ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ ފިލިޕީންސްއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ހާލު ބޮޑުވެ އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ އިއްޔެ އެވެ. މި މީހާއަކީ ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި ނުވަ ވަނަ މީހާ އެވެ.
މީގެކުރިން ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުން މަރުވެފައިވެ އެވެ. މަރުވި ދިވެހިންނަކީ މުޅިން ވެސް ދުވަސްވީ މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނުތާ 100 އަށްވުރެ ގިނަ ދުވަސްވެފައިވާއިރު ލޮކްޑައުންއަށް ލުއިތައް ދޭން ފެށިތާ ވެސް ވަނީ ދެ ހަފުތާވެފަ އެވެ. ލުއިތައް ދޭން ފެށި ފަހުން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު މަދެވެ. އެގޮތުން މިހާރު 22 އަށްވުރެ އިތުރަށް ދުވާލަކު ކޭސް ފެނިފައެއް ނުވެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް 800 ޓެސްޓް ހަދަ އެވެ.