އެންއީއޯސީ

ޖުލައި 1 ގައި އެންއީއޯސީ އުވާލަނީ

މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މި ބަދަލާއިއެކު ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ބުދަ ދުވަހުން ފެށިގެން އެންއީއޯސީ އުވާލާނެއެވެ.

މިއަދު ހަވީރު ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، އެންއީއޯސީ ގައި މަސައްކަތްކުރާ މުވައްޒިފުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް ކޯވިޑް-19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށެވެ. ރައީސް ވިދާޅުވީ ބައެއް ގައުމުތަކުގައި ވަރަށް ގޯސް ހާލަތަކަށް ދިޔަ ކަމަށާ ނަމަވެސް ރާއްޖެ މިހާރު މި އޮތް ހާލަތަށް އާދެވިފައި ވަނީ ސިއްހީ މާހިރުންގެ އިރުޝާދުތަކާއި ދެއްވި މައުލޫމާތުތަކުގެ ސަބަބުން ކަމަށެވެ.

އައު މަރުޙަލާއަށް ބަދަލުވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލަކީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށެވެ. މި މަސައްކަތުގައިވެސް ސިއްހީ މާހިރުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކޮންމެ ރެއަކު އެންއީއޯސީން ގެންދިޔައީ ނޫސްވެރިންނާއި ބައްދަލްކޮށް އެހިނދަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދެމުންނެވެ.

ކޮވިޑްގެ ރާއްޖޭގެ އަދަދު ވަނީ 2,337 އަށް އަރާފަ އެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،927 އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 397 މީހުންނެވެ.

ކޮވިޑަށް 49،338 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.