ލައިފްސްޓައިލް

ރޭޕާއި ދެކޮޅަށް ފަރުދީ ގޮތުން ކުރެވޭނީ ކޮންކަމެއް؟

ރޭޕްގެ ވާހަކަ ތަކަކީ ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އަދި އަޑުއަަހަން ފަސޭހަ ވާހަކަތަކެއް ވެސް ނޫނެވެ. ނަމަވެސް ރޭޕްގެ މައްސަލަތައް މުޖުތަމައުގައި މިދަނީ އެއް ދުވަހަށް ވުރެ އަނެއް ދުވަަހަށް އިތުރުވަމުންނެވެ. ސަފާރީއެއްގައި އަންހެނަކާމެދު ހިނގައިދިޔަ "ރޭޕްކޭހެއެއް" ގެ ވާހަކައެއް އައެވެ. އެ މީހާ ޖިންސީ ގޯނާ ކޮށްފައިވާ ރޭޕްކުރި ކަމަށް އަދި ސާބިތެއް ނުވެއެވެ. ނަމަވެސް ރޭގަނޑު ގަޑީގައި ސަލާމަތްވާން ކަނޑަށް ފުންމާލި އެވެ.

އެ ކޭހުގައި ތުހުމަތު ކޮށްފައިވާ މީހުންނަކީ ސިޔާސީ ގޮތުން ނުފޫޒު ގަދައެއް ބައެއް ކަމުން ކުށުގެ ވެށިން ހައްޔަރު ކުރި ކަމުގައި ވިއަސް ފުލުހުން ދޫކޮށްލީ އެވެ. ރައްޔިތުން ކެކިގަނެ ސޯޝަލް މީޑިއާގައި މިކަަމާއި ގުޅޭގޮތުން އެކި އެކި ޝުއޫރު ފާޅުކުރި އެވެ.

މިފަދަ އަމަލެއް ހިންގާފައިވާނަމަ އެއީ ކޮންމެ އާއިލާއެއްގެ މީހެއް ނަމަވެސް އެ މައްސަލަ ބެލެންޖެހެ އެވެ. އަދި ކުށެއް ކޮށްފައިވާ ނަމަ ހައްގު އަދަބު ލިބެންޖެހެ އެވެ. ސަރުކާރުގެ ޕޮލިސީ ތަކުގައި ޖިންސީ ހާނިކަ އާއި ގޯނާއަށް "ޒީރޯ ޓޮލަރެންސް" ކަމުގައި ބުނެ އެވެ. ނަމަވެސް މިކަންކަން ތަންފީޒުވާތަނެއް ނުފެނެ އެވެ. ޖިންސީ ގޯނާއަކީ ބޮޑު ކުށަކަށް ނުވެ ދޫކޮށްލެވޭ ފަހަރާއި ދަންނަ މީހަކަށްވުމުން ހާއްސާ މާފެއްގެ ދަށުން ދޫވާ މަންޒަރު ފެނެ އެވެ. މީގެ އިތުރުން، ތަހުގީގީ އިދާރާ މައްސަލަތައް ފުނިޖެހިފައި ވަނީ އެކަށީގެންވާ މިންވަރަށް ހެކި ނުލިބި ގިނަ ދުވަސްވެ މައްސަލަ ނިންމަން ފިނިހަކައިގެ ސްޕީޑް ގެންގުޅެ އެވެ.

އިދާރާ ތަކުން މިގޮތަށް ކަންތައް ކުރާ އިރު އާއިލާގެ އަބުރު ގެއްލިދާނެތީ ރޭޕްގެ ވާހަކަތަށް ފޮރުވުމަކީ ވެސް އޮންނަ ކަމެކެވެ. ކުޑަކުއްޖަކަށް ޖިންސީ ހާނީއްކާ ކުރާނަމަ ރަށުތެރޭ ވާހަކަ ދައްކާނެ ތީ ލަދުން އެވާހަކަ ދެއްކުމެއް ނޯވެ އެވެ. އަވަހަށް ފަސް އަޅާލައި ނުވާކަމެއް ކަމުގައި ހަދަނީ އެވެ.

