީ ނިންމާފަ އެވެ.