ހަބަރު

ރޭޕް މައްސަލާގައި މުޒާހަރާ ކޮށްފި

ރޭޕްކުރުމާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކައިރީގައި މުޒާރާ ކުރަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީ ކައިރީ މިހާރު ކުރިއަށްދާ މި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ރޭ ހުޅުމާލޭގައި ފަޅުގައި އޮތް ސަފާރީ އެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ހާދިސާ އާ ގުޅިގެން، ރޭޕް އާ ދެކޮޅަށް އަޑު އުފުލާ އިންސާފު ހޯދުމަށް ކުރިއަށްދާ މުޒާހަރާ އެކެވެ.

މުޒާހަރާ ކުރިއަށްގެންދަނީ، ވޮއިސް އޮފް ޗިލްޑްރަން އިން އިސްނަގައިގެންނެވެ. ޖެންޑާ މިނިސްޓްރީ ހުންނަ މަގުގެ ކަންމައްޗަަށް ވާ ގޮތަށް މުޒާހަރާ ކުރިއަށްދާއިރު މި ސަރަަހައްދުގައި ފުލުހުންވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މުޒާހަރާ ރޫޅާލަން ފުލުހުން އަދި މަސައްކަތެއް ނުކުރެއެވެ.

މުޒާހަރާ ކުރިއަށްގެންދާ ވޮއިސް އޮފް ޗިލްޑްރަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމީހުން އަޑު އުފުލަނީ ރޭޕް ކުރުން އަދި ޖިންސީ ގޯނާ ކުރުން އެއީ ބޮޑު ކުށަކަށް ހެދުމަށް ކަމަށާއި، ރޭޕް ކަހަލަ ކުށްތައް އަވަސް ނިޔާގައި ކޯޓު މަރުހަލާއިން ނިންމުމަށެވެ. އަދި، އިންސާފު ގާއިމްކޮށް އިންސާފަށް ހުރަަސް އަޅާ މީހުންނަށް ފިޔަވަޅު އެޅުމަށެވެ.

ހުކުރު ދުވަަހު ހިނގި މި ހާދިސާ އާ ގުޅިގެން، މިއަދު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މި މައްސަލަ ބަލަން ފަށާފަ އެވެ. އަަދި އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަހެއް ހޯދުމަށާއި މައްސަލަ ބަލަމުންދާ ފުލުސް އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ހޯދަން ވަނީ ނިންމާފަ އެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކުރުމަށް ފަހު، ފަހުން ވަނީ ކުއްލި ގޮތަކަށް ދޫކޮށްލައިފަ އެވެ. އެ މީހުން ދޫކޮށްލީ "ނުފޫޒުގަދަ" ބައެއް ކަމަށް ބުނެ ފުލުހުންގެ އިސްވެރިން އެންގުމުން ކަމަށް ދަނީ އެކި ގޮތްގޮތުން އަޑުފެތުރެމުންނެވެ. ނަމަވެސް ފުލުހުން މި ކަން ދޮގު ކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ ބެލުމުގައި ނުފޫޒެއް ނެތް ކަމަށެވެ. އަދި، އެ އަންހެން މީހާ އެއްވެސް ނޫހަކަށް އިންޓަވިއު ދީފައި ނުވާކަމަށެވެ.

މި އަހަރު ކުރީކޮޅުވެސް ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލަ އެއް ފެންމަތިވެ، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާތައް ކުރި އެވެ.