ކަން މިހެން އޮތް އިރު ވެސް، އެންމެ ބޮޑު އެއް މަައްސަލައަކީ ވިކްޓިމް ބްލޭމިން އެވެ. "އޭނާ ރޭޕް ކުރީ ހެދުން އަޅާ ގޮތުން" ނުވަތަ "އެހާ އިރު ބޭރުގައި އުޅެނީ ކީއްކުރަން؟" މި ކަހަލަ މޭރުމަކުން ވިކްޓިމަށް ފާޑު ކިޔުމެވެ. މީހަކު ކޮންމެ ހެދުމެއް ލައިގެން ހުރި ނަމަވެސް އެމީހަކު ރޭޕް ކުރާކަށް ނުޖެހެ އެވެ. އަދި އެއީ ކޮންމެ ގޮތަކަށް އުޅޭ މީހަކު ނަމަވެސް ގަދަ ކަމުން ޖިންސީ ގޯނާ ކުރާކަށް ނުޖެހެ އެވެ. މި ކަންކަމާހުރެ ޖިންސީ ގޯނާ އަދި ރޭޕް ކުރުން ރިޕޯޓް ކުރުމަށް ޖެހިލުން ވެއެވެ.

ފަރުދީ ގޮތުން ކުރެވޭނެ މާ ބޮޑު ކަމެއް އޮތްހެން ހީނުވެދާނެ އެވެ. ނަމަވެސް މީހަކު ރޭޕްގެ ވާހަކައެއް ބުނެފިނަމަަ އެމީހާގެ އަޑު އަހާށެވެ. ރިޕޯޓް ކުރަން ބޭނުންވާނަމަ އެކަމަށް އެހީތެރިވާށެވެ. ރޭޕް އާއި ޖިންސީގޯނާ އިން ލިބޭ ގެއްލުންތަކަކީ މުޅި އުމުރަށް އެމީހަކު އެ ތަޖުރިބާއާއެކު އުޅެން ޖެހޭނެ ކަމަކެވެ. އޭގެ ސަބަބުން ނަފްސާނީ ގޮތުން މީހާއަށް ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ފަދަ ކަންކަމާ ކުރިމަލި ލާން ޖެހެއެވެ. އަދި މިއީ ނަފްސާނީ ބޮޑެތި ބަލިތަކަށް ހުޅުވޭ ދޮރެއް ކަމަށް ވެސް ވެގެން ދެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކަން ކުރާކަން އެނގޭނަމަ ލަސް ނުކޮށް އަވަހަށް އެކަން ރިޕޯޓް ކުރުމަކީ ފަރުދީ ގޮތުން ކުރެވިދާނެ ކަމަކެވެ. އަދި އެ މާހައުލުން ކުއްޖާ ދުރުކުރުމަށް ކުރެވެން ހުރިހާ ކަމެއް ކުރެވިދާނެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް މައިންބަފައިންގެ ހައިސިއްޔަތުން އެ ކުދިންނަށް ކަންކަން ކިޔައިދީ އޮޅުން ފިލުވިދާނެ އެވެ. އެކުދިން ގައިގައި އެހެން މީހުންނަށް އަތް ނުލެވޭނެ ތަންތަނަކީ ކޮބައިތޯ އެންމެ ކުރީންސުރެ ވެސް ކިޔައިދެވިދާނެ އެވެ.

ރޭޕް އާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ ބޮޑެތި މައްސަލަތައް ކަމުގައިވާ އިރު މިފަދަ ކަންކަން މީޑިއާ އިން ގެނެސްދޭ އިރުވެސް ގެންނަންވާ ވަކި ހަމަތަކަކާއި އުސޫލުތަކެއް ހުރެ އެވެ.