ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

މި އަހަރު ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް، ކޮރޯނާ ވައިރަސްގެ އަސަރުކޮށް އެ މުބާރާތްވެސް އަންނަ އަހަރަށް ފަސް ކުރުމަށް ދެކުނު އޭޝިއާގެ ފުޓްބޯލް ފެޑްރޭޝަނުން ނިންމައިފި އެވެ.

ޕާކިސްތާންގައި ކުރިން ބާއްވާ ގޮތަށް ހަމަޖެހިފައި އޮތް ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތް، ބަންގުލަދޭޝް އަށް ބަދަލު ކުރުމަށް މިދިޔަ އަހަރު ނިންމީ، މި އަހަރަކީ ބަންގުލަދޭޝްގެ ފައުންޑާ މުޖިބުއް ރަހްމާން އުފަންވެ ވަޑައިގަތްތާ 100 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރާ އަހަރު ކަމަށް ވުމުންނެވެ. ހޯސްޓް ނޭޝަން ބަދަލު ކުރަން ނިންމީ އެކަން ފާހަގަ ކުރުމަށް ހިންގާ ހަރަކާތެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕް އެ ގައުމުގައި ބޭއްވުމުގެ ފުރުސަތު ދިނުމަށް އެ ގައުމުން ސާފްގައި އެދުމުންނެވެ. އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މުބާރާތްވެސް ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން މުބާރާތް ބާއްވާ އަހަރު ބަދަލު ކުރަން ޖެހުނު ނަމަވެސް މުބާރާތް ބާއްވަނީ ބަންގުލަދޭޝްގަ އެވެ. ސާފްގެ ހަތް ގައުމުގެ ފުޓްބޯޅަ އިދާރާތަކުގެ ޖެނަރަލް ސެކެޓްރީންގެ މެދުގައި ބޭއްވި އޮންލައިން ކޮންފަރެންސެއްގައި ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސް ކުރުމަށް ވަނީ ފާސް ކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކުރީ ރާއްޖެއިންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ ބަލި ކުރީ ފައިނަލުގައި 2-1 ން މޮޅު ވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސުޒުކީގެ ސްޕޮންސާޝިޕް އާއެކު އެވެ. އެހެންވެ އެ ދެ ފަހަރުވެސް މުބާރާތް ކުރިއަށް ގެންދިޔައީ ސާފް ސުޒުކީ ކަޕްގެ ނަމުގަ އެވެ. ސުޒުކީ އާއެކު ހެދި އެއްބަސްވުުން ވަނީ މިހާރު ނިމިފަ އެވެ.

ރާއްޖެއިން ވަނީ ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ މުބާރާތުގެ ތިން ވަނަ މިދިޔަ އަހަރު ހޯދާފަ އެވެ